02 Oct 2020, 22:36
ގއ. ދާންދޫގައި ރޭ ހިންގި ގްރޫޕް މާރާމާރީއާ ގުޅިގެން ނުވަ މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ، އެ މާރާމާރީއާ ގުޅިގެން ތުހުމަތު ކުރެވޭ ނުވަ މީހަކު ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.
އެ މާރާމާރީއާ ގުޅިގެން ތިން މީހަކަށް އަނިޔާވެފައިވާއިރު އެކަކަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިގެން އެ އަތޮޅު ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އަދި މިއަދު ހެނދުނު އޭނާ ވަނީ އިތުރު ފަރުވާއަށް މާލެ ފޮނުވާލާފަ އެވެ.
އެނގިފައިވާ ގޮތުގައި އެ މާރާމަރީ ހިންގާފައި ވަނީ އެ ރަށުގެ ދެ ބައެއްގެ ދެމެދުގައި ޖެހުނު މައްސަލައެއް ހައްލު ކުރުމަށް ދެކެވުނު ވާހަކަތަކަކަށްފަހުއެވެ. އެ ހާދިސާ ހިނގާފައިވަނީ އެ ރަށުގެ ހޮޓަލެއްގެ ތެރޭގައި ރޭ 10:00 އެހައިކަންހާއިރުއެވެ.
ދެ ގްރޫޕް ދެ ދެމެދުގައި ޖެހުނު މައްސަލަ ހައްލު ނުކުރެވި ޒުވާބު ހޫނުވެ ސައި ހޮޓާ ތެރޭގައި ވަނީ ތަޅައިގަނެފަ އެވެ. އަދި ހާލު ސީރިއަސް ވި މީހާގެ ބޮލަށް ތައްޓެއް ތާޅާލުމުގެ ސަބަބުން ބޮލަށް ގެއްލުން ތަކެއް ލިބިފައިވާ ކަމަށް ވެސް އެ ހާދިސާގެ މައުލޫމާތު އެނގޭ ފަރާތަކުން 'ސަން' އަށް ވަނީ ކިޔައިދީފަ އެވެ.
ހައްޔަރު ކުރި ނުވަ މީހުންގެ ތެރޭގައި މަޝްހޫރު ފޮޓޯގްރާފަރ މަޝްރަހު އަލީ ވެސް ހިމެނެ އެވެ. ނަމަވެސް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި، މަޝްރަހު މަސައްކަތް ކޮށްފައިވަނީ ދެ ގަރޫޕުގެ ދެމެދުގައި ޒުވާބު ހިންގަން ފެށެމުން އެކަން ހުއްޓުވުމަށެވެ. އަދި ދެ ގްރޫޕު ދެމެދުގައި ހަމަ ނުޖެހުން ގޯސްވެގެން ދިޔައިރު މަޝްރަހު އެތާނުގައި ނެތް ކަމަށް ވެސް އޭނާ ބުންޏެވެ.