05 Oct 2020, 07:15
ފިލްމީ ދާއިރާއަށް ކޮށްދެމުން އަންނަ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން، ދާދާސާހެބް ފާލްކޭ އެކްސެލެންސް އެވޯޑް ލިބިފައިވާ ބަތަލާ ތަމަންނާ ބާޓިއާއަށް ކޮވިޑް19 ޖެހިއްޖެ އެވެ.
ހައިދަރްއާބާދުގައި ވެބް ސީރީޒެއްގެ ޝޫޓިން ކުރިއަށް ދަނިކޮށް ތަމަންނާ ބަލިވުމާއެކު އެންމެ ކައިރީގައި ހުރި ހޮސްޕިޓަލަށް ގޮސް ކޮވިޑަށް ޓެސްޓުކުރި ކަމަށާއި އޭގެ ނަތީޖާ އައީ ޕޮޒިޓިވްކޮށް ކަމަށް ހަބަރުތައް ބުނެ އެވެ. ތަމަންނާ އަށް ކޮވިޑް ޖެހުނުއިރު އޭނާގެ މައިންބަފައިންނަށް ވެސް ވަނީ މިދިޔަ އޯގަސްޓް މަހު ކޮވިޑް ޖެހިފަ އެވެ.
ޕްރައިވެޓް ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްގެން ތަމަންނާއަށް މިހާރު ފަރުވާ ދެމުން އަންނައިރު އޭނާގެ ފޭނުން އަންނަނީ އޭނާއަށް އަވަސް ޝިފާއަށް އެދި ސޯޝަލް މީޑިއާ މެދުވެރިކޮށް މެސެޖު ފޮނުވަމުންނެވެ.
ތަމަންނާ ބޮޑަށް މަޝްހޫރުވެގެން ދިޔައީ "ބާހޫބަލީ"ގެ ދެ ފިލްމުގައި އޭނާ ކުޅެފައިވާ ރޯލުގެ ސަބަބުންނެވެ. ތަމަންނާ ވަނީ ތެލުގޫ، ތަމިލް އަދި ހިންދީ ފިލްމުތަކުގައި މަސައްކަތް ކޮށްފަ އެވެ.