17 Jan 2012, 11:35
މިދިޔަ އަހަރުގެ ފުޓްބޯޅަ ސީޒަންގައި ވީބީއަށް ކުޅުނު އެޓީމްގެ ފޯވާޑް އަލީ އަޝްފާގް (ދަނގަޑޭ) މިއަހަރުގެ ސީޒަންގައި ނިއުއަށް ބަދަލުވީ 1.4 މިލިއަން ރުފިޔާ އަށް ކަމަށް އެކުލަބުން އިއުލާން ކޮށްފިއެވެ. އަދި ދަނގަޑޭ ނިއުއަށް ބަދަލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ނެވެ.
ދަނގަޑޭ ނިއުއަށް ސޮއިކުރި އަގު ނިއު އިން އިއުލާން ކުރީ މިއަހަރުގެ ފުޓްބޯޅަ މޫސުން ފެށުމުގެ ގޮތުން ރޭ އެމްއެންބީސީ ވަންގައި ބޭއްވި އެކުލަބުގެ "ބްލޫ ނައިޓް"ގައި ޗެއާމަން އަލީ ވަހީދު (ބަލަކު) އެވެ. އެހެން ކަމުން ދަނގަޑޭ މިހާރު ވެފައި ވަނީ ރާއްޖޭގައި މިހާތަނަށް އެންމެ ބޮޑު އަގުގައި ކްލަބް ބަދަލުކުރި ހަމައެކަނި ކުޅުންތެރިޔާއަށެވެ. ކުރިން މިމަޤާމް އޮތީ މިދިޔަ ސީޒަންގައި ވީބީއަށް ކުޅުމަށްފަހު، މިސީޒަންގައި އީގަލްސްއަށް ބަދަލުވި ހުނަރުވެރި މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) އަތުގައެވެ. އޭނާ އީގަލްސްއަށް ބަދަލުވީ ހަ ލައްކަ ރުފިޔާ އަށެވެ.
މިއަހަރުގެ ފުޓްބޯޅަ މޫސުން ފެށެން ކުޑަދުވަސް ކޮޅަކަށް ވެފައިވާ އިރު، ދަނގަޑޭގެ އިތުރުން މިއަހަރުގެ ސީޒަންގައި ނިއުއަށް ކުޅުމަށް ބަދަލުވި ކުޅުންތެރިންގެ ތެރޭގައި މިދިޔަ އަހަރުގެ ފުޓްބޯޅަ ސީޒަންގައި އެންމެ ގިނަ ގޯލް ޖަހާފައިވާ ވިކްޓަރީގެ އިބްރާހިމް ފަޒީލް (އޮއްޕޮ) އާއި ވީބީ އަދި ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ އެއްނަންބަރު ގޯލް ކީޕަރު އިމްރާން މުހައްމަދު އަދި ވީބީގެ ފޯވާޑް އަލީ އުމަރު ހިމެނެ އެވެ.
ރޭ ނިއުއިން ބޭއްވީ ބުލޫ ނައިޓުގައި އެ ޓީމާ އަލަށް ގުޅުނު ކުޅުންތެރިން ތައާރަފް ކުރުމުގެ އިތުރުން އެކުލަބުގެ ކޯޗިން ސްޓާފާއި އޮފިޝަލުން ވެސް ވަނީ ތައާރަފްކޮށްފަ އެވެ. އެގޮތުން ނިއުގެ ކޯޗަކީ މިދިޔަ އަހަރުވެސް އެޓީމަށް އިރުޝާދު ދިން މުހައްމަދު ޝިޔާޒް (މޯހަން) އެވެ. އަދި އެސިސްޓެންޓް ކޯޗަކަށް ޔޫސުފް އަޒީމް (ޔޫއްޓޭ) ހަމަޖައްސާފައި ވާއިރު މެނޭޖަރަކީ ނިއުގެ ކުރީގެ ޑިފެންޑަރު އަންވަރު އަލީ އެވެ.
މި އަހަރުގެ ސީޒަންގައި ވެސް ނިއުރޭޑިއަންޓުގެ މެއިން ސްޕޮންސާއަކަށް ހަމަޖައްސައިފައި ވަނީ ފާއިތުވި ދެއަހަރުވެސް އެކުލަބް ސްޕޮންސަ ކޮށްފައިވާ މައިލޯއާ އެކު އެވެ.
މިއަހަރުގެ ފުޓްބޯޅަ ސީޒަން ފެށުމަށް މިހާރު އެފްއޭއެމްއިން ނިންމާފައި ވަނީ އަންނަ މާޗް މަހުގެ 27 ވަނަ ދުވަހު އެވެ.