03 Oct 2020, 21:28
ތެލާއެކު ގއ. ކޮނޑެއަށް ދަތުރުކުރަމުން ދިޔަ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ތެޔޮ ބޯޓެއް ފަރަށް އަރައިފި އެވެ.
ހުވަދު އަތޮޅުގައި ބޭނުން ކުރާ އެފްއެސްއެމްގެ ބޯޓެއް މިރޭ ފަރަށް އަރައިގެން އުޅޭކަން އެފްއެސްއެމްގެ އެމްޑީ މުހައްމަދު ގަސަމް ވަނީ "ސަން"އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި އޭ ބޯޓު އެރީ ކޮނޑޭ ކައިރި އޮންނަ ފަރަކަށެވެ.
ބޯޓަށް މާ ބޮޑު ގެއްލުމެއް ނުވާ ކަމަށް ގަސަމް ވިދާޅުވި އެވެ. އަދި ބޯޓުން ތެޔޮ ލީކުވާނެ ކަމަށް ނުބެލެވޭ ކަމަށް ވިދާޅުވި އެވެ.
ގަސަމް ވިދާޅުވީ، ދިޔަވަރު ބޮޑުވުމުން ބޯޓު ފުން ކުރެވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ތެޔޮ ބޯޓުތައް ފަރަށް އަރައިގެން މޫދަށް ތެޔޮ ލީކުވުމަކީ ދުނިޔޭގެ އެހެން ހިސާބުތަކުގައި ހިނގާފައިވާ ކަމެކެވެ. ތެޔޮ ލީކުވުމަކީ މޫދުގެ ދިރުންތައް މަރުވާން ދިމާވާ، ތިމާވެއްޓަށް ނުރައްކާތެރި ކަމެކެވެ. ނަމަވެސް، އެފަދަ ހާދިސާތައް ހިނގަނީ ބޯޓަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންނެވެ.