17 Jan 2012, 11:17
ގައުމީ ޕާޓީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ހައްޔަރުކޮށްފައި ވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށާއި ޑރ. ޖަމީލް ދޫކޮށްލުމަށް ފުލުހުންގެ މައްޗަށް އަމުރެއް ނެރެދިނުމަށް އެދި ގައުމީ ޕާޓީން ކްރިމިނަލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.
މި މައްސަލަ ކޯޓަށް ހުށަހެޅުއްވީ ޑރ. ޖަމީލުގެ ވަކީލު އަދި ގައުމީ ޕާޓީގެ ރައީސް ޑރ. ހަސަން ސައީދެވެ.
ފުލުހުންގެ އިދާރާ އަށް ހާޒިރުވުމަށް ޑރ. ޖަމީލަށް ފުލުހުންގެ އިދާރާ އިން ފޮނުވި ސިޓަށް ރޭ ވެސް އޭނާ ހާޒިރުވެވަޑައިގަތުމާ ގުޅިގެން ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްގެން ދޫނިދު އަށް ގެންގޮސްފަ އެވެ.
ފުލުހުން ޑރ. ޖަމީލް ރޭ ހައްޔަރުކޮށްފައި ވަނީ އިއްޔެ ރޭ އޭނާ ފުލުހުންގެ އިދާރާ އަށް ހާޒިރުވެވަޑައިގަތުމާ ގުޅިގެން ހައްޔަރުކޮށްގެން ދޫނިދޫ އަށް ގެންގޮސްފައިވަނިކޮށް، ޑރ. ޖަމީލް ހައްޔަރުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ކްރިމިނަލް ކޯޓުން ނެރުނު އަމުރެއްގެ ދަށުން އޭނާ ދޫކޮށްލާފައި ވަނިކޮށެވެ.
ޑރ. ޖަމީލް ރޭ ދޫނިދޫ އަށް ގެންދެވުމުގެ ކުރިން ވިދާޅުވެފައި ވަނީ އިންސާފު ހޯދުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރައްވާނެ ކަމަށެވެ. "އަދި ކުރީގެ ގާނޫނު އަސާސީ އޮތް ނަމަ ރައީސް ނަޝީދަކީ ހުދުމުތާރު ކަމުގައި ހިޓްލަރަށް ވުރެ މަތީ މީހަކަށް ވީސް" ކަމަށް ވެސް ޖަމީލް ވަނީ ވިދާޅުވެފަ އެވެ.
ނަމަވެސް ފުލުހުން ބުނެފައި ވަނީ ޑރ. ޖަމީލް ހައްޔަރުކުރީ ނޫން ކަމަށާއި އޭނާ ދޫނިދޫއަށް ގެންދިޔައީ ތަހުގީގު ކުރުމަށް ކަމަށެވެ.
ސަރުކާރާ ބެހޭ ގޮތުން ސާބިތު ނުހިފޭ ވާހަކަތަކެއް މީޑިއާގައި ދައްކަވާފައިވާ ކަމަށް ބުނެ ސަރުކާރުން ޑރ. ޖަމީލާއި ސަންދާނު އަހައްމައިދީގެ މައްސަލަ ތަހްގީގުކޮށް ދިނުމަށް ސަރުކާރުން ފުލުހުންގެ އިދާރާއަށް ހުށަހެޅުމާ ގުޅިގެން އެ ދެ ބޭފުޅުން ވަނީ ތިން ރޭ މަތިން ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށްފަ އެވެ. ނަމަވެސް ރޭ ސަންދާން އަހައްމައިދީ ހާޒިރުކޮށްފަ އެއް ނުވެ އެވެ.