އަލުން ރިވިއު ކުރި ފަގީރުންނާއި މިސްކީނުންގެ ލިސްޓުގައި 11،514 ފަރާތެއް އެބަތިބި ކަމަށާއި، ބޮލަކަށް 2000 ރުފިޔާގެ މަގުން މިއަދު މުދަލުގެ ޒަކާތް ޖަމާކޮށްދޭން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

މުދަލުގެ ޒަކާތް ބެހުމަށް، ފަގީރުންނާއި މިސްކީނުންގެ ދަފްތަރު މުރާޖައާކުރުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފެށީ ޖުލައި މަހު އެވެ.

އިސްލާމިކް މިނިސްޓްރީން އެންމެ ފަހުން އެކުލަވާލި ފަގީރުންގެ ލިސްޓުގައި 8764 މީހުން ތިބި ނަމަވެސް، އެ އަދަދު ބޮޑުތަނުން އިތުރުވެފައި ވަނީ ކޮވިޑް-19 އާ ގުޅިގެން ގިނަ ބައެއްގެ ދިރިއުޅުމުގެ ހާލަތު ދަށަށް ދިއުމާ ގުޅިގެންނެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއަދުން ފެށިގެން މުދަލުގެ ޒަކާތުގެ ފައިސާ އެކައުންޓުތަކަށް ޖަމާކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން މުދަލު ޒަކާތުގެ ނިސާބުގެ ގޮތުގައި މިހާރު ކަނޑައަޅާފައިވަނީ 4676.70 ރުފިޔާ އެވެ. ދެހާސް ސޯޅަ ވަނަ އަހަރުން ފެށިގެން މުދަލުގެ ޒަކާތް ބަލައިގަންނަމުން ދަނީ މީރާއިންނެވެ.