19:00


ސަރުކާރަށް އާމްދަނީ ލިބޭނެ މަގަށް ހުރި ބިލުތަކާއި، ގައުމުގެ އަމާންކަމާއި، ރައްކާތެރިކަމަށް ހުރި ބިލުތަކާއި، ރައްޔިތުންނަށް ހިދުމަތް ދިނުމަށް ހުރި ބިލުތައް ވީހާވެސް އަވަހަކަށް ނިންމުމުގެ މައްޗަށް އިސްކަމެއް ދެވިގެން ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ސިޓީއެއް ފޮނުވައިފި އެވެ.


ބާރަ ބިލެއް ފާހަގަކޮށް، އެ ބިލުތަކުގެ މަސައްކަތް ނުނިންމައި އެހެން އެއްވެސް މަސައްކަތެއް ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންދިއުމަށް ނުފެންނަ ކަމަށް ބުނެ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ފޮނުވާފައިވާ އެ ސިޓީގައި، ކޮމިޓީ މަރުހަލާގައި ވެސް ހާއްސަ މަސައްކަތްތަކެއްގެ ގޮތުގައި އެ ބިލުތައް ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ރައީސްގެ އެއްބާރުލެއްވުމަށް ވަނީ އެދިފަ އެވެ.


އެ ސިޓީގައި ބުނެފައި ވަނީ، ގާނޫނުއަސާސީން ރައްޔިތުންނަށް ދީފައިވާ ހައްގުތަކާއި މިނިވަންކަން ހިމާޔަތްކޮށްދީ، އެ ހައްގުތަކާއި، މިނިވަންކަން ބޭނުންކުރުމަށް ހަދަންޖެހޭ އެންމެހާ ގާނޫނުތައް ހެދުމަކީ، ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ގާނޫނުއަސާސީން ލާޒިމުކުރާ ކަމެއް ކަމަށެވެ. ނަމަވެސް މަޖިލީހުގެ މެޖޯރިޓީ އޮންނަ ޕާޓީތަކުން، ސިޔާސީ މަގުސަދުތައް ހާސިލްކުރުމަށްޓަކައި ހުށަހަޅާ ތަފާތު ގަރާރުތަކާއި، ގާނޫނުތަކަށް ހުށަހަޅާ ތަފާތު އިސްލާހްތަކަށް މަޖިލީހުގެ ރިޔާސަތުން ހާއްސަ އިސްކަމެއް ދެއްވައިގެން އެޖެންޑާކޮށްދެއްވަމުން ގެންދަވާ ކަމަށްޓަކައި ހިތާމަކުރާ ކަމަށް ވެސް އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ. އަދި ގާނޫނުއަސާސީގެ ދަށުން ބާއްވަންޖެހޭ އިންތިހާބުތައް ބާއްވައި، އައްޔަންކުރަންޖެހޭ މަގާމުތަކުގެ ކަންތައްތައް، ނިންމަންޖެހޭނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކުރާ، އިންތިގާލީ މަރުހަލާ، ގާނޫނުއަސާސީ ތަސްދީގުކުރި، ތާރީހުން ފެށިގެން ގިނަވެގެން ދެ އަހަރުގެ މުހުލަތަށްއޮތް ސުންގަޑިއަށް ހަދަންޖެހޭ ގާނޫނުތައް ނުހެދި އޮތުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ.


މިއާއެކު ދައުލަތުގެ ދަރަނި ކުޑަކޮށް ހަރަދު ކުޑަ ކުރުމަށް އަޅާ ހުރިހާ ފިޔަވަޅަކާ މަޖިލީހުން ދެކޮޅުހަދާއިރު، ދައުލަތަށް އާމްދަނީ ހޯދުމަށްޓަކައި ހަދަންޖެހޭ ޓެކްސް ބިލުތައް މަޖިލީހުގެ ކޮމިޓީތަކުގައި މަޑުޖެހިފައިވާކަމާއި، އެ ކޮމިޓީތަކުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވެސް މުގައްރިރުންގެ ގޮތުގައި ތިއްބެވީ މަޖިލީހުގެ މެޖޯރިޓީ އޮންނަ ޕާޓީތަކުގެ މެންބަރުންކަން ވެސް އެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ.


އެ ސިޓީގައި ފާހަގަކޮށްފައިވާ ބިލުތަކުގެ ތެރޭގައި، ޓޫރުޒަމް ގާނޫނަށް އިސްލާހް ގެނައުމުގެ ބިލާއި، ޓޫރިސްޓް ހިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ބިލާއި، ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ބިލު ހިމެނެ އެވެ. އަދި ހެލްތާބެހޭ ބިލާއި، ޝަރުއީ ކޯޓުތަކާބެހޭ ބިލާއި، ބޭންކިންއާބެހޭ ބިލާއި، ގާނޫނުލް އުގޫބާތުގެ ބިލުގެ އިތުރުން، ގައުމީ ސިއްހީ އިންޝުއަރެންސް ބިލާއި، ކުށްކުރުން ހުއްޓުވުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އެޅުމުގެ ބިލާއި، ގޭންގްކުއްތައް މަނާކުރުމުގެ ބިލު ވެސް އެ ބިލުތަކުގެ ތެރޭގައި، އެމްޑީޕީން ވަނީ ފާހަގަކޮށްފަ އެވެ.