އިސްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ހިޔާލުތަފާތުވެ އިސްރާއިލްގެ ޓުއަރިޒަމް މިނިސްޓަރު އަސަފް ޒަމީރު އިސްތިއުފާ ދެއްވައިފި އެވެ.

އަސަފް ވިދާޅުވީ ކޮވިޑްގެ ހާތަަލުން ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް ވުރެ ނަތަންޔާހޫ އިސްކަންދެއްވަނީ އެމަނިކުފާނުގެ އަމިއްލަ ކަންތައްތަކާއި ނަތަންޔާހޫ އަށް ގާނޫނީ ގޮތުން ކުރިމަތިވެފައިވާ ކަންތައްތަކަށް ކަމަށެވެ.

އަދި ނަަތަންޔާހޫ އަށް އެއްވެސ އިތުބާރެއް ނެތް ކަމަށާއި އެހެންކަމުން ކެބިނެޓްގައި އިންނަވަން ބޭނުންނުވާ ކަމަށް އަސަފް ވަނީ ވިދާޅުވެފަ އެވެ.

އަސަފް ނިސްބަތް ވަނީ އިސްރާއިލްގެ ބްލޫ އެންޑް ވައިޓް ޕާޓީ އަށެެވެ. އެ ޕާޓީީއަކީ މީގެ ކުރިން ނަތަންޔާހޫގެ ޕާޓީއާ ދެކޮޅަށް އިންތިހާބްގައި ވާދަކުރި ޕާޓީއެކެވެ. ނަމަވެސް އިސްރާއިލްގައި ސަރުކާރެެއް ގާއިމްނުކުރެވި އުޅެނިކޮށް ކޮވިޑްގެ ހާލަތު އައުމުން އެ ޕާޓީން ނަތަންޔާހޫގެ ކޯލިޝަންއާ ގުޅުނީ އެވެ.

ކޮރޯނާގެ ހާލަތު ގޯސްވެ އިސްރާއިލް އަނެއްކާ ވެސް ވަނީ ފުރަބަންދަކަށް ގޮސްފަ އެވެ. އަދި ކޮވިޑްގެ ހާލަތުގައި ސަރުކާރުން އަމަލުކުރިގޮތާ ދޭތެރޭ އެތައް ބައެއްގެ ފާޑުކިޔުން ނަތަންޔާހޫއަށް ވަނީ އަމާޒުވެފަ އެވެ.

ނަތަންޔާހޫގެ މައްޗަަށް ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކުރެވިފައިވާއިރު ނަތަންޔާހޫގެ އިސްތިއުފާއަށް އެދި އެތައް ބަޔަކު ދަނީ އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅުގެ ކުރިމަތީގައި މުޒާހަރާކުރަމުންނެވެ.

ކޮރޯނާގެ ހާލަތުުގައި މުޒާހަރާކުރުން މަނާކުރެވޭނެ ގޮތަށް އިސްރާއިލްގެ ޕާލަމަންޓް އިން މިދިޔަ ހަފްތާގައި ބިލެއްވެސް ވަނީ ފާސްކޮށްފަ އެވެ.-- އަލްޖަޒީރާ--