ދެހާސް ދިހަ ވަނަ އަހަރު ސްޓާޕްލަސް އިން ދައްކަން ފެށި ހިންދީ ޑްރާމާ ސިލްސިލާ "ސާތު ނިބާނާ ސާތިޔާ"ގެ ދެވަނަ ގެ އާ ޕްރޮމޯއެއް ދައްކާލައިފި އެވެ.

މި ޑްރާމާގެ ފުރަތަމަ ޕްރޮމޯއެއް ދައްކާލީ މިދިޔަ މަހުގެ ދެވަނަ ދުވަހު އެވެ. މި މަހު މި ޑްރާމާ ފެށުމަށް ހަމަޖެހުނު ނަމަވެސް އަދި ޑްރާމާ ދައްކާނެ ތާރީހެއް ހާމަކޮށްފައެއްނުވެ އެވެ. ފުރަތަމަ ޕްރޮމޯއިން ގެހެނާގެ ވާހަކައެއް ގޯޕީ ދެއްކިއިރު މި ފަހަރުގެ ޕްރޮމޯގައި ދައްކާލީ ގެހެނާ އަކީ ކާކު ކަމެވެ. އެއީ އެ ގޭގައި ގެންގުޅޭ ޒުވާން ނޯކަރެކެވެ. ބެލެވޭ ގޮތުގައި ގެހެނާ މި ފަހަރުގެ ޑްރާމާގައި ބޮޑު ރޯލެއް އަދާކުރާނެ އެވެ.

މި ފަހަރުވެސް މި ޑްރާމާއިން ރޫޕަލް ޕަޓޭލް (ކޯކިލާބެން) ފެނިގެންދާނެ އެވެ. ދެހާސް ދިހަ ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރާ ހަމައަށް ދިގު ދެމިގެންދިޔަ ސާތު ނިބާނާ ސާތިޔާއަކީ ބެލުންތެރިންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދި ޑްރާމާއެކެވެ. ނުފޫޒުގަދަ މައިދަތަައަކު އުޅޭ ގެއެއްގެ ތެރޭގައި ހިނގާ ކަންތައްތަކެއް ދައްކުވައިދިން އެ ޑްރާމާވެފައިވަނީ ބޮޑު ހިޓަކަށެވެ.