ބްރިޖު ކައިރީ ހަދާފައިވާ އަޑިޕާކުގެ މައްސަލައިގައި ކުރާ ކޮރަޕްޝަންގެ ތުހުމަތަކީ މަސައްކަތުގައި ކޮރަޕްޝަންގެ ލައްގަނޑެއް ޖައްސަން ސިޔާސީ ވާދަވެރިން ކުރާ މަސައްކަތެއް ކަމަށާއި، އެކަން ވިޔަނުދޭނެކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު، ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ބްރިޖް ކައިރީ އޮންނަ އަޑިޕާކް ސަރަހައްދުގައި މާލޭ ސިޓީ ކައުންސިލުން ތަރައްގީކޮށްފައިވާ ޕާކު ހެދުމުގައި ކޮރަޕްޝަނަށް ތުހުމަތުވާ ގޮތަށް ކަންކަން ކޮށްފައިވާ މައްސަލައިގެ ތަހުގީގު އޭސީސީން ނިންމައި، އެ މައްސަލައިގައި ދައުވާކުރުމަށްޓަކައި ޕީޖީއަށް ވަނީ ފޮނުވައިފައެވެ.

އޭސީސީން ބުނީ، ޕާކު ތަރައްގީކުރުމަށް މާލޭ ސިޓީ ކައުންސިލުން ހިންގާފައިވާ މަޝްރޫއޫގައި ހިމެނޭ ޕާކުގައި އިމާރާތްތަކެއް ހެދުމުގެ މަސައްކަތުގެ ތެރެއިން ދެ ފާހާނާބަރީގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައި ވަނީ، ލިޔެކިޔުމެއް ނެތި ވާދަވެރި ދެފުށް ފެންނަ އުސޫލަކުން ނޫންކަން އެ ކޮމިޝަންގެ ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އޭސީސީން އެދުނީ ގާނޫނުލްއުގޫބާތު ގެ 513 ވަނަ މާއްދާގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ ޝިފާގެ މައްޗަށް އުފުލުމަށެވެ. މިއީ ޖިނާއަތުގެ ހަތަރުވަނަ ދަރަޖައިގެ ކުށަކަށް ވާތީ އެ ދައުވާ ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް އެއް އަހަރާއި ހަތް މަހާ ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

އޭސީސީއިން ބުނީ އެ މައްސަލައިގައި ޝިފާގެ މައްޗަށް ދައުވާ އުފުލަން ޖެހެނީ، ބިޑް ކޮމިޓީން ނުވަތަ މާލޭ ސިޓީ ކައުންސިލުން އެ މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅާފައިނުވަނީސް، އަމަލީގޮތުން އެ ބިމުގައި މަސައްކަތް ފެށުމަށް ހުއްދަ ދެވޭނީ ކައުންސިލަށް ނުވަތަ ކައުންސިލްގެ އެންމެ އިސް ފަރާތެއްގެ ހައިސިއްޔަތުން މާލޭ ސިޓީގެ މޭޔަރު ސިފާއަށް ކަމަށްވެފައި، އެ ހުއްދަ ދިނީ މޭޔާ ޝިފާއަށް ކަން ތަހުގީގަށް ސާބިތުވާތީ ކަމަށެވެ. އަދި އެކަން ހިނގަމުން ދިޔައިރު މަސައްކަތް ހުއްޓުވުމުގެ ބާރު ލިބި އޮވެމެ، ޝިފާ އެ މަސައްކަތް ހުއްޓުވާފައި ނުވާކަން ވެސް އޭސީސީން ވަނީ ފާހަގަކޮށްފަ އެވެ.

އެ މައްސަލައާ ގުޅިގެން ޝިފާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެ މައްސަލައިގައިވެސް އަދި މާލޭ ސިޓީގެ މޭޔަރުގެ ހައިސިއްޔަތުން އޭނާއާ މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމުގައި އެއްވެސް އިރަކު، ރައްޔިތުންގެ ޓެކްސް ފައިސާއިން ނުވަތަ މުދަލާމެދު އެއްވެސް އިރެއްގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައި ނުވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

ޝިފާ ވިދާޅުވީ ޕާކު މަޝްރޫއަކީ ރައީސް އޮފީހާއި، ޕްލޭނިން މިނިސްޓްރީ އަދި ސިޓީ ކައުންސިލުން ހާއްސަ ސަމާލުކަމެއް ދީގެން ރައްޔިތުންނަށް ކޮށްދޭ މުހިންމު މަސައްކަތެއް ކަމަށެވެ. އަދި މޭޔަރުގެ ހައިސިއްޔަތުން މަސައްކަތްކޮށްފައި ވާނީ ކުރު މުއްދަތެއްގައި ނަތީޖާ ހާސިލުކުރުމުގެ ނިޔަތުގައި ކަމަށެވެ.

ނަމަވެސް އެކަން އެގޮތަށް ވިޔަނުދޭން ބަޔަކު އެކި ގޮތްގޮތުން މަސައްކަތަށް ހުރަސް އަޅަމުން ދިޔަ ކަމަށާއި، ބޭނުމަކީ ކައުންސިލާއި މޭޔަރަށްވެސް ކަމެއް ނުވާކަން ދެއްކުން ކަމަށެވެ.

"އެކަން ކާމިޔާބު ނުވުމުން، މިހާރު އެފަރާތްތަކުން އުޅެނީ އަޅުގަނޑުމެންގެ މަސައްކަތުގައި ކޮރަޕްޝަންގެ ލައްގަނޑު ޖައްސާށެވެ. އިރާދަކުރެއްވިއްޔާ އަޅުގަނޑު އެކަން ވިޔަ ނުދޭނަމެވެ،" ޝިފާ ވިދާޅުވިއެވެ.

ޝިފާ ދަންނަ ކޮންމެ މީހަކަށް ވެސް، ޝިފާ ކޮރަޕްޝަންގެ އަމަލެއް ނުހިންގާނެ ކަމުގެ ޔަގީންކަން އޮންނާނެ ކަމަށާއި އެހެން ނަމަވެސް ސިޔާސީ ވާދަވެރި ފަރާތްތަކެއް ފަހަތުގައި ތިބެގެން އޭނާގެ މައްޗަށް ތުހުމަތެއް ކޮށްފައި ވާތީ، ކަމާބެހޭ ފަރާތްތަކަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފައިވެއެވެ.

"އަދި މައްސަލައިގެ ހުރިހާ މަރުހަލާއެއްގައިވެސް އަޅުގަނޑުގެ މައުސޫމުކަން ސާބިތުކޮށްދެވޭނެ ކަމުގެ ޔަގީންކަން ﷲގެ އިރާދަފުޅުން، އެބަ އޮތެވެ." ބަޔާނުގައިވެއެވެ.

ޝިފާ ވިދާޅުވީ ސިޔާސީ މަސައްކަތުގައި އުޅޭއިރު، ވާދަވެރިންގެ އުނދަގޫތަކާއި ދުއްތުރާ ދިމާވުމަކީ ތަބީއީ ކަމެއް ކަމަށެވެ. ހަމައެއާއެކު ފިރިހެނުން ގިނަ މާހައުލެއްގައި އެކަނި އުޅޭ އަންހެނަކު ވެރިއެއްގެ ހައިސިއްޔަތުން މަސައްކަތް ކުރާއިރު، އެ މާހައުލަކީ ކަށިކުނބުރު ޖަންގައްޔެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

"ވާދަވެރިންނާއި ހަސަދަވެރީންގެ ފަރާތުން ކުރިމަތިވާ އުނދަގުލާއި ދުއްތުރާތަކާ ކުރިމަތިލާންޖެހެނީ އެކަންޏެވެ. ދެން ތިބީންނަށްވެސް ގިނަ ފަހަރު ތިބެވެނީ ހަނެވެ. ނަމަވެސް، އަޅުގަނޑުގެ ސިޔާސީ ހަޔާތުގައި މިހާ ހިސާބަށްވެސް މިއައީ ހިތްވަރާއި އަޒުމާއެކު ލޭކޮށެވިގެންނެވެ. އަދިވެސް އެ ހިތްވަރު އެބަހުއްޓެވެ." ޝިފާ ވިދާޅުވިއެވެ.

ޝިފާ ވިދާޅުވީ ޕާކުގެ މައްސަލައިގައި ކުރެވިފައިވާ ތުހުމަތަކީ، ސިލްސިލާކޮށް އޭނާއަށް އަމާޒުވަމުން ދިޔަ ހަމަލާތަކުގެ ތެރެއިން ހަމަލާއެއް ކަމަށެވެ. އަދި ތަފާތު ގޮތްގޮތުން ޝިފާ މަގާމުން ދުރުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެއީ އެކަން ހާސިލްވެއްޖެނަމަ އެކަން ކުރާ ބަޔަކަށް ލިބެން އޮތް މަންފާއަކަށް ކުރާ ކަމެއް ކަމަށެވެ.

"އަދި އަޅުގަނޑަކީ އެފަރާތްތަކުން ހާސިލްކުރަން އުޅޭ ކަންކަމަށް އެޅިފައިވާ ހުރަހަކަށް ވާތީ، އެފަރާތްތަކުގެ ފިސްތޯލަ މީޒާންވެފައި ވަނީ އަޅުގަނޑުގެ މެޔަށެވެ."

ގަޔަށް ވަޒަން އެރި ނަމަވެސް، މާލޭ ސިޓީ ކައުންސިލުން ކުރަމުން އަންނަ މުހިންމު މަސައްކަތްތަކާއި ކައުންސިލާ މަތިވެފައިވާ އަމާނާތްތައް ތެދުވެރިކަމާއެކު އަންނަން އޮތް ކައުންސިލާ ހަވާލުކުރުމަކީ އޭނާގެ އުންމީދު ކަމަށް ވިދާޅުވިއެވެ.

ވާދަވެރިންގެ ހަސަދަ ފިލުވުމުގައި ދައުލަތުގެ މުހިންމު މުއައްސަސާތަކާއި ޖިނާއީ އަދުލުގެ ނިޒާމް ހަތިޔާރަކަށް ބޭނުންކުރުމަކީ ދިވެހި ސިޔާސީ މަސްރަހުން ފެންނަން އޮތް ނުބައި އާދައެއް ކަމަށް ޝިފާ ވަނީ ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ މިއަދުގެ ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން ފަށާފައިވާ އިސްލާހީ އެޖެންޑާގެ ތެރެއިން މުއައްސަސާތަކަށް ހެޔޮ ބަދަލު އަންނަމުންދާ ކަމަށާއި އެހެންކަމުން އޭނާގެ މައުސޫމްކަން ސާބިތުކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

ތަހުގީގީ އިދާރާތަކުންވެސް މިހާރު މަސަައްކަތްކުރަނީ ވަކި ފަރާތަކަށް ތުހުމަތު އަމާޒުކުރުމަށް ވުރެ ބޮޑަށް، ކަމުގެ ހަގީގަތް ހޯދަން ކަމަށާއި ނަމަވެސް ކުރު މުއްދަތެއްގައި ބަދަލު ނުވާ ސަގާފަތާއި އާދަކާދަތައް އަދިވެސް ހުރުމުން، މިފަދަ އެހެން މައްސަލަތައް ވެސް ހިނގައިފާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެން ދިމާވާންޖެހެނީ، ނުފޫޒުގަދަ ވާދަވެރިން އެ މުއައްސަސާތަކަށް ހަގީގަތް އޮޅުވާލުމުންނެވެ." ޝިފާ ވިދާޅުވިއެވެ.

ޝިފާ ވިދާޅުވީ އަބަދުވެސް ހުންނަވާނީ ތެދުވެރިކަމާއެކު ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ކަމަށާއި ރައްޔިތުންނަށް ހިދުމަތްކޮށްދިނުމަށް ލިބިފައިވާ ފުރުސަތު ބޭކާރު ނުކުރައްވާނެ ކަމަށެވެ.

ޝިފާ މައްޗަށް ދައުވާ ކުރަން ފޮނުވިއިރު، ކައުންސިލް ތެރެއިން އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ނަގައި މަގާމުން ވަކިކުރަން މީގެ ކުރިން މަސައްކަތް ކުރި އެވެ. އޭނާއާ ދެކޮޅަށް 39 މައްސަލައެއް އެޖެންޑާކޮށް މައްސަލަތައް އަޑުއިއްވައި އެެކަމާ ބެހޭ ގޮތުން އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ފެނޭތޯ ބެލުމަށް ނެގި ވޯޓުގައި އަށް މެމްބަރަކު އެއާ އެއްކޮޅަށް ވޯޓު ދެއްވި އެވެ. އަދި އެ ވޯޓުގެ ކުރިން ޝިފާއަށް ޖަވާބުދާރީވުމަށް 10 ދުވަސް ވެސް ދިނެވެ.

އެހެން ނަމަވެސް ޝިފާއާ ދެކޮޅަށް ވޯޓު ނަގަން އޮތް ދުވަހު، އެލްޖީއޭއިން ވަނީ އެކަން ހުއްޓުވާފަ އެވެ.