މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް މި ސަރުކާރުން ސިޔާސީ ހިމާޔަތް ނުދޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ކަފު ޖަހާފައި ކަނޑުމަތީން އިއްޔެ އައްޑޫ ސިޓީ ހިތަދޫއަށް ވައްދަން އުޅުނު 88 ކިލޯގެ މަސްތުވާތަކެތި ދިވެހި ފުލުހުން ވަނީ އަތުލައިގެންފަ އެވެ.

މަސްތުވާތަކެއްޗާ ގުޅިގެން އައްޑޫ ސިޓީގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ފުލުހުން ތުހުމަތު ކުރާ ބޮޑު ޑީލަރަކު ވަނީ ހައްޔަރުކޮށްފަ އެވެ.

އައްޑޫ ސިޓީ ހިތަދޫގައި ފުލުހުން އިއްޔެ ހަވީރު ހިންގިި އެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ ކުށުގެ އެތައް ރިކޯޑްތަކެއް އޮންނަ އަދި އައްޑޫ ޑްރަގް ނެޓްވޯކްގެ ބޮޑެއްގެ ގޮތުގައި ލޭބަލްވެފައިވާ ސ.ހިތަދޫ، ފިނިފަރު، އަބްދުﷲ އިބްރާހިމް (އަބުޗާ) އެވެ.

އޭނާއަކީ ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީއަށް ނިސްބަތްވާ މީހެއް ކަމަށާއި އަދި ސިޔާސީ ނުފޫޒު ބޭނުންކޮށްގެން އޭނާ މިނިވަންވުމަކީ ގާތް ކަމެއް ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރުން ހުއްޓުވުމަށް ފުލުހުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިނިސްޓަރު އިމްރާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަސްތުވާތަކެތީގެ ސަޕްލައި މަދުކުރުމުގެ މަސައްކަތް ކާމިޔާބުވަމުން އަންނަ ކަމަށެވެ.

"މަސްތުވާތަކެތީގެ ސަޕްލައި މަދުކުރުމުގެ މަސައްކަތް ކާމިޔާބު ކުރެވެނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް މި ސަރުކާރުން ސިޔާސީ ހިމާޔަތް ނުދޭތީ،" މިނިސްޓަރު ވިދާޅުވި އެވެ.

އިއްޔެ މަސްތުވާތަކެތި އަތުލައިގަތީ ފުލުހުންގެ އެކި ފަންނުތަކުގެ، ހާއްސަކޮށް ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ހުނަރާ ގާބިލުކަން ބޭނުންކޮށްގެން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އިއްޔެގެ އޮޕަރޭޝަން ކުރިއަށް ގެންގޮސްފައި ވަނީ ސީދާ ދިވެހި ފުލުހުންގެ މަސައްކަތާއި ދިވެހީންގެ އިންޓެލިޖެންސްއަށް ބިނާކޮށްގެން ކަމަށް ސީޕީ މުހައްމަދު ހަމީދު ވެސް ވަނީ ވިދާޅުވެފައެވެ.

އެގޮތުން އެ މަސައްކަތުގައި ރާއްޖޭގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓް އާއި ޑްރަގް އިންޓެލިޖެންސް ޔުނިޓާއި ޑިވިޝަނަލް އިންޓެލިޖެންސް ޔުނިޓާއި މެރީން ޕޮލިސްގެ އިތުރުން ދެކުނު ޕޮލިސް ޑިވިޝަނުން ގުޅިގެން މަސައްކަތް ކޮށްފައިވާ ކަމަށް ސީޕީ ވިދާޅުވިއެވެ.

ފުލުހުން އަންނަނީ މިއަދު ހުޅުމާލޭގައި ވެސް ފާރަގެމަ ބޭނުންކޮށްގެން ބޮޑު އޮޕަރޭޝަނެއް ހިންގަމުންނެވެ.