17 Jan 2012, 13:09
ސަރުކާރަށް ނިސްބަތްވެ ވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތޮފާގެ އައިލެންޑް ޓްރާންސްޕޯޓް އޮފީސް ފަޅާލައި ފަސް ލައްކައަށް ވުރެ ގިނަ ރުފިޔާ އާއި ގިނަ އަދަދެއްގެ ޑޮލަރު ވަގަށް ނަގައިފި ކަމަށް އެ އޮފީހުން ބުނެފި އެވެ.
މާވެޔޮމަގުގެ ކޯރުކެނޑިމަގަށްވާ ގޮތަށް ކަންމައްޗަކަށް ހުންނަ އައިލެންޑާސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އޮފީހުން ވާހަކަ ދެއްކެވި އޮފިޝަލަކު މިއަދު ވިދާޅުވީ ރޭ ދަންވަރު އެ އޮފީސް ފަޅާލައި 565،000 ރ. އާއި 1200 ޑޮލަރު ވަގަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ވަގުން ވަދެ ގެންދިޔަ ފައިސާ އަކީ އެ ކުންފުންޏަށް ކޮޅުވެއްޓިއެއް ގަންނާށާއި ޖަކާޓާ އަށް ބަޔަކު ފުރުވާލަން ހުރި ފައިސާގެ އިތުރުން އެ ކުންފުނީގެ ތިން ބޯޓަކަށް ތެޔޮ އަޅަން ހުރި ފައިސާ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.
އެ އޮފީހުން ވާހަކަ ދެއްކި އޮފިޝަލު ވިދާޅުވީ މުސްތޮފާ އިންނަވާ ކޮޓަރީގައި ހުރި އެ ފައިސާތައް ވަގަށް ގެންދިއުމުގެ އިތުރުން އެ އޮފީހުގައި ހުރި ޑޮކިއުމަންޓްތައް ވެސް ހާވާފައި ހުރި ކަމަށެވެ. އަދި އެއްވެސް ޑޮކިއުމެންޓެއް ގެއްލިފައިވޭތޯ މިހާރު ޗެކްކުރަމުން އަންނަ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.
މާބޮޑު ސެކިއުރިޓީއެއް ނެތް އެ އޮފީހަށް ވަގުން ވަދެފައި ވަނީ އޮފީހުގެ އަރިމަތީގައި ހުރި އެލުމެނިއަމް ދޮރެއް ހަލާކުކޮށްލައިގެން ކަމަށާއި އަދި ފައިސާތައް ހުރި މުސްތޮފާގެ ކޮޓަރިއަށް ވަދެފައި ވަނީ ވެސް ދޮރު ހަލާކުކޮށްލައިގެން ކަމަށް އައިލެންޑް ޓްރާންސްޕޯޓް އޮފީހުން ވާހަކަ ދެއްކެވި އޮފިޝަލު ވިދާޅުވި އެވެ.
ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުނުކުރާއިރު ފުލުހުން އެ އޮފީހަށް ގޮސް އިތުރަށް އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.