މާލޭ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައި އޮތް ވަގުތަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ބަދަލު ގެނެސްފި އެވެ.

މީގެ ކުރިން އެޗްޕީއޭއިން އަންގާފައި ވަނީ ރޭގަނޑު 8:00 އިން ފަތިހު 5:00 އަށް މާލޭގައި އެއްގަމު އުޅަނދުތައް ދުއްވުން މަނާވާނެ ކަމަށެވެ. އެގޮތުން މިދިޔަ މަހުގެ 23 ވަނަ ދުވަހުން ފެށިގެން، ރޭގަނޑު އަށެއްގެ ފަހުން އެއްގަމު އުޅަނދު ދުއްވުން އޮތީ މަނާކޮށްފައެވެ.

އެ ވަގުތައް ބަދަލު ގެނެސް އެޗްޕީއޭއިން މިރޭ ނެރުނު އެންގުމެއްގައި ބުނީ މާދަމާއިން ފެށިގެން މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާވާނީ ރޭގަނޑު 10:00 އިން ފަތިހު 5:00 އަށް ކަމަށެވެ.

އެއްގަމު އުޅަނދު ދުއްވޭ ވަގުތަށް ބަދަލުގެނައި ނަމަވެސް ކާފިއު ވަގުތަށް ބަދަލުގެނެސްފައެއް ނުވެއެވެ. އަދިވެސް ރޭގަނޑު 10:00 އިން ފެށިގެން ފަތިހު 5:00 އާ ދެމެދު ބޭރަށް ނިކުމެ އުޅުން މަނާވާނެ އެވެ.

މާލޭ ސަރަހައްދުގައި އެއްގަމު އުޅަނދުތައް ދުއްވުން މަނާކޮށް ވަގުތެއް ކަނޑައެޅީ މާލެއިން ފެންނަ ކޭސްތައް ވަރަށް ބޮޑަށް ގިނަވެ، ނުރައްކާ ދަރަޖައަކަށް ދާން ފެށުމުންނެވެ. ނަމަވެސް، އެ ފިޔަވަޅުތަކަށް ފަހު ކޭސްތަކުގެ އަދަދު އަނެއްކާ ވެސް ވަނީ ދަށްވެފަ އެވެ.

ރޭގަނޑު އުޅަނދު ދުއްވުން މަނާކުރަން ނިންމުމުން ގިނަ ބައެއްގެ ފާޑުކިޔުމާއި ނުރުހުން އަމާޒުވިއެވެ. ހާއްސަކޮށް ކެފޭ ރެސްޓޯރަންޓުތަކަށް ޑެލިވަރީ ކުރުމުގައި ބޮޑު ހުރަސްތަކެއް ކުރިމަތިވުމުން އެކަމާ ނުރުހުން ފާޅުކޮށް މުޒާހަރާވެސް ކޮށްފައިވެއެވެ.

އެޗްޕީއޭ އިން އޭރު ބުނީ ރޭގަނޑު އަށަކުން ފަތިހު ފަހަކަށް އެއްގަމު އުޅަނދު ދުއްވުން މަނާކުރުމުގެ އަމާޒަކީ އެންމެ ބޮޑަށް ބަލި ފެތުރޭކަމަށް ރެކޯޑުކުރެވިފައިވާ ޒުވާނުންގެ އިޖުތިމާއީ އެއްވުންތަކާއި ދަތުރުކުރުންތައް ވީހާވެސް ބޮޑަކަށް ހުއްޓުމަކަށް ގެނައުން ކަމަށެވެ.

ކޮވިޑް19 ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، މާސްކް ނާޅައި ބޭރުގައި އުޅުން ވަނީ މަނާކޮށްފައެވެ. މާސްކު ނާޅައި އުޅޭނަމަ ފުރަތަމަ ފަހަރު ނަސޭހަތްދީ، އެކަން ތަކުރާރު ކުރާނަމަ 1،000 ރުފިޔާ އިން ޖޫރިމަނާ ކުރެ އެވެ.

މީގެ އިތުރުން ރޭގަނޑު 10 އިން ފަތިހު ފަހަކަށް ބޭރުގައި އުޅުން މަނާކޮށް މިވަގުތުތަކުގައި ބޭރުގައި އުޅޭ މީހުންނަށް ނަސޭހަތްދީ، ތަކުރާރު ކުރާނަމަ 1،000 ރުފިޔާ އިން ޖޫރިމަނާ ކުރެ އެވެ.

ހަމަ އެގޮތަށް، އުޅަނދު ދުއްވުން މަނާ ގަޑީގައި އުޅަނދު ދުއްވައިފި ނަމަ އެ އުސޫލުގެ ދަށުން ފިޔަވަޅު އަޅާނެ އެވެ.