04 Oct 2020, 07:09
ކުރީގެ ޖަންގަލީގެ އުސޫލަށް ދުނިޔެ ގެންދަން އެމެރިކާ އިން އުޅޭ ކަމަށް ޗައިނާ އިން ތުހުމަތުކޮށްފި އެވެ.
ޗައިނާ އިން އެމޭރުމުން ވާހަކަ ދެއްކީ އެމެރިކާގެ ސެކެޓްރީ އޮފް އެޑިއުކޭޝަން ބެޓްސީ ޑޭވޮސް ދާދި ފަހުން ޗައިނާއާ ގުޅޭ ގޮތުން ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާތީ އެވެ.
ޑޭވޮސްއާއި އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕޯއޯ ދާދި ފަހުން ވިދާޅުވީ ޗައިނާ އިން އެގައުމުގައި ދިރިއުޅޭ ވީގޫރް ދަރިކޮޅުގެ އަންހެންނަށް މަޖުބޫރުކޮށްގެން އެބޯޝަން ހައްދައި ނުވިހާ ގޮތްހަދައި އަދި މާބަނޑުވުން ދުރުކޮށްދޭ އެކި ޑިވައިސްތައް ބޭނުންކުރަން މަޖުބޫރު ކުރަމުންދާ ކަމަށެވެ.
އެ ތުހަމަތުތަކަށް ރައްދުދެއްވައި އދ.ގައި ހުންނަ ޗައިނާގެ މިޝަންގެ ތަރުޖަމާނު ވިދާޅުވީ އެ ވާހަކަތަކަކީ ބުހުތާނު ދޮގެއް ކަަމަށެވެ.
ތަރުޖަމާނު އިތުރަށް ވިދާޅުވީ އެމެރިކާގެ ސިޔާސީ ފަރާތްތަކަކީ އަަބަދުހެން ދޮގުހަދާ ބައެއް ކަަމަށާއި އަދި ދުނިޔޭގައި މިހާރު އޮތް އުސޫލުތައް ހަލާކުކޮށްލައި ކުރީގެ ޖަންގަލީގެ އުސޫލަށް ގެންދަން މަސައްކަތް ކުރާ ކަމަށެވެ.
އދ.ގެ ޕޮޕިއުލޭޝަން ފަންޑުން ބުނީ ޑޭވޮސް ދެެއްކެވި ވާހަކަތަކާ މެދު ދެރަވާ ކަަމަށެވެ. އަދި އެ ފަންޑުން އެއްގޮތަކަށް ވެސް މަޖުބޫރުކޮށްގެން ދަރިން ނުލިބޭގޮތް ހެދުމާއި އެބޮޝަން ހެދުމަށް ހިތްވަރު ނުދޭނެކަމަށް އެ ފަންޑުން ބުންޏެވެ.
ޕޮޕިއުލޭޝަން ފަންޑުން މީހުންނަށް މަޖުބޫރުކޮށްގެން އެބޯޝަން ހެއްދުމާއި ނުވިހާގޮތް ހަދާ ކަމަށް ތުހުމަތުކޮށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެ ފަންޑަށް ހަރަދުކުރުން 2017 ވަނަ އަހަރު ހުއްޓާލައިފަ އެވެ.-- ރޮއިޓާސް