ކުޑަ ފިރިހެން ކުއްޖަކާއެކު ގަދަކަމުން ބަދުއަހްލާގީ އަމަލު ހިންގި މައްސަލައެއްގައި ހުޅުމާލެއިން މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެފިއެވެ.

އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ އިއްޔެ ހަވީރު 4:00 ގައެވެ. ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި ކުޑަކުއްޖާގެ އާއިލާއިން ތުހުމަތު ކުރަނީ، ފިލްމީ ތަރި މުހައްމަދު ޔުނާން އާއި އޭނާގެ އަންހެނުން ރިހުލާގެ މައްޗަށެވެ.

ފުލުުހުން މިރޭ ބުނީ، ހުޅުމާލޭގައި އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖަކާއެކު އިތުރު ދެ މީހަކު ގަދަކަމުން ބަދުއަހްލާގީ އަމަލު ހިންގި މައްސަލައެއް އެ މުއައްސަސާއަށް ހުށަހެޅިފައިވާ ކަމަށެވެ.

އެ ދެމަފިރިން ހައްޔަރު ނުކޮށްގެން މިއަދު ހަވީރު ހުޅުމާލޭގައި އެމީހުން ދިރިއުޅޭ އެޕާޓްމަންޓް ކައިރީ ބަޔަކު އަޑުވެސް އުފުލިއެވެ. އަޑު އުފުލުމާއެކު، އެމީހުން ހައްޔަރު ކުރި ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓު ކުރިއެވެ.

މިއަދު ހަވީރު ޔުނާން އަދި އޭނާގެ އަންހެނުން ދިރިއުޅޭ އެޕާޓްމަންޓް ކައިރިއަށް ބަޔަކު އެއްވުމުން ފުލުހުން އެސަރަހައްދުގައި ހަރަކާތްތެރިވަނީ --- ސަން ފޮޓޯ

އެހެން ނަމެވެސް އެކަން ފުލުހުން ދޮގު ކުރެއެވެ. ފުލުހުން ބުނީ، އެ މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

ފުލުހުން އެހެން ބުނި ނަމަވެސް، އެ ދެ މީހުން ފުލުހުންގެ ކާރަށް އަރުވައިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މަންޒަރު އެ ސަރަހައްދުގައި ހަރަކާތްތެރިވި އާންމުނަށް ވަނީ ފެނިފައެވެ. އަދި އެ ދެމީހުން ފުލުހުންގެ ކާރަށް އަރުވައިގެން ގެންދިޔަ މަންޒަރު ފެންނަ ވީޑީއޯއެއްވެސް ޝޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ، އެ ސަރަހައްދުގައި ފުލުހުންގެ ވެހިކަލްގައި ޕޮލިސް ސްޓޭޝަނަށް ގެންގޮސްފައި ވަނީ "އަމިއްލަ ރައްކާތެރިކަމަށް އެދުނު ދެ މީހަކު" ކަމަށެވެ.

އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

އެނގިފައިވާ ގޮތުގައި ޔުނާންއާއި އޭނާގެ އަންހެނުން ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭނީ އެ ދެމީހުންނާ އައިލީ ގޮތުން ގުޅުން އޮންނަ ކުއްޖަކަށެވެ.