05 Oct 2020, 07:23
ޖޫން މަހު މަރުވި އެކްޓަރު ސުޝާންތު ސިންހް ރާޖްޕުތް މަރާލީ ނޫން ކަމަށާއި އޭނާ މަރުވީ އަމިއްލައަށް ދަންޖެހިގެން ކަމަށް އެއިމްސްގެ ޑަކްޓަރެއް ބުނެފި އެވެ.
ބޭރުގެ ނޫހެއް ކަމަށްވާ އިންޑިއާ ޓުޑޭ އިން އެއިމްސްގެ އިސް ޑަކްޓަރެއް ކަމަށްވާ ޑރ. ސުދީރް ގުޕްތާ އާ ހަވާލާދީ ބުނީ އެއިމްސްގެ ޕެނަލަށް ސުޝާންތު މަރާލީ ކަމުގެ ހެތްކެތް ފެނިފައިނުވާ ކަމަށާއި އޭނާ މަރުވީ ކަމަށް ކޫޕާ ހޮސްޕިޓަލުން ހެދި ޕޯސްޓްމޮޓާމް އިން ގަބޫލުކުރެވޭ ކަމަށެވެ.
އޭނާގެ އާއިލާ، ރަހުމަތްތެރިން އަދި ފޭނުން ވެސް ސުޝާންތު މަރާލީކަމަށް ބުނަމުން ދިޔައިރު އެ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް އެއިމްސްގެ އެ ޑަކްޓަރު ވަނީ ބުނެފަ އެވެ. ބޭރުގެ ބައެއް މީޑިއާތަކަށް ޑރ. ސުދީތް އިންޓަވިއު ދިން ނަމަވެސް ރަސްމީކޮށް އެއިމްސް އިން ސުޝާންތު މަރާ ގުޅޭ އެއްވެސް ރިޕޯޓެއް ނެރެފައެއްނުވެ އެވެ.
އެއިމްސްގެ އެހެން ޑަކްޓަރެއް ކަމަށްވާ ޑރ އާދާޝް ކުމާރާ ހަވާލާދީ އެ ނޫހުން ބުނީ ސުޝާންތުގެ ޗެޕްޓާ އެއްކޮށް ނިމިއްޖެ ކަމަށާއި އިތުރަށް މީގައި ދައްކާނެ ވާހަކައެއް ނެތްކަމަށެވެ. އަދި އޭނާގެ ހަށިގަނޑުން އެއްވެސް ވިހައެއްގެ އަސަރު ވެސް ފެނިފައިނުވާ ކަމަށް ބުންޏެވެ.
އެއިމްސްގެ ޑަކްޓަރުން ސުޝާންތު ދަންޖެހިގެން މަރުވީކަމަށް ނިންމުމާއެކު ގިނަ އަދަދެއްގެ މީހުން ނުރުހުން ފާޅުކުރަމުންދާއިރު އެއް ބަޔަކު ބުނަނީ ކޫޕާ ހޮސްޕިޓަލުން ހެދި ޕޯސްޓްމޮޓާމް ރިޕޯޓަކީ އެއްވެސް އަސްލެއް ނެތް އެއްޗެއްކަމަށެވެ.
އެއިމްސްގެ އެ ނިންމުމާ ގުޅިގެން ސުޝާންތުގެ ވަކީލު ވިކާސް ސިންހް ވިދާޅުވީ ސުޝާންތުގެ ހަށިގަނޑު ނުފެނި ފޮޓޯތަކެއް ފެނިގެން ބަލައިގެން އޭނާ އަމިއްލައަށް މަރުވީކަމަށް ނުބެލެވޭނެ ކަމަށެވެ. އަދި އެއްވެސް ކަމެއްގެ ހަގީގަތް ނޭނގޭ ގޮތަށް ކޫޕާ ހޮސްޕިޓަލުން ތައްޔާރުކޮށްފައިވާ ޕޯސްޓްމޮޓާމް ރިޕޯޓަށް ބަލައި އެ ނިންމުން ނުނިންމޭނެ ކަމަށެވެ.
ކޫޕާ އިން ތައްޔާރުކުރި ޕޯސްޓްމޮޓާމްގައި ސުޝާންތު މަރުވި ގަޑިއެއްވެސް ހިމަނާފައެއް ނުވެ އެވެ. އަދި ޕޯސްޓްމޮޓާމް ހިންގީ އިންޑިއާގައި ޕޯސްޓްމޮޓާމް ހިންގަން މަނާކޮށްފައިވާ ވަގުތެއްގަ އެވެ.
ބަޔަކުވެގެން ސުޝާންތު މަރާލީކަމަށް 200 އިންސައްތަ ގަބޫލުކުރެވޭ ކަމަށް މީގެ ކުރިން އެއިމްސްގެ ޑަކްޓަރެއް ވިދާޅުވިކަމަށް ވިކާސް ވަނީ ވިދާޅުވެފަ އެވެ. އެއިމްސް އިން އަދި ރަސްމީގޮތެއްގައި ރިޕޯޓް ނުނެރޭއިރު މިއަދުގެ ވަގުތެއްގައި އެ ރިޕޯޓް ލިބޭނެ ކަމަށް ބެލެވެ އެވެ. އަދި ފަހު ނިންމުން ނިންމާނީ ސީބީއައި އިންނެވެ. ސީބީ އައި އިން ނިންމުން ނިންމާނީ މިހާތަނަށް އެ މީހުންގެ ތަހުގީގަށް ލިބުނު މައުލޫމާތުތަކުގެ އަލީގަ އެވެ. އެންމެންވެސް މިހާރު އިންތިޒާރުކުރަނީ ސީބީއައިގެ ނިންމުމަށެވެ.