03 Oct 2020, 23:15
އައްޑޫ ސިޓީގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ފުލުހުން ތުހުމަތު ކުރާ ބޮޑު ޑީލަރަކާއެކު ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ޝަމްވީލް ގާސިމް (ބޮންޑާ) ހައްޔަރުކޮށްފި އެވެ.
އައްޑޫ ސިޓީ ހިތަދޫގައި ފުލުހުން މިއަދު ހަވީރު ހިންގިި އެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ކުށުގެ އެތައް ރިކޯޑްތަކެއް އޮންނަ އަދި އައްޑޫ ޑްރަގް ނެޓްވޯކްގެ ބޮޑެއްގެ ގޮތުގައި ލޭބަލްވެފައި ސ.ހިތަދޫ / ފިނިފަރު، އަބްދުﷲ އިބްރާހިމް (އަބުޗާ) އެވެ. އޭނާއާއެކު ގިނަ އަދަދެއެގެ މީހުން ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ކުރީގެ ފުޓުބޯޅަ ކުޅުންތެރިޔާ ބޮންޑާވެސް ހިމެނެއެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި ފުލުހުން ވަނީ އެ އޮޕަރޭޝަންގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައެވެ. އެހެން ނަމަވެސް އެއީ ސީދާ ކިހާ އަދަދެއްގެ މަސްތުވާތަކެތި ކަމެއް އަދި ކަށަވަރެއް ނޫނެވެ.
މަސްތުވާތަކެތި އަތުލައިގެންފައި ވަނީ ހިތަދޫއަށް ކަފު ޖަހައިގެން ވައްދަން އުޅުނު ލޯންޗަކުންނެވެ.
"ލޯންޗު އެހެން ދޯންޏެއްގައި ކަފު ޖަހައިގެން އަންނަނިކޮށް ފުލުހުން ހިތަދޫ ބަނދަރުން ވަންނަ އުޅެނިކޮށް އަތުލައިގަތީ. މަސްތުވާތެކެތި ހުރީ އެ ލޯންޗުގައި. މައުލޫމާތު ލިބެނީ 50 ކިލޯއަށްވުރެ ގިނަ އަދަދެއްގެ ހަކުރު އެ ލޯންޗުން އަތުލައިގަތް ކަމަށް،" އައްޑޫއިން ވާހަކަ ދެއްކި މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.
ބެލެވޭ ގޮތުގައި އެ މަސްތުވާތަކެއްޗަކީ ރާއްޖޭގެ ބޯޑަރު ކައިރިން ބޭރު ބޯޓަކުން އެ ލޯންޗަށް އަރުވައިގެން އެތެރެކުރަން ކުރަން އުޅުނު މަސްތުވާތަކެއްޗެވެ.
އެނގިފައިވާ ގޮތުގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި އަބުޗާގެ ނެޓްވޯކަށް ނިސްބަތްވާ މީހުންވެސް ހިމެނެއެވެ.
އެ އޮޕަރޭޝަނާ ގުޅޭގޮތުން މިހާތަނަށް ފުލުހުން މާ ބޮޑު ތަފްސީލެއް ނުދެއެވެ. ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވީ، އައްޑު ސިޓީގައި މިއަދު ފުލުހުން ބޮޑު އޮޕަރޭޝަނެއް ހިންގަމުން އަންނަ ކަމަށެވެ. އަދި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ބައެއް މީހުން ހައްޔަރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ އޮޕަރޭޝަންގައި މެރިން ޕޮލިސްވެސް ހަރަކާތްތެރިވެފައިވާ ކަން އޭނާ ފާހަގަ ކުރިއެވެ.
އެ އެޕަރޭޝަންގައި މެރިން ޕޮލިސްގެ އިތުރުން ދެން ބައިވެރިވެފައި ވަނީ، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓާއި، ޑްރަގް އިންޓެލިޖެންސް ޔުނިޓާއި، ޑިވިޝަނަލް އިންޓެލިޖެންސް ޑިޕާޓްމެންޓް އަދި ސައުތު ޕޮލިސް ޑިވިޝަން ހަރަކާތްތެރިވަމުންދާ ކަމަށްވެސް ހަމީދު ވިދާޅުވި އެވެ.
ބޮންޑާ ރަސްމީކޮށް ފުޓްބޯޅަ ކުރުމާ ދުރުވިތާ އަހަރުތަކެއްވެއްޖެ އެވެ. މިހާރު އޭނާ ހަރަކާތްތަރިވަމުން އަންނަނީ މަސްވެރިކަމުގެ ދާއިރާގައެވެ. އޭނާ ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫގެ ގޮނޑިއަކަށް އަމިއްލަ ގޮތުން ވާދަ ކުރުމަށް ކުރިމަތިލާފައެވެ.
އޮޕަރޭޝަންގައި ހައްޔަރުކުރި، އަބުޗާއަކީ މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް އޭގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ބޮޑު ޑީލަރެއް ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ. އޭނާ ވަނީ މީގެ ކުރިން މަސްތުވާތަކެތީގެ މައްސަލަތަކުގައި ނުވަ ފަހަރަށް ގިނައިން ހައްޔަރުކޮށްފައެވެ.

ކެޕްޝަން..
މިދިޔަ އަހަރު ޖުލައި މަސް ތެރޭވެސް ގިނަ އަދަދެެއްގެ މަސްތުވާތަކެއްޗާއެކު ފުލުހުން ވަނީ އަބުޗާ ހައްޔަރުކޮށްފައެވެ. އެފަހަރު އަބުޗާއާގެ އިތުރުން ހަތަރު މީހަކާއެކު ހަ ކިލޯގެ މަސްތުވާތަކެތި ފުލުހުން އަތުލައިގަތެވެ. އެ މައްސަލައިގައި ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އަބުޗާގެ މައްޗަށް ކުރިއެވެ. އެ ނެޓްވޯކުން މަސައްކަތްކޮށްފައިވަނީ، އެކެއްގެ ބޮލުގައި އެ މައްސަލަ އަޅުވައި، ދެން ތިބި އެންމެ ސަލާމަތް ކުރުމަށެވެ. އެފަހަރު ހައްޔަރު ކުރި އެކަކު ވަނީ އޭގެ ޒިންމާ ނަގައި، ކުށަށް އިއުތިރާފުވެފައެވެ.
އަބުޗާގެ ކުށުގެ ރިކޯޑަށް ބަލާއިރު، ޖަމާއާތް ހަދައިގެން ރޭޕް ކުރުމުގެ ތުހުމަތުގައި އެއް ފަހަރު ހައްޔަރު ކުރި އެވެ. ނުރުހުމުގައި ބަދުއަޚްލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި އޭނާ ވަނީ އެއް ފަހަރު ހައްޔަރު ކޮށްފައެވެ. އޭގެ އިތުރުން އަމުރަށް ނުކިޔަމަންތެރިވެގެން ދެ ފަހަރަކު އަދި ގުރޫޕް ހަދައިގެން މާރާމަރީ ހިންގުމުގެ ތުހުމަތުގައި ދެ ފަހަރަކު އޭނާ ހައްޔަރު ކުރިއެވެ.