އަންނަ ރިޔާސީ އިންތިހާބު އެމްޑީޕީން ކަމިޔާބުކުރާނީ 70 ޕަސެންޓްގެ އަޣުލަބިއްޔަތު ހޯދައިގެން ކަމަށް އެމްޑީޕީގެ ނައިބު ރައީސް އަލްހާނު ފަހްމީ ވިދާޅުވެއްޖެ އެވެ.

"ތިޔަހެނެއް ނުކިޔޭނެ" ކެމްޕޭނުގެ ހަތަރު ވަނަ ޖަލްސާގައި ރޭ އެމްޑީޕީ ހަރުގޭގައި ވާހަކަ ދައްކަވަމުން އަލްހާން ވިދާޅުވީ އެމްޑީޕީން 2013 ވަނަ އަހަރުގެ އިންތިހާބު ކާމިޔާބު ކުރާނެ ކަމާ މެދު ޝައްކު ނުކުރާ ކަމަށެވެ.

"ދެ ހާސް ތޭރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އަޅުގަނޑުމެން ކާމިޔާކުރަނީ ރައީސް އެ ވިދާޅުވި ވަރަށް ވުރެ ބޮޑު އަޣުލަބިއްޔަތަކުން. ހަތް ދިހަ ޕަސެންޓް ހޯދައިގެން އަޅުގަނޑުމެން އިންތިހާބު ކާމިޔާބު ކުރާނީ." އަލްހާނި ވިދާޅުވި އެވެ.

ރައްޔިތުން މަޖިލީހުގައި ފޭދޫ ދާއިރާ ތަމްސީލު ކުރައްވަމުން ގެންދާ އަލްހާނު ވިދާޅުވީ ކާބޯތަކެތީގެ އަގާއި ކަރަންޓް އަގު އެއްދުވަހުން އަނެއް ދުވަހަށް ދަނީ ތިރިވަމުން ކަމަށެވެ. އަދި މުޅި އިގުސާދު ވެސް ރަނގަޅުވަމުން އަންނަ ކަމަށާއި އެކަން ރައްޔިތުން ބަލައިގަންނަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑީއާރުޕީން ވަކިކުރުމުން އެމްޑީޕީއާ ގުޅިވަޑައިގެން އަލްހާނު ރޭ ޑީއާރުޕީ އަށް އަމާޒްކޮށް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައި އެވެ. އެގޮތުން ޑީއާރުޕީ އޮތީ ޣާފިލް ކަމެއްގެ ތެރޭގައި ކަމަށާއި އެ ޕާޓީގެ ދަފްތަރުގައި ތިބި އެންމެން ވޯޓުދޭނީ އެމްޑީޕީ އަށް ކަމަށެވެ.
އޭނާ ވަނީ ރައީސް މައުމޫނަށް ވެސް ފާޑު ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ ރައީސް މައުމޫނާ ގުޅޭނެ މީހަކު ވެސް ނުތިބޭނެ ކަމަށެވެ.


''މިއަދު ސިޔާސީ ގޮތުން ފެންނަ ހަގީގަތަކީ މައުމޫނުގެ ފަހަތަށް ވަންނަ އާ މީހަކު ނެތް. މައުމޫނާއި އެކީގައި މައުމޫނު ސަފުގައި ތިބި މީހުންތައް ދަނީ ނިކުންނަމުން. އެހެންވީމާ އެތިބި ބަޔަކު ތިބީ އޭތި ވާނެ ގޮތަކީ ހުލިވަމުން ހުލިވަމުން ގޮސް އެންމެ ފަހުން ކައުންސިލް ބަދަލުވާނީ ކާމޭޒަކަށް.'' އޭނާ ވިދާޅުވި އެވެ.