އެތެރެހަށީގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުނު ފަސް މީހަކު ހައްޔަރުކޮށްފިއެވެ.

ކަސްޓަމްސްއިން ބުނީ އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ޕާކިސްތާނަށް ނިސްބަތްވާ ހަތަރު ފިރިހެނުންނާއި ކެންޏާގެ އަންހެނެކެވެ.

އޭގެ ތެރެއިން ހައްޔަރުކުރި ޕާކިސްތާނުގެ ފިރިހެނުންގެ އުމުރަކީ 20،30،34 އަދި 41 އަހަރެވެ. އެމީހުން ރާއްޖެ އައިސްފައިވަނީ މިދިޔަ މަހު 11 ވަނަ ދުވަހު ރާއްޖެއައި އީކޭ656 ފްލައިޓުންނެވެ.

އެ ހަތަރު މީހުންގެ ހަރަކާތްތައް ހުރިހޮތުން ޝައްކުކުރެވިގެން އިތުރަށް ސުވާލުކޮށް ބަލާފާސްކުރިއިރު އެމީހުންގެ އެތެރެ ހަށީގައި އެއްޗެއް ރައްކާކޮށްފައިހުރި ކަމަށް ބެލެެވިގެން ޕޮލިސް ސާވިސްއާ ގުޅިގެން އޮޕަރޭޝަނެއް ހިންގިކަމަށް ކަސްޓަމްސްއިން ބުންޏެވެ.

އެ މީހުން ހޮސްޕިޓަލަށް ގެންގޮސް އިތުރަށް ބަލާ ފާސްކުރިއިރު ހެރޮއިން އަޅާފައިވާ 81 ބުލެޓް ފެނިފައިވާކަމަށާއި އޭގެ ބަރުދަނުގައި 791 ގްރާމް ހުރި ކަމަށް ކަސްޓަމްސްއިން ބުންޏެވެ. އެތަކެތީގެ މަގުމަތީ އަގު 632،800 ރުފިޔާއަށް އަރާނެކަމަށް ކަސްޓަމްސްއިން ބުންޏެވެ.

ކަސްޓަމްސްއިން ހައްޔަރުކުރި ކެންޏާގެ އަންހެން މީހާގެ އުމުރަކީ 27 އަހަރެވެ. އޭނާ ރާއްޖެ އައިސްފައިވަނީ މިދިޔަ މަހު 29 ގައި ރާއްޖެއައި އީކޭ656 ފްލައިޓުންނެވެ. އޭނާގެ ހަށިގަނޑުން މަސްތުވާތަކެތި އަޅާފައިހުރި 53 ބުލެޓް ފެނިފައިވެއެވެ.

އެ ފަސް މީހުންނާއި އެ މީހުންގެ އަތުން އަތުލެވުނު މަސްތުވާތަކެތީގެ މައްސަލަ އިތުރަށް ތަހުގީގުކުރުމަށްޓަކައި ފުލުހުންނާއި މިހާރު ވަނީ ހަވާލުކޮށްފައެވެ.