03 Oct 2020, 18:39
އައްޑޫ ސިޓީގައި ފުލުހުން މަސްތުވާތަކެއްޗާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ހިންގަން ފަށައިފި އެވެ.
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އައްޑޫގައި މަސްތުވާތަކެއްޗާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ.
އެ އޮޕަރޭޝަނުގެ ދަށުން ގިނަ ބަޔަކު ހައްޔަރުކޮށް، ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ އޮޕަރޭޝަނުގައި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓާއި، ޑްރަގް އިންޓެލިޖެންސް ޔުނިޓާއި، ޑިވިޝަނަލް އިންޓެލިޖެންސް ޑިޕާޓްމެންޓާއި، މެރިން ޕޮލިސް، އާއި ސައުތު ޕޮލިސް ޑިވިޝަން ހަރަކާތްތެރިވަމުންދާ ކަމަށްވެސް ހަމީދު ވިދާޅުވި އެވެ.
މި އޮޕަރޭޝަން އަދިވެސް ކުރިއަށްދާއިރު، މިހާތަނަށް ހައްޔަރު ކުރި މީހުންގެ އަަދަދު އަދި އަތުލައިގަނެވުނު މަސްތުވާތަކެތީގެ މިންވަރު ފުލުހުން ހާމައެއް ނުކުރެ އެވެ.