ކަންގަނާ ރަނައުތު ލީޑު ރޯލުން ފެނިގެންދާ ފިލްމު "ތަލައިވީ"ގެ މަސައްކަތް އަލުން ފަށައިފި އެވެ.

ފިލްމުގެ މަސައްކަތް އަލުން ފެށުމަށް ފަހު ކަންގަނާ ކުރި ޓްވީޓެއްގައި ބުނީ ހަތް މަސް ދުވަސް ފަހުން ފިލްމީ މަސައްކަތް ފެށުމަކީ ވަރަށް ހާއްސަ ކަމެއް ކަމަށެވެ. ތަލައިވީގެ މަސައްކަތް ކުރުމަށް ކަންގަނާ މިހާރު ހުރީ ސައުތު އިންޑިއާގަ އެވެ.

އެ ފިލްމަކީ ޓަމިލް ނާޑޫގެ ކުރީގެ ޗީފް މިނިސްޓަރު ޖޭ ޖަޔާލަލީތާގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމެކެވެ. ފިލްމުގައި ޖޭ ޖަޔާލަލީތާ އިންޑިއާގެ ނުފޫޒު ގަދަ ސިޔާސީ ލީޑަރަކަށްވެގެން ދިޔަ ގޮތް ދައްކުވައިދޭނެ އެވެ. އެ ފިލްމު ހިންދީ ބަހުންނާއި ތަމިލް ބަހުން ރިލީޒް ކުރުމަށް ހަމަޖެހިފައިވެ އެވެ.

އެ ފިލްމަކީ ކުރިން މި މަހުގެ 26 ވަނަ ދުވަހު ސިނަމާތަކުގައި ދައްކަން ހަމަޖެހުނު ފިލްމެކެވެ. ނަމަވެސް އިންޑިއާ ލޮކްޑައުންކުރުމާ އެކު ފިލްމު އެޅުވޭ ގޮތެއް ނުވެ އެވެ. އަދި މި ފިލްމުގެ ބައެއް މުހިއްމު މަންޒަރުތައް ވެސް އޭރު ޝޫޓްކޮށެއް ނުނިމެ އެވެ.