މެލޭޝިއާށް މިހާރު ކިޔަވަންދާ އަދި އެގައުމަށް އަލަށް ކިޔަވަންދިޔުމަށް ހަމަޖެހިފައިވާ ހުރިހާ ދަރިވަރުންނަށް ޑިސެމްބަރު 31ގެ ކުރީން އެގައުމަށް ވަނުމުގެ ހުއްދަ ނުދިނުމަށް އެގައުމުގެ އިމިގްރޭޝަން ޑިޕާޓްމެންޓުން ނިންމައިފި އެވެ.

އިމިގްރޭޝަންގެ ޑިރެކްޓަރު ޑަޓުލް ހައިރުލް ޒައިމީ ދާއޫދު ވިދާޅުވީ ބޭރު ދަރިވަރުންނަށް އެ ގައުމަށް ވަނުމުގެ ހުއްދަ ދިނުން ފަސްކުރުމަށް ނިންމާފައި ވަނީ މެލޭޝިއާގެ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ނިންމުމާ ގުޅިގެން ކަމަށެވެ.

މެލޭޝިއާގެ ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ އެ ގައުމުގެ ޔުނިވާސިޓީތަކުގެ އޮކްޓޫބަރުގެ އިންޓޭކްގެ ހާޒިރުވެ ކުރާ ރެޖިސްޓްރޭޝަންތައް ފަސްކުރުމަށް ނިންމައިފަ އެވެ.

"އަޅުގަނޑުމެނަށް މައުލޫމާތު ލިބިފައި ވަނީ މިނިސްޓްރީ އިން ވަނީ އިންޓަނޭޝަނަލް ދަރިވަރުންގެ ފްލައިޓުތައް ރީޝެޑިއުލްކުރުމާ ގުޅޭ ގޮތުން އެއާލައިންތަކާ މަޝްވަރާކޮށްފައިޥާ ކަމަށް،" އޭނާ ވިދާޅުވި އެވެ.

އެ ބަދަލާ އެކު މެލޭޝިއާގައި ކިޔަވާ ރާއްޖޭގެ ދަރިވަރުންނަށް ވެސް ދެން އެގައުމަށް ވަދެވޭނީ މިއަހަރުގެ ޑިސެމްބަރު 31ގެ ފަހުންނެވެ. އެ ދަރިވަރުންނާއި މެލޭޝިއާއަށް އަލަށް ކިޔެވުމަށް ދާން ތިބި ދަރިވަރުންނަށް ވެސް އެގައުމަށް ވަނުމަށް ދޭ ހުއްދަ ފަސްކުރުމަށް އިމިގްރޭޝަނުން ވަނީ ނިންމާފަ އެވެ.

މެލޭޝިއާގައި ކިޔަވާ ދިވެހި ދަރިވަރުންގެ ތެރެއިން 120 ދަރިވަރަކު ވަނީ މި މަހުގެ 30 ވަނަ ދުވަހު ފުރައިފަ އެވެ.

ކޮވިޑް19 އާ ގުޅިގެން މެލޭޝިއާގެ ސްކޫލުތަކާއި ކޮލެޖު ޔުނިވާސިޓީގެ ކިޔެވުން ބަންދުކުރުމުން އަދި ހާލަތާ ގުޅިގެން ކުރިމަތިވި ދަތިތަކާ އެކު އެގައުމުގައި ކިޔަވާ ދިވެހި ދަރިވަރުންގެ ތެރެއިން ގިނަ އަދަދެއްގެ ދަރިވަރުންތަކެއް ވަނީ އެނބުރި ރާއްޖެ އައިސްފަ އެވެ.