ދިވެހީންނަކީ ދުނިޔޭގެ އެކިކަންކޮޅުތަކުގެ ރަހަތަކަށް ފަރިތަ ބައެކެވެ. ތަފާތު ކެއުންތަކަށް ލޯބިކުރާއިރު އޭގެތެރޭގައި އެކި ކަަހަލަ ގިނަ ވައްތަރުގެ ކެއުންތައް ހިމެނެ އެވެ. އޭގެ ތެރެއިން ފާހަގަކުރެވޭ އެއް ކެއުމަކީ ޝަވަރުމާ އެވެ. ދިވެހީންނަށް ޝަވަރުމާ ވަރަށް ކަމުދެ އެވެ. ޝަވަރުމާ ލިބޭ ތަންތަން މިހާރު ރާއްޖޭގައި މަދެއް ނޫނެވެ. ނަމަވެސް މެދު އިރުމަތީގެ ކެއުމެއް ކަމަށްވާ ޝަވަރުމާ، އެތަނުގައި ހަދާ ގޮތަށް އެތަނުގައި ރަހަ ލާގޮތަށް ހުރި ޝަވަރުމާ ކެއީ ކިތައް މީހުން ހެއްޔެވެ؟ މިހާރު މާލޭގައި ހުރެގެން އެ ރަހައަށް އިންސާފު ކޮށްލެވޭނެ ގޮތް ވަނީ ފަހިވެފަ އެވެ.

ލަޒީޒް ގޯމޭގެ ނަމުގައި ހުޅުމާލެ ހިތިގަސްމަގު އެއް ނަމްބަރު ގޯޅީގައި ހުޅުވި ރެސްޓޯރެންޓަކީ މެދުއިރުމަތީގެ ކެއުންތަކަށް ހާއްސަ ރެސްޓޯރެންޓެކެވެ. ރެސްޓޯރެންޓުގައި ހެޑް ޝެފެއްގެ ގޮތުގައި މަސައްކަތް ކުރުމަށްޓަކައި ފަލަސްތީނުން ވަނީ ޝެފް އެއް ގެނެސްފަ އެވެ. އެހެންކަމުން އެ ރެސްޓޯރެންޓުން ލިބޭނީ ސީދާ އޮތެންޓިކް ކެއުން ކަމާ މެދު ޝައްކެއް ނެތެވެ. ލަޒީޒްގައި ހަދާ ޝަވަރުމާގެ އަޖުމަ ބަލައިލާން ޖެހޭ ސަބަބަކީ އެއީ އެވެ.

ލަޒީޒްގެ ހެޑް ޝެފް ގުސާއީ މޫސާ އޮމަރު ވަނީ ސަންގެ ޓީމަށް ލަޒީޒް ރެސްޓޯރެންޓްގެ ޝަވަރުމާގެ އަޖުމަ ބަލައިލުމަށް ފުރުސަތެއް ދީފަ އެވެ. އެއާއެކު ބުނެވޭނީ ދެވަނަ ފަހަރަށް އެ ކެއުމަށް ދާނެ ކަމުގެ ޔަގީންކަން ދެވޭނެ ކަމެވެ. ސަން ޓީމަށް ޝެފް ހަދައިދީފައިވަނީ ކުކުޅު ޝަވަރުމާއެކެވެ. ދެވަނަ ފަހަރަށް އަޖުމަ ބަލައިލުމަށް ދާހާވެސް މީރެވެ.

އެ ރެސްޓޯރެންޓްގެ ސިގްނޭޗާ ޝަވަރުމާ ޑިޝްއަކީ ހަމައެކަނި ކެއުމެއް ނޫނެވެ. އެއީ ތަޖުރިބާ އެެވެ. ބަދިގެއިން ފެށިގެން އެ ކެއުން ކަސްޓަަމަރުގެ ތަށްޓާ ހަމައަށްދާން ދެންވެސް އެ ތަޖުރިބާ ތަފާތެވެ. އެހެން ތަންތަނުގައި ޝަވަރުމާއަށް އެދުމުން ބަދިގެއިން އެ ޝަވަރުމާ ހަދައިގެން އަންނާނެ އެވެ. ލަޒީޒްގެ ޝަވަރުމާއަކީ އަމިއްލައަށް ރާވާލަން ޖެހޭ އެއްޗެކެވެ.

"އަޅުގަނޑުމެންގެ ޝަވަރުމާ ތަފާތުވާ އެއް ގޮތަކީ އެ ޝަވަރުމާ ކަސްޓަމަރާ ހިސާބަށް ދާގޮތް. ހުރިހާ އައިޓަމެއް ހުންނާނީ ވަކީން. އަނެއްކާ ޝަވަރުމާއަށް އަޅާ ކުކުޅު ހިމެނޭނީ ވަކި ކުޑަ ޓަވަރެއްގެ ގޮތުގައި،" ހެޑް ޝެފް އޮމަރު ބުންޏެވެ.

އަދި އެ ޝަވަރުމާއަކީ ފަލަސްތީނުގެ ރަހަތައް ހިމެނޭގޮތަށް އެތަނުގައި ހަދާ ގޮތަށް ހަދާ ޝަވަރުމާތަކެއް ކަމަށް އޭނާ ފާހަގަކުރި އެވެ. އެހެންކަމުން އެ ޝަވަރުމާއަކީ ސީދާ މެދުއިރުމަތީގެ ރަހަތައް ހިމެނޭ އޮތެންޓިކް ކެއުމަކަށް ވާނެ ކަމަށް އޭނާ ފާހަގަކޮށްފައިވެ އެވެ. އޭނާ ވަނީ ލަޒީޒްގެ ޝަވަރުމާގައި ބޭނުންކުރާ ގާލިކް ސޯސްވެސް ފާހަގަކޮށްފަ އެވެ. އެގޮތުން އެ ސޯސް އަކީ ސީދާ މެދުއިރުމަތީގެ ރަހަތައް ހިމެނޭ ސޯސް އެއް ކަމަށް އޭނާ ފާހަގަކުރި އެވެ.

ހުރިހާ ރަހައެއް ވެސް ހަމަ ފުރިހަމައަށް ލިބެ އެވެ. އަދި ޝަވަރުމާގެ އެންމެ މުހިއްމު ދެ ތަރި ކަމަށްވާ ޕީޓާ އާއި ކުކުޅު ރަހަ ނުގެއްލި މުޅި ކެއުމުގެ ތެރޭގައި ހިމެނެ އެވެ. ޝަވަރުމާއަށް އަޅަން ޖެހޭ އިތުރު އެއްޗެއްސާއެކުވެސް ކުކުޅުގެ މީރު ރަހަ އާއި ޕީޓާގެ މީރު ރަހަ ކެނޑިގެނެއް ނުދެ އެވެ.