އެކްޓަރު ސަލްމާން ހާން ހޯސްޓްކުރާ ރިއަލިޓީ ޝޯ ބިގް ބޮސް 14 ފަށައިފި އެވެ.

ކަލާޒް ޗެނަލުން ބިގް ބޮސް ދައްކަމުން އަންނައިރު މި ފަހަރު އެ ޝޯގައި ބައިވެރިވީ 11 ބައިވެރިންނެވެ. އެ ބައިވެރިންނާއެކު ކުރީގެ ސީޒަންތަކުގައި ވާދަކުރި ތިން ބައިވެރިން ކަމަށްވާ މިދިޔަ ސީޒަންގެ އެއްވަނަ ސިދާތު ޝުކްލާ، ސީޒަން 12 ގައި ފިނާލޭގައި ވާދަކުރި ހީނާ ހާންގެ އިތުރުން ސީޒަން ހަތެއް ކާމިޔާބުރި ގޯހަރް ހާން ބައިވެރިވެ އެވެ. މި ބައިވެރިން މި ސީޒަނުގައި ބައިވެރިކުރަން ނިންމީ މި ފަހަރުގެ ޝޯ އިތުރަށް ފޯރިގަދަކުރުމަށްޓަކަ އެވެ.

ބިގް ބޮސް 14 ގައި އެ ތިން ބައިވެރިންނަށް ބޮޑު ރޯލެއް ހަވާލުކޮށްފައިވެ އެވެ.

ކުރިއަށް އޮތް 14 ދުވަހު މި ތަރިންގެ ރުހުން ހޯދައިގެން ނޫނީ ޝޯގައި ބައިވެރިވި 11 ބައިވެރިންނަށް ޓާސްކު ފުރިހަމައެއް ނުކުރެވޭނެ އެވެ. ބިގް ބޮސް ސެޓުގައި މުހިއްމު ޒިންމާތަކެއް ކޮނޑުގައި އަޅައިގެން ހީނާ، ސިދާތު އަދި ގޯހަރް ޝޯގައި ބައިވެރިވިއިރު މި ޝޯ ކުރީ ފަހަރަށްވުރެ ފޯރިގަދަވާނެ ކަމަށް ބެލެވެ އެވެ.

މި ފަހަރުގެ ބިގް ބޮސް ސެޓުގައި ސްޕާ، މޯލް އަދި ތިއޭޓަރު ވެސް ހިމަނާފައިވެ އެވެ.