04 Oct 2020, 16:19
ފުލުހުން އިއްޔެ އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަނެއްގައި ގައުމީ ފުޓްބޯޅަ ކުޅުންތެރިޔާ ޝަމްވީލް ގާސިމް (ބޮންޑާ) ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެއްޗާއެކު ނޫން ކަމަށް އޭނާގެ ވަކީލް ބުނެފި އެވެ.
ފުލުހުން އައްޑޫގައި ހިންގި ޑްރަގް ބޮޑު އޮޕަރޭޝަންގައި ގިނަަ އަދަދެއްގެ މީހުން ހައްޔަރު ކުރި އެވެ. އޭގެ ތެރޭގައި ބޮންޑާވެސް ހިމެނެެވެ. ބޮންޑާ ހައްޔަރު ކޮށްފައިވަނީ "ގިނަ އަދަދަދެއްގެ މަސްތުވާތަކެއްޗާއެކު" ކަމަށް ބުނެ ބައެއް މީޑިއާތަކުން ވަނީ ހަބަރުވެސް ފަތުރާފަ އެވެ.
އެކަމާ ގުޅިގެން އޭނާގެ ގާނޫނީ ވަކީލް އިބްރާހިމް ޝަމީލް މިއަދު ކުރި ޓްވީޓެއްގައި ވަނީ އެ ހަބަރުތައް ދޮގުކޮށްފަ އެވެ. އޭނާ ވިދާޅުވީ، ބޮންޑާ ހައްޔަރު ކުރި އިރު އޭނާ އަތުން މަސްތުވާތަކެތި ފެނިފައި ނުވާ ކަމަށެވެ.
"ޝަމްވީލް ހައްޔަރުކޮށްފައިވަނީ ހިތަދޫއިން. އަދި ހައްޔަރުކުރިއިރު ޝަމްވީލުގެ އަތުން ނުވަތަ ގުޅުންހުރި އެއްވެސް ތަނަކުންވެސް މަސްތުވާ އެއްވެސް އެއްޗެއްވެސް ފެނިފައެއްނުވޭ،" ވަކީލް ޝަމީލް ވިދާޅުވި އެވެ.
ފުލުހުން އިއްޔެ ހިންގި އޮޕަރޭޝަންގައި ކަނޑުމަތިން 80 ކިލޯއެއްހާ މަސްތުވާތަކެތި އަތުލައިގަތެވެ. އެ އޮޕަރޭޝަންގައި އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ފުލުހުން ތުހުމަތު ކުރާ ސ.ހިތަދޫ / ފިނިފަރު، އަބްދުﷲ އިބްރާހިމް (އަބުޗާ)ވެސް ހައްޔަރު ކުރި އެވެ.
އައްޑޫއިން ވާހަކަ ދެއްކި ބައެއް މީހުން ބުނި ގޮތުގައި ބޮންޑާ ހައްޔަރުކޮށްފައިވަނީ ކަނޑުމަތިން ނޫން ކަމަށާާއި އޭނާ ހައްޔަރު ކުރީ ރަށުތެރެއިންނެވެ. ނަމަވެސް އޭނާ ހައްޔަރު ކުރީ ކޮން ސަބަބަކާ ހުރެ ކަމެއް އަދި އޭނާގެ މައްޗަށް ތުހުމަތު ކުރަނީ ކޮން ކުށެށް ކަމެއް ފުލުހުން އަދި މިހާތަނަށް ހާމައެއް ނުކުރެއެވެ.
ފުލުހުން އިއްޔެ ހިންގި އޮޕަރޭޝަނާ ގުޅޭގޮތުން ޕާކިސްތާނުގެ ބައެއް ނޫސްތަކުން ބުނެފައި ވަނީ އެގައުމުގެ އެންޓީ ނާކޮޓިކް ފޯސް (އޭއެންއެފް) އާއި ބައިނަލްއަގުވާމީ ބައެއް ފަރާތްތަކާ ގުޅިގެން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށެވެ. މަސްތުވާތަކެތީގެ ބޮޑު ވިޔަފާރިއެއް ހިންގަމުންދާ ބައިނަލްއަގުވާމީ ގޭންގެއްގެ މަސްތުވާތަކެތީގެ މައްސަލައެއްގައި އެތައް ބިލިއަން ރުޕީސްގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް އެ ނޫސްތަކުން ބުނެ އެވެ.