02 Oct 2020, 22:07
މިއަދު ދިވެހިރާއްޖެއިން ކޮވިޑް-19 އަށް ޓެސްޓުކުރުމަށް ނެގުނު 1،519 ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 44 މީހުންނެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާންމު ކުރި ތަފާސްހިސާބުތަކުން ދައްކުވައިދޭ ގޮތުގައި މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 39 މީހުންނަކީ ދިވެހީންނެވެ. ބާކީ ތިބި ހަ މީހުންނަކީ ބިދޭސީންނެވެ.
މިއަދު ޕޮޒިޓިވްވެފައިވަނީ އިއްޔެއާ އަޅާކިޔާއިރު މަދު އަދަދަކަށެވެ. އިއްޔެ ރާއްޖެއިން ފެނިފައިވަނީ ކޮވިޑް-19 ގެ 63 ކޭސްއެވެ.
މިއަދު ޕޮޒިޓިވްވި ކޭސްތަކުގެ ތެރެއިން 40 ކޭސް ފެނިފައިވަނީ ގުރޭޓާ މާލޭ އޭރިއާ ސަރަހައްދުންނެވެ. ބާކީ ހަތަރު ކޭސް ފެނިފައިވަނީ އަތޮޅު ތެރޭ އެހެން ރަށްތަކުންނެވެ.
މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ޖުމްލަ ފެނުނު ކޭސްތަކުގެ އަދަދު މިވަނީ 10،398 އަށް އަރައިފައެވެ.
އެޗްޕީއޭއިން ހާމަކުރި ގޮތުގައި މިއަދު 26 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު މިހަރު ހުރީ 9،213 ގައެވެ.
އެކްޓިވް ކޭސްތައް ނުވަތަ މިވަގުތު ބައްޔަށް ފަރުވާ ދެމުންދާ ކޭސްތަކުގެ ގޮތުގައި ތިބީ 1،1،44 މީހުންނެވެ. އޭގެ ތެރެއިން 79 މީހުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލުގައެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި ޖުމްލަ 516 މީހަކު އެބަ ތިއްބެވެ.
މިހާތަނަށް ބަލީގައި މަރުވި މީހުންގެ އަދަދަކީ 34 އެވެ.
ދިވެހިރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް-19ގެ ކޭސްއެއް ފެނިފައިވަނީ މާޗް 7 ވަނަ ދުވަހުއެވެ. އޭގެ ފަހުން މާލެއިން އެންމެ ފުރަތަމަ ކޭސްއެއް ފެނިފައިވަނީ އޭޕްރިލް 15 ވަނަ ދުވަހުއެވެ. މި ކޭސްއާއިއެކު މާލެ ލޮކްޑައުން ކުރި ބަލި ފެތުރިގަތް ގޮތަށް ކޭސްތަކުގެ އަދަދު މަދު ވާން ފެށީ ޖޫން މަހުގެ ފަހުކޮޅަށެވެ.
އެއާއިއެކު އެޅިފައިވާ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކަށް ދޫދެވުމާއިއެކު އަނެއްކާވެސް ކޭސްތައް ދިޔައީ އިންތިހާއަށް އިތުރުވެގެންނެވެ.
މިދިޔަ ދެ މަސް ދުވަސް ތެރޭ ކޭސްތައް ފެނުނު މިންވަރު އިތުރުވުމަށްފަހު އަނެއްކާވެސް މިވަނީ ކޭސްތައް މަދުވާން ފަށައިފައެވެ. އެހެންނަމަވެސް ކަމާބެހޭ ފަރާތްތަކުން ކޭސްތައް އިތުރުވެދާނެކަމަށް ބަލައި އަދިވެސް ދަނީ ފަރުވާކުޑަކޮށްނުލުމަށް ރައްޔިތުންނަށް އިރުޝާދު ދެމުންނެވެ.