ހަ ވަނަ އިންވިޓޭޝަނަލް ބާސްކެޓްބޯޅަ މުބާރާތުގައި ރޭ ކުޅުނު މެޗް ހަރިކޭން ބީސީއިން ކާމިޔާބު ކޮށްފިއެވެ.

ޒުވާނުންގެ މަރުކަޒުގައި ރޭ ކުޅުނު މިމެޗް ހަރިކޭން އިން ކާމިޔާބު ކުރީ އަވަށްޓެރި ސްރީލަންކާގެ ޑައިލޮގް އެކްސެޓާ ބާސްކެޓް ބޯލްކުލަބާއި ބައްދަލުކޮށް 77 ޕޮއިންޓް 55 ޕޮއިންޓުން މެޗް ކާމިޔާބު ކޮށްގެންނެވެ.

މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ހަރިކޭނަށް 20 ހޯދައިދިން އަހުމަދު އިފްސާހެވެ.

މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މިމުބާރާތުގައި އަވަށްޓެރި ސްރީލަންކާގެ ޓީމަކާ އެކު ރާއްޖޭގެ ތިން ޓީމު ވާދަ ކުރެ އެވެ.

މުބާރާތުގައި ވާދަކުރާ ލަންކާގެ ޓީމަކީ ޑައިލޮގް އެކްސެޓާ އެވެ. އަދި ރާއްޖެ އިން ވާދަކުރާ ތިން ޓީމަކީ ނިމިގެން ދިޔަ ޤައުމީ މުބާރާތުގެ އެންމެ ގަދަ ތިން ޓީމް ކަމުގައިވާ ރެޑްލައިން ކުލަބާއި ޓީރެކްސް އަދި ހަރިކޭން ބީސީ އެވެ.

މުބާރާތުގެ ތިން ވަނަ މެޗުގައި މިރޭ 8:30 ގައި ބައްދަލުކުރާ ދެ ޓީމަކީ ޓީރެކްސްއާއި ހަރިކޭނެވެ.

ދެ ބުރަކަށް ބަހާލާފައިވާ މުބާރާތުގެ ފައިނަލް މެޗް ކުޅޭނީ މިމަހުގެ 21 ވަނަ ދުވަހުގެ ރޭގަ އެވެ. މުބާރާތުގެ ފުރަތަމަ ބުރުން އެންމެ މޮޅު ޓީމަކަށް ފައިނަލްގެ ފުރަތަމަ ޖާގަލިބޭ އިރު، ފައިނަލްގެ ދެ ވަނަ ލިބޭނީ ދެ ވަނަ ބުރުން އެންމެ މޮޅު ޓީމަކަށެވެ.