ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލި ފަހުން 18،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ސެޕްޓެމްބަރުގެ ނިޔަލަށް 18،867 ފަތުރުވެރިން ރާއްޖައަށް ވަނީ އައިސްފަ އެވެ.

އޭގެ ތެރެއިން ސެޕްޓެމްބަރު މަހު އައި ފަތުރުވެރިން އަދަދަކީ 9،538 އެވެ. މިއީ އޭގެ ކުރީ މަހާ އަޅާބަލާއިރު 25 ޕަސެންޓުގެ އިތުރުވުމެކެވެ.

ސެޕްޓެމްބަރު މަހު އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައި ގައުމުތަކަކީ؛

  • ރަޝިއާ (2065)

  • ޔޫއޭއީ (1029)
  • އެމެރިކާ (935)
  • ޔޫކޭ (625)
  • ސްޕެއިން (466)

ތިން މަހުގެ އެވަރޭޖް ނަންބަރުތަކަށް ބަލާއިރު ޖުލައި މަހު ދުވާލެއްގެ މައްޗަށް އެވަރޭޖްކޮށް އައިސްފައިވަނީ 100 ފަތުރުވެރިންނެވެ. އަދި އޮގަސްޓް މަހު ދުވާލަކު އެވަރޭޖްކޮށް 218 ފަތުރުވެރިން އައިއިރު، ސެޕްޓެމްބަރު މަހު މި އަދަދު ވަނީ 45.9 ޕަސެންޓު އިތުރުވެ، 318އަށް އިތުރުވެފަ އެވެ.

ޖުލައި މަހު ދުވާލެއްގެ މައްޗަށް އެންމެ ގިނަ ފަތުރުވެރިން އައި ދުވަހު 218 މީހުން ވަނީ ރާއްޖެއަށް އައިސްފަ އެވެ. އަދި އޮގަސްޓް މަހު 373 ފަތުރުވެރިން އައިސްފައިވާއިރު، ސެޕްޓެމްބަރު މަހު އެންމެ ގިނައިން ފަތުރުވެރިން އައި ދުވަހު 696 މީހުން ވަނީ އައިސްފަ އެވެ.