ކުވެއިތުގެ އާ އަމީރު ޝައިހް ނަވާފް އަލް އަހުމަދު އަލް ސަބާހް، ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު އެމެރިކާ އަދީ އީރާނުގެ އޮފިޝަލުންނާ ބައްދަލުކުރައްވައިފި އެވެ.

ކުވެއިތުގެ ކުރީގެ އަމީރު ޝައިހް ސަބާހް އަލް އަހުމަދު އަލް ސަބާހް މިދިޔަ އަންގާރަ ދުވަހު ވަނީ އަވަހާރަވެފަ އެވެ.

އިރާނާއި މެދުއިރުމަތީގެ ބައެއް ގައުމުތަކުގެ ގުޅުން ގޯސް ނަމަވެސް ކުރީގެ އަމީރުގެެ ވެރިކަމުގައި ސައުދީ އަދި އިރާނާއެކު ގުޅުން ބާއްވާފައިވެ އެވެ.

އާ އަމީރު ވަނީ އެމެރިކާގެ ޑިފެންސް ސެކްޓްރީ މާކް އެސްޕާ އަދި އީރާނުގެ ފޮރިން މިނިސްޓަރު މުހައްމަދު ޖަވާދު ޒާރިފްއާ ބައްދަލުކުރައްވައިފަ އެވެ.

ޒާރިފް ވިދާޅުވީ ކުރިއެކޭ އެއްގޮތަށް އާ އަމީރުގެ ވެރިކަމުގައިވެސް އީރާނާއި ކުވެއިތުގެ ގުޅުން އިތުރަށް ބަދަހިވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ބެލެވޭ ގޮތުގައި އާ އަމީރުވެސް އޯޕެކްގެ ގައުމުތަކާއެކު ބޭއްވި ޚާރިޖީ ގުޅުންތައް ބާއްވާނެ އެވެ.

އަމީރު ޝައިޚް ނަވާފް ވެެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ތެލުގެ އަގުތައް ވެއްޓުމާއި ކޮރޯނާއާ ގުޅިގެން ކުވެއިތުގެ އިގްތިސާދަށް ވަނީ ލޮޅުން އަރައިފަ އެވެ.

ވެެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު އަދިވެސް އެގައުމުގެ ވަލީއަހުދުގެ މަގާމަށް ބޭފުޅަކު ހަމައެއް ނުޖައްސަވަ އެވެ. -- އަލްޖަޒީރާ