04 Oct 2020, 16:07
ހައިކޯޓުގެ ފަނޑިޔާރުކަމަށް ދެ ބޭފުޅަކު ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)އިން ހަމަޖައްސައިފި އެވެ.
ހައިކޯޓް ފަނޑިޔާރު ކަމަށް ހަމަޖެއްސީ ކ.ދިއްފުށީ ސްވީޓްމީޑް، ހަސަން ޝަފީއު އާއި ސ.މަރަދޫ ޒެފެއާ، ފާތިމަތު ފަރުހީޒާ އެވެ.
ދެ ފަނޑިޔާރުން، ފަނޑިޔާރުކަމުގެ ހުވާ ކުރެއްވުމާއި، މަގާމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު އޮތީ މިއަދު މެންދުރުފަހު ޖުޑީޝަލް ސާވިސް ކޮމިޝަނުގަ އެވެ.
ފަނޑިޔާރުކަމުގެ ހުވާ ލައިދެއްވީ، ސުޕްރީމްކޯޓުގެ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް އެވެ.
ފާތިމަތު ފަރުހީޒާއަކީ މިހާރުވެސް ސ. ފެދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓު ކަމުގެ މަގާމު އަދާކުރައްވަމުން އަންނަ ބޭފުޅެކެވެ. ފަރުހީޒާ ވަނީ ގާނޫނީ ރޮނގުން މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީއިން ބެޗެލަރ އޮފް ލޯ (އޮނާޒް) އަދި މާސްޓާ އޮފް ކޮމްޕަރޭޓިވް ލޯ ހާސިލްކުރައްވައިފަ އެވެ.
އޭގެ އިތުރުން ގާނޫނީ ވަކީލުކަމުގައި 10 އަހަރު ދުވަހުގެ ތަޖުރިބާ ހުރި ފަރުހީޒާ އަކީ ޕަބްލިކް ޕްރޮސެކިއުޓަރެއްގެ ގޮތުގައާއި ޕްރައިވެޓް ޕްރެކްޓިސްގެ އިތުރުން ގާނޫނީ ދާއިރާއިން ކިޔަވައިދިނުމުގެ ތަޖުރިބާ ވެސް ހުރި ބޭފުޅެއް ކަމަށް ޖޭއެސްސީން ބުންޏެވެ.
ހަސަން ޝަފީއު އަކީ ގާނޫނީ ރޮނގުން މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަން އިން ބެޗެލާ އޮފް ލޯ (އެލްއެލްބީ) އަދި މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން މާސްޓާ އޮފް ކޮމްޕަރޭޓިވް ލޯ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.
އަދި 2013 ވަނަ އަހަރުން ފެށިގެން ފަނޑިޔާރެއްގެ ހައިސިއްޔަތުން ފެމެލީ ކޯޓުގައި މަސައްކަތް ކުރައްވަން ފެއްޓެވި ޝަފީއު އަކީ މިހާރު ސިވިލް ކޯޓުގެ ގާޒީއެކެވެ.
ޝާފިއު އަކީ ގާނޫނީ ދާއިރާގައި 14 އަހަރު ދުވަހުގެ ތަޖުރިބާ ހުރި ބޭފުޅެއް ކަމަށާއި ދާއިރާއިން ކިޔަވައިދިނުމުގެ އިތުރުން ގާނޫނުތައް ޑްރާފްޓް ކުރުމުގައިވެސް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.