04 Oct 2020, 12:24
މިފަހަރުގެ ޓްރާންސްފާ މާކެޓުގައި ރެއާލް މެޑްރިޑް ދޫކޮށް އެވަޓަންއަށް ބަދަލުވި ހަމޭސް ރޮޑްރިގޭޒް ކާމިޔާބު ކުރި ދެ ގޯލާ އެކު ބްރައިޓޮން ބަލިކޮށް އެވަޓަން ތާވަލުގެ އެއްވަނައަށް ޖެހިލައިފި އެވެ.
އެވަޓަންގެ ގުޑިސަން ޕާކުގައި ރޭ ކުޅުނު އެ މެޗުން އަވޭ ޓީމުގެ މައްޗަށް އެ ޓީމު ކުރި ހޯދީ 2-4 ގެ ނަތީޖާއަކުންނެވެ. މި މޮޅާ އެކު އެވަޓަން ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު ހަތަރު މެޗުން ހަތަރު މޮޅު ހޯދައިގެން ސައްތައިން ސައްތަ ރެކޯޑަކާ އެކު އެވެ. އަދި އެ ހަތަރު މެޗުގައި އެވަޓަނުން ފައިދާ ހަތް ގޯލު ހޯދާފައިވާ އިރު، އެ ޓީމާ އެންމެ ގާތުގައި އޮތް ލެސްޓާ ސިޓީ ދެވަނައިގައި އޮތީ ތިން މެޗު ކުޅެގެން ތިން މޮޅު ހޯދައިގެންނެވެ.
ކާލޯސް އެންޗެލޮޓީގެ އިރުޝާދާ އެކު މި ސީޒަނުގައި ކުޅުނު ހުރިހާ މެޗެއް އެވަޓަނުން ކާމިޔާބު ކުރަމުން އަންނަ އިރު، އެ ޓީމުން ރޭގެ މެޗުގައި ވިދާލީ ހަމޭސްގެ އިތުރުން ރަނގަޅު ފޯމެއްގައި ހުރި ފޯވަޑް ޑޮމިނިކް ކަލްވާޓް ލެވިން އެވެ. ކަލްވާޓް ވަނީ މިފަހަރުގެ ލީގުގައި މިހާތަނަށް ހަ ގޯލު ޖަހައިފަ އެވެ.
ރޭގެ މެޗު ފަށައިގެން އެވަޓަނުން ވަރުގަދަ ކުޅުމެއް ދެއްކި އިރު އިދިކޮޅު ބްރައިޓޮންގެ ޑިފެންސަށް އޮބި އޮންނަ ވަރެއް ނުވި އެވެ. މެޗުގެ 16 ވަނަ މިނަޓުގައި އެވަޓަނުން ކަލްވާޓްގެ ގޯލަކުން ލީޑު ނެގި އިރު، 41 ވަނަ މިނަޓުގައި ބްރައިޓަން އިން ނަތީޖާ ހަމަހަމަކުރި އެވެ. އެވަޓަންގެ އިންގްލެންޑް ގޯލްކީޕަރު ޕިކްފޯޑަށް ހެދުނު ބޮޑު ގޯހެއްގެ ބޭނުން ހިފައި، ބްރައިޓަން އަށް ނަތީޖާ ހަމަހަކޮށްދިނީ މުއާޕޭ އެވެ.
އެހެން ނަމަވެސް އެ ހާފުގެ ފަހު ވަގުތު އެވަޓަންގެ ކޮލަމްބިއާ ޑިފެންޑަރު ޔެރީ މިނާ ވަނީ އަނެއްކާވެސް ހޯމް ޓީމު ކޮޅަށް ނަތީޖާ އަނބުރާލައިފަ އެވެ. މި ގޯލު ޖެހުމަށް އެސިސްޓް ކޮށްދިން ހަމޭސް ވަނީ އެއަށްފަހު އެވަޓަންއަށް އިތުރު ދެ ގޯލު ޖަހައި މެޗުގެ އޮއެވަރު ބަދަލުކޮށްފަ އެވެ.
އެވަޓަނުން ހަތަރު ގޯލު ޖަހައި ލީޑު ފުޅާ ކޮށްފައިވަނިކޮށް މެޗު ނިމެން ދަނިކޮށް ބްރައިޓޮންގެ ވިވްސް ބިސޯމާ ވަނީ ބްރައިޓޮންގެ ދެ ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ.
ބޮޑު މޮޅަކާ އެކު އެވަޓަނުން މެޗު ކާމިޔާބު ކުރި ނަމަވެސް އެ ޓީމަށް މެޗުން ލިބުނު ބޮޑު ދެރައަކީ އެ ޓީމުގެ ޓޮޕް ފޯވާޑް ރިޗާލްސަން އަށް އަނިޔާވެ ބަދަލުކުރަން ޖެހުމުންނެވެ. އޭނާގެ ފަޔަށް ލިބުނު އަނިޔާއާ ގުޅިގެން ބަދަލު ކުރި އިރު، ބަދަލުގައި ކުޅެން ނުކުތީ އެލެކްސް އިވޯބީ އެވެ.
މީގެ އިތުރުން އިއްޔެ ޗެލްސީ ކުޅުނު މެޗުގައި އެ ޓީމުން ކްރިސްޓަލް ޕެލަސް ކޮޅަށް ހަތަރު ގޯލު ޖަހައިފަ އެވެ. އެ މެޗުގެ ދެވަނަ ހާފުގައި ހުރިހާ ގޯލެއް ފެނިގެން ދިޔައިރު، މެޗުން ލިބުނު ތިން ޕޮއިންޓާ އެކު ޗެލްސީ މިވަގުތު އޮތީ ތާވަލުގެ ހަތަރުވަނައިގަ އެވެ.
ޗެލްސީއަށް އެ މެޗުގައި ގޯލުތައް ޖަހައިދިނީ، މިފަހަރު ޓްރާންސްފާގައި އެ ޓީމަށް ބަދަލުވި ބެން ޗިލްވިލް އާއި ކާޓް ޒޫމާގެ އިތުރުން ޖޯޖީނިއޯ އެވެ. ޖޯޖީނިއޯ އެ މެޗުގައި ލިބުނު ދެ ޕެނަލްޓީއަކުން ދެ ގޯލު ވަނީ ކާމިޔާބު ކޮށްފަ އެވެ.
އަދި އެހެންމެ މިފަހަރުގެ ލީގަށް މުޅިން އަލަށް ކޮލިފައިވި ލީޑްސް ޔުނައިޓެޑުން ރޭ ވަނީ ވަރުގަދަ މެންޗެސްޓާ ސިޓީ ހިފަހައްޓައިފަ އެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އެ މެޗު 1-1 އިން އެއްވަރުވި އިރު، ސިޓީގެ ގޯލު ކާމިޔާބު ކުރީ ރަހީމް ސްޓާލިންގް އެވެ. ލީޑްސްގެ ގޯލަކީ މިފަހަރުގެ ޓްރާންސްފާގައި އެ ޓީމަށް ބަދަލުވި ރޮޑްރީގޯ ކާމިޔާބުކޮށްދިން ގޯލެކެވެ.