ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހުގައި އިށީންނާނެ ތަރުތީބު ބަދަލު ކުރުމުގެ މަޝްވަރާތައް ފަށައިފި އެވެ.

މިހާރު މަޖިލީހުގައި މެމްބަރުން އިށީދެގެން ތިބެނީ މާލޭ ދާއިރާތަކަށް ނިސްބަތްވާ މެމްބަރުން އެންމެ ކުރީގައި އަދި އޭގެ ފަހުން އަތޮޅު ތަރުތީބުންނެވެ. އެ ތަރުތީބު ބަދަލު ކުރުމުގެ ވާހަކަ 19 މަޖިލިސް ފެށުނު އިރު ބައެއް މެމްބަރުންނާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ދެއްކެވި އެވެ.

މަޖިލީހުގައި މެމްބަރުން އިށީންނާނެ ގޮތުގެ މަޝްވަރާ މަޖިލީހުގެ އާންމު ކޮމިޓީއިން ފަށާފައި ވަނީ މަޖިލީހުގެ ސެކްރެޓޭރިއޭޓުން އެ ކޮމިޓީއަށް ފޮނުވި ސިޓީއަކާ ގުޅިގެންނެވެ. އެ ސިޓީގައި ބުނެފައި ވަނީ މަޖިލީހުގައި މެމްބަރުން އިށީންނާނެ ތަރުތީބާ މެދު ކޮމިޓީއިން މަޝްވަރާކޮށް ރިޕޯޓެއް ތައްޔާރުކޮށްދިނުމަށް މަޖިލީހުގެ ރައީސް އެދިވަޑައިގަންނަވާ ކަމަށެވެ.

މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި މަޝްވަރާކޮށްފައި ވަނީ ރިޔާސީ ނިޒާމު ހިނގަމުންދާ ގައުމުތަކުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން އިށީދެގެން ތިބޭ ގޮތަށް ބަލައި ރާއްޖޭގައި އެކަހަލަ ގޮތަކަށް ބަދަލު ގެނައުމާ ގުޅޭ ގޮތުންނެވެ. މިއަދު ދެގޮތަކަށް މަޝްވަރާ ކުރެވުނެވެ. އެއީ ސިޔާސީ ޕާޓީތައް ވަކިން ތިބޭ ގޮތަށް ހެދުން ނުވަތަ ހަށަނަރަބަޅަ ތަރުތީބުން މެމްބަރުން ތިބުމާ ގުޅޭ ގޮތުންނެވެ.

"ސިޔާސީ ޕާޓީތަކުގެ ބޭފުޅުން ސިޔާސީ ޕާޓީތަކަށް ބަލައިގެން މަޖިލީހުގެ ގޮނޑިތައް ތަރުތީބުކޮށްފައި ހުންނަތަން. ދެން އޭގެ ރެޝަނަލްއާއި އެއްޗިހި އެކި ބޭފުޅުން ލިޔުއްވާފައި ހުރި އެއްޗިހީގައި އެބަހުރޭ. ރާއްޖޭގައި ވިޔަސް މަޖިލީހުގައި މަސައްކަތް ކުރެވެމުން އަންނަނީ އަތޮޅު އަތޮޅުހެނެއް ނޫނޭ. ޕާޓީތައް ނިސްބަތްވާ ގޮތަށޭ." އާންމު ކޮމިޓީގެ މުގައްރިރު، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ވިދާޅުވި އެވެ.

ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ވިދާޅުވީ ސިޔާސީ ނިޒާމުން ކަންކަން ހިނގާއިރު ޕާޓީތައް ވަކިވާގޮތަށް އޮތުން ވަރަށް މުހިންމު ކަމަށެވެ. އެހެންވެ މަޖިލީހުގެ ޗެމްބަރުގައި ގޮނޑިތައް އެތުރިގެން ދާއިރު ސިޔާސީ ޕާޓީތަކަށް ތަރުތީބު ވެގެން ދާގޮތަށް ބަދަލު ގެނައުމަށް ޝިޔާން ހުށަހެޅުއްވި އެވެ.

"ހަމައެއާއެކީގައި ވެރިކަން ކުރާ ޕާޓީ ކަނައަތް ފަޅީގައި. އިދިކޮޅު ޕާޓީ ވައަތް ފަޅީގައި އޮންނަ އޮތުމުގެ ތެރެއިން ތަރުތީބަކަށް އަންނަންވީ ކޮންމެ ސިޔާސީ ޕާޓީއަކަށް ވެސް ހއ. އިން ފެށިގެން ސ. އަށް މި އޮންނަ ތަރުތީބުން. ދެން އަމިއްލަ މެމްބަރުން ވައަތްފަޅީގައި އެ އިންނަ ތަރުތީބަކުން ތިބޭގޮތަށް." ޝިޔާން ވިދާޅުވި އެވެ.

ކޮމިޓީއަށް މިއަދު ހުށަހެޅުނު އަނެއް ހުށަހެޅުމަކީ ހ. އަދި ށ. ތަރުތީބުން މެމްބަރުންގެ ސީޓިންގް އެރޭންޖްމެންޓް ތަރުތީބު ކުރުމަށެވެ. އެ ދެ ހުށަހެޅުމާ އެކު ރިޕޯޓެއް ތައްޔާރު ކުރަން ކޮމިޓީ ނިންމި އެވެ.

މަޖިލީހުގައި މެމްބަރުން ތިބޭ ގޮތަށް ބަދަލު ގެންނަ ނަމަ މަޖިލީހުގެ ގަވައިދަށް ކޮންމެވެސް ވަރެއްގެ ބަދަލެއް ގެންނަން ޖެހޭކަން މިއަދު ކޮމިޓީގައި މެމްބަރުން ފާހަގަ ކުރި އެވެ. އަދި އެ ބަދަލު ގެނެވޭނީ މަޖިލީހުގެ ތަޅުމުގައި ހުރިހާ މެމްބަރުން ވެސް ވޯޓު ދީގެންނެވެ.

މިހާރު މަޖިލީހުގައި މާލޭ މެމްބަރުން ކުރީގައި ތިބޭ ގޮތަށް ތަރުތީބުވެފައި ވަނީ އެއީ އާ ގާނޫނު އަސާސީގެ ދަށުން އާ މަޖިލީހެއް އިންތިހާބުވުމުގެ ކުރިންވެސް މެމްބަރުން ތިބޭ ގޮތަށް ވާތީ އެވެ. އޭރު އެންމެ ކުރީގައި ތިބެނީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މެމްބަރުންނެވެ.