04 Oct 2020, 11:22
ރައްޔިތުންގެ މަޖިލީސް އެއްމަސް ދުވަހުގެ ޗުއްޓީއަކަށް ފަހު މާދަމާ މަޖިލީހުގެ ޖަލްސާތައް ފަށަން އެޖެންޑާ ކޮށްފި އެވެ.
އެންމެ ފަހުން މަޖިލީހުގެ ޖަލްސާއެއް ބާއްވާފައި ވަނީ ސެޕްޓެމްބަރު ހަވަނަ ދުވަހު އެވެ.
މާދަމާ އަނެއްކާވެސް ޖަލްސާތައް ފަށަން އެޖެންޑާ ކޮށްފައިވާއިރު އެޖެންޑާގެ އެންމެ ކުރީގައި ވަނީ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމްއާ ސުވާލު ކުރުމެވެ.
މިނިސްޓަރު އަސްލަމްއާ ސުވާލު ކުރަން ހުށަހެޅުއްވީ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު އެވެ. އެއީ އޭނާ ތަމްސީލުކުރާ ދާއިރާގެ މާވަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ފެށޭނެ ދުވަހެއް ސާފު ކުރުމަށް ކުރައްވާ ސުވާލެކެވެ.
އޭގެ އިތުރުން މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގެ ގޮތުގައި ހިއުމަން ރައިޓްސް ކޮމިޝަނަށް މެމްބަރުން އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ މައްސަލަ ދިރާސާ ކަމާ ގުޅޭ ކޮމިޓީއަށް ފޮނުވުންވެސް މާދަމާގެ ޖަލްސާއަށް ވަނީ ތާވަލުކޮށްފަ އެވެ.
މާދަމާގެ ޖަލްސާގައި އިބްތިދާއީ ބަހުސަށް ތިން ބިލެއް ވަނީ އެޖެންޑާ ކޮށްފަ އެވެ. އެގޮތުން ނުހައްގު މުއްސަނދިކަން ކުށަކަށް ހެދުމަށް ސަރުކާރުގެ ފަރާތުން ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ގާނޫނުލްއުގޫބާތަށް ހުށަހެޅުއްވި އިސްލާހުގެ ބިލު ހިމެނެ އެވެ.
އޭގެ އިތުރުން ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ހުށަހަޅުއްވާފައިވާ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ހުށަހަޅުއްވާފައިވާ ބިނާވެށި ޕްލޭން ކުރުމާއި ހިންގުމުގެ ބިލުގެ އިބްތިދާއީ ބަހުސްވެސް މާދަމާއަށް ވަނީ ތާވަލުކޮށްފަ އެވެ.