17 Jan 2012, 11:10
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަކީ ދިވެހިރާއްޖެ ޑިމޮކްރަސީގެ އުސޫލަށް ބަދަލުވި ފަހުން އިންތިހާބުވި ފުރަތަމަ ރައީސް ކަމަށާއި އެހެން ނަމަވެސް ރައީސް ނަޝީދުގެ ސަރުކާރު މިއަދު ވަނީ ޚުދުމުޚުތާރު ވެރިކަމަކާ ދިމާލަށް މިސްރާބުޖަހާފައި ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.
ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބުދުﷲ މުހައްމަދާއި ގައުމީ ޕާޓީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ރޭ ހައްޔަރުކުރި މައްސަލާގައި އަދާލަތު ޕާޓީން މިއަދު ނެރުނު ބަޔާނުގައި ބުނަނީ ރައީސް ނަޝީދުގެ ސަރުކާރުން މިއަދު ވަނީ "ޑިމޮކްރަސީގެ އަސްލުތައް މުލުން ލުހެލައި، ވެރިކަމުގެ ހުރިހާ ބާރުތައް މުށުތެރެއަށް ލައި، އަނިޔާވެރި މިލިޓަރީ ވެރިކަމަކާ ދިމާލަށް މިސްރާބުޖަހާފައި" ކަމަށެވެ.
އަދާލަތުގެ ބަޔާނުގައި އަދި ބުނަނީ ސަރުކާރަށް ފާޑުކިޔާ އިދިކޮޅު ސިޔާސީ ބޭފުޅުންނާއި ސަރުކާރުން ބޭނުންވާ ގޮތަށް ހުކުމްކޮށް ނުދެއްވާ ގާޒީންނާ ދެކޮޅަށް ފުލުހުންނާއި ސިފައިން ނެރެފައިވާ ކަމަށާއި ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބުދުﷲ މުހައްމަދު ރޭ ހައްޔަރުކުރި ކުރުމަކީ ހައިކޯޓުގެ އަމުރާ ހިލާފަށް ކޮށްފައިވާ ވަރަށް ދަށުދަރަޖައިގެ ނާތަހުޒީބު އަމަލެއް ކަމަށެވެ.
ހައްޔަރުކޮށްފައިވާ ޑރ. ޖަމީލާއި އަބުދުﷲ މުހައްމަދު ދޫކޮށްލުމަށާއި ގައުމީ ޕާޓީގެ ކައުންސިލް މެމްބަރު ސަންދާނު އަހަންމައިދީ އަށް ހަމަލާދިން މައްސަލަ ތަހުގީގުކުރުމަށް އަދާލަތުން ވަނީ ފުލުހުންނަށާއި ސިފައިންނަށް ގޮވާލާފަ އެވެ.
އަދި ބުނެފައި ވަނީ މިވެރިކަން އަބަދު ދެމިނޯންނާނެ ކަމަށާއި ވެރިކަން ބަދަލުވެގެންދާ ދުވަހަކުން ގާނޫނު އަސާސީ މުގުރާލައި ރައްޔިތުންގެ ހައްގުތަކަށް މިއަދު އަރައިގަންނަމުންދާ ފަރާތްތައް އަދުލު އިންސާފުގެ ކުރިމައްޗަށް ހާޒުރުކުރެވޭނެ ކަމަށެވެ.