ކަފު ޖަހާފައި ކަނޑުމަތީން އިއްޔެ އައްޑޫ ސިޓީ ހިތަދޫއަށް ވައްދަން އުޅުނު މަސްތުވާތަކެތީގެ ތެރޭގައި ގާތްގަނޑަކަށް 80 ކިލޯގެ މަސްތުވާތަކެތި ހިމެނޭ ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ޕާކިސްތާނުގެ ބައެއް ނޫސްތަކުން ބުނެފައި ވަނީ އެގައުމުގެ އެންޓީ ނާކޮޓިކް ފޯސް (އޭއެންއެފް) އާއި ބައިނަލްއަގުވާމީ ބައެއް ފަރާތްތަކާ ގުޅިގެން އިއްޔެ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށެވެ. މަސްތުވާތަކެތީގެ ބޮޑު ވިޔަފާރިއެއް ހިންގަމުންދާ ބައިނަލްއަގުވާމީ ގޭންގެއްގެ މަސްތުވާތަކެތީގެ މައްސަލައެއްގައި އެތައް ބިލިއަން ރުޕީސްގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް އެ ނޫސްތަކުން ބުނެ އެވެ.

އެކަމާ ގުޅޭ ގޮތުން މިއަދު ކޮމިޝަނާ މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އައްޑޫ ސިޓީގައި ފުލުހުން ދަނީ އެންޓި ނާކޮޓިކްސްގެ ބޮޑު އޮޕަރޭޝަނެއް ކުރިއަށް ގެންދަމުން ކަމަށެވެ.

އިއްޔެގެ އޮޕަރޭޝަން ކުރިއަށް ގެންގޮސްފައި ވަނީ ސީދާ ދިވެހި ފުލުހުންގެ މަސައްކަތާއި ދިވެހީންގެ އިންޓެލިޖެންސްއަށް ބިނާކޮށްގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެގޮތުން އެ މަސައްކަތުގައި ރާއްޖޭގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓް އާއި ޑްރަގް އިންޓެލިޖެންސް ޔުނިޓާއި ޑިވިޝަނަލް އިންޓެލިޖެންސް ޔުނިޓާއި މެރީން ޕޮލިސްގެ އިތުރުން ދެކުނު ޕޮލިސް ޑިވިޝަނުން ގުޅިގެން މަސައްކަތް ކޮށްފައިވާ ކަމަށް ހަމީދު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ މައްސަލަ ކުރިއަށްދާ ވަރަކުން އެ މައްސަލާގައި ގުޅުންހުރި ބައިނަލްއަގުވާމީ ފަރާތްތަކާ މަޝްވަރާކުރާނެ ކަމަށެވެ.

މަސްތުވާތަކެތީގެ ވިޔަފާރިކުރުން ރާއްޖޭގައި ހުއްޓުވުމަށް މަސައްކަތް ކުރައްވާ ކަމަށް އޭނާ ފާހަގަކުރައްވާފައިވެ އެވެ.
އައްޑޫ ސިޓީގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ފުލުހުން ތުހުމަތު ކުރާ ބޮޑު ޑީލަރަކާއެކު ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ޝަމްވީލް ގާސިމް (ބޮންޑާ) ވަނީ ހައްޔަރުކޮށްފަ އެވެ.

އައްޑޫ ސިޓީ ހިތަދޫގައި ފުލުހުން އިއްޔެ ހަވީރު ހިންގިި އެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ ކުށުގެ އެތައް ރިކޯޑްތަކެއް އޮންނަ އަދި އައްޑޫ ޑްރަގް ނެޓްވޯކްގެ ބޮޑެއްގެ ގޮތުގައި ލޭބަލްވެފައި ސ.ހިތަދޫ، ފިނިފަރު، އަބްދުﷲ އިބްރާހިމް (އަބުޗާ) އެވެ. އޭނާއާ އެކު ގިނަ އަދަދެއެގެ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.