ކޮވިޑް19ގެ ނުރައްކަލާއެކު އާންމު އުސޫލުތަކަށް ބޮޑެތި ބަދަލުތަކެއް އައިސް، ނިއު ނޯމަލް ނުވަތަ އައު އާންމު ހާލަތަކަށް ބަދަލުވާން ވަނީ މަޖުބޫރުވެފަ އެވެ. ވިޔަފާރި ކުރުމުގެ ވައްޓަފާޅިއަށް ވެސް ބަދަލުތަކެއް އައިސް، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އޮންލައިންކޮށް އާންމުންނަށް ބާޒާރުކޮށްލެވޭނެ މަގު ވަނީ ފަހިވެފަ އެވެ. މި ދުވަސްވަރަށް އެންމެ ރައްކާތެރި ގޮތަކީ ވެސް މިއީ އެވެ. މިގޮތަށް ހިދުމަތް ފޯރުކޮށްދިނުމުގައި އެންމެ ކުރީ ސަފުގައި އުޅޭ އެއް އޮންލައިން ޕްލެޓްފޯމަކީދިމާޓް.އެމްވީއެވެ.

މިއަހަރު ޖެނުއަރީ މަހު ރާއްޖޭގައި އޮންލައިން ވިޔަފާރި ފެށި ދިމާޓުން އާންމުކޮށް ގެތަކަށް ބޭނުންވާ ހުރިހާ ސާމާނު، ގޭގައި ތިބެ ފަސޭހަކަމާއެކު ގަނެވޭނެ އެވެ. ދިމާޓްގެ ވެބްސައިޓުގައި ހިމެނެނީ މައިގަނޑު 19 ކެޓަގަރީއެކެވެ. އޭގެ ތެރޭގައި ބަދިގެ ސާމާނު، މޭވާއާއި ތަރުކާރީ، ކުޑަކުދިންނަށް ބޭނުންވާ ސާމާނު، ކޮސްމެޓިކްސްއާއި ރީތިވާން ބޭނުންވާ ސާމާނު، ސްޓޭޝަނަރީ، ދިވެހި އުފެއްދުންތައް އަދި ކުޅިވަރު ސާމާނުގެ އިތުރުން ކޮންސިއުމާ އިލެކްޓްރޯނިކްސް ހިމެނެ އެވެ. އަދި ދިމާޓުން ސޭލް އަޅުވާފައިވާ ތަކެތި ފަސޭހައިން ބަލައިލެވޭ ގޮތަށް ސޭލްއަށް ވަކި ޓެބްއެއް ވެބްސައިޓުގައި ވަނީ ހިމަނާފަ އެވެ.

އެހެން އޮންލައިން ވިޔަފާރިތަކާ ދިމާޓްއާ ތަފާތުވާ އެއް ކަމަކީ، ދިމާޓްގެ ވެބްސައިޓުގައި ނެތް އެއްޗެއް ބޭނުންވާ ނަމަ، އެތަކެތި ވެސް ލިބޭނެ ގޮތް ހަމަޖައްސައިދޭތީ އެވެ. އެގޮތުން ސައިޓުގައި ނެތް އެއްޗެއް ބޭނުންވާނަމަ، ބޭނުންވާ ތަކެތީގެ މައުލޫމާތު ދިމާޓްގެ ވެބްސައިޓުން ނުވަތަ ވައިބާ ނަންބަރު 7985959 ފޮނުވުމުން، އެތަކެތި ވެބްސައިޓަށް އިތުރު ކުރުމަށްފަހު ގެއާ ހަމައަށް ގެންގޮސްދޭނެ އެވެ.


ޑެލިވަރީގެ ހިދުމަތް ދިމާޓުން ފޯރުކޮށްދެނީ އިތުރު އަގެއް ނުނަގައި މުޅިން ހިލޭ އެވެ. މާލެއާއި ހުޅުމާލޭގެ އިތުރުން މާލެއިން ފުރާ ބޯޓުފަހަރަށް ވެސް ދިމާޓުން މުދާ ގެންގޮސްދޭނެ އެވެ. އަދި ޑެލިވަރީ ކުރާނެ ގަޑި ކަނޑައެޅުމުގެ ފުރުސަތު ވެސް ދިމާޓުގެ ވެބްސައިޓުގައި ވަނީ ހިމަނާފަ އެވެ. ދިމާޓްއިން ޑެލިވަރީކޮށްދޭ ވަގުތުތަކަކީ ހަފްތާގެ ކޮންމެ ދުވަހަކު ވެސް ހެނދުނު 9:00 - ރޭގަނޑު 8:00އާ ހަމައަށެވެ. އަދި އޯޑަރު ކުރާ ދުވަހު މުދާ ބޭނުންވާނަމަ އިރުއޮއްސި 6:30ގެ ކުރިން އޯޑަރު ކުރަންވާނެ އެވެ.

ދިމާޓުން ވިޔަފާރިކުރާ ފަރާތްތަކަށް ފައިސާ ދެއްކޭނެ ގިނަގޮތްތަކެއް ވެސް ވަނީ ހަމަޖައްސައިދީފަ އެވެ. އޭގެ ތެރޭގައި މޯލްޑިވްސް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ބީއެމްއެލް އެކައުންޓްތަކުން ފައިސާ ދެއްކުމާއި ބީއެމްއެލްގެ ބޭންކް ޓްރާންސްފާ އަދި ދިރާގު ޕޭ ހިމެނެ އެވެ.

މީގެ އިތުރުން މުދާ ގެއާ ހަމައަށް ގެންގޮސްދިނުމުން ނަގުދު ފައިސާ ދޭ ގޮތަށް (ކޭޝް އޮން ޑެލިވަރީ) ނުވަތަ ކާޑުން ފައިސާ ދެއްކޭ ގޮތަށް (ޕީއޯއެސް އޮން ޑެލިވަރީ) ވެސް ދިމާޓުން ވަނީ ހަމަޖައްސައިދީފަ އެވެ. އެހެން ނަމަވެސް މި ދެގޮތަކީ ޕެންޑެމިކްއަކާ ކުރިމަތިލައިގެން އުޅޭ މިފަދަ ދުވަސްވަރެއްގައި އެންމެ ރައްކާތެރި ގޮތް ނޫން ކަމަށް ދިމާޓުން ފާހަގަކުރެ އެވެ.