މިދިޔަ ސެމްޓޭމްބަރު މަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އެއާ ޓްރެފިކް މޫވްމަންޓު ދަށަށް ހިނގައްޖެ އެވެ.

ވީއައިއޭ ހިންގާ އެއާޕޯޓްސް ކޮމްޕެނީއިން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު ރެކޯޑުކޮށްފައި ވަނީ، ބައިނަލްއަގުވާމީ 426 މޫވެމެންޓާއި އެތެރޭގެ 304 މޫވްމަންޓާއެކު ޖުމްލަ 730 މޫވްމަންޓެވެ.

މިއީ އޮގަސްޓު މަހުގެ 767 މޫވްމަންޓާ އަޅާބަލާއިރު މަދު އަދަދެކެވެ. އޮގަސްޓު މަހު ބައިނަލްއަގުވާމީ 448 މޫވްމަންޓާއި އެތެރޭގެ 319 މޫވްމަންޓު ރެކޯޑުކުރެވިފައިވެ އެވެ.

އެއާ ޓްރެފިކް މޫވްމަންޓު ދަށަށް ދިޔަ ނަމަވެސް، ވީއައިއޭއަށް ބޭރު ގައުމުތަކުން އައި މީހުންގެ އަދަދު ވަނީ އޭގެ ކުރީ މަހާ އަޅާބަލާއިރު އިތުރުވެފަ އެވެ. މިދިޔަ މަހު 13،487 މީހުން ބޭރު ގައުމުތަކުން ރާއްޖެ އައި އިރު، އޭގެ ކުރީ މަހު ވީއައިއޭއަށް އައީ 11،186 މީހުންނެވެ.

އަދި ވީއައިއޭ މެދުވެރިކޮށް، ރާއްޖެއިން ބޭރު ގައުމުތަކަށް ފުރި މީހުންގެ އަދަދު ވަނީ މިދިޔަ މަހު މަދުވެފަ އެވެ. މިދިޔަ މަހު 13،739 މީހުން ރާއްޖެއިން ބޭރަށް ފުރި އިރު، އޭގެ ކުރީ މަހު 13،926 މީހުން ރާއްޖެއިން ބޭރަށް ފުރާފައިވެ އެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު އަލުން ހުޅުވާލީ ޖުލައި މަހުގެ 15ގަ އެވެ.