17 Jan 2012, 10:33
ކާބުލް (ޖަނަވަރީ 17) : އަފްޣާނިސްތާނުގައި ހަރަކާތްތެރިވަމުންދާ ނޭޓޯގެ ހެލިކޮޕްޓަރެއް ވައްޓާލައިފިކަން ތާލިބާނުން ހާމަކޮށްފި އެވެ.
ތާލިބާނުންގެ ތަރްޖަމާނަކު ވިދާޅުވި ގޮތުގައި މިހެލިކޮޕްޓަރު ވައްޓާލީ އަފްޣާނިސްތާނުގެ ދެކުނުގެ ހެލްމަންދު ސަރަޙައްދުގައި ދަތުރުކުރަމުން ދަނިކޮށެވެ.
އަފްޣާނިސްތާނުގައި ހަނގުރާމަކުރާ ނޭޓޯގެ ބާރުތަކުގެ ކޮމާންޑުންވެސް ވަނީ މިހެލިކޮޕްޓަރު ވެއްޓުނުކަން ކަށަވަރުކޮށްދީފަ އެވެ. ނޭޓޯގެ ކޮމާންޑުން ބުނީ މިހެލިކޮޕްޓަރު ވެއްޓުނީ ޓެކްނިކަލް މައްސަލައެއް ދިމާވުމުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށާއި މިހާދިޝާގައި 3 މީހުން މަރުވެފައިވާ ކަމުގަ އެވެ.
ވެއްޓުނު ހެލިކޮޕްޓަރަކީ ނޭޓޯއަށް ބޭނުންވާ ތަކެތި ސަޕްލައިކޮށް ދިނުމުގައި ހަރަކާތްތެރިވާ މަދަނީ ހެލިކޮޕްޓަރެއް ކަމަށް ވެސް ނޭޓޯ ބުނެ އެވެ. ތާލިބާނުން ވައްޓާލި ކަމަށް ބުނާ ހެލިކޮޕްޓަރުތައް ވެއްޓިފައިވީ ނަމަވެސް އެހެލިކޮޕްޓަރުތައް ވެއްޓުނީ ތާލިބާނުންގެ ހަމަލާތަކުގައިކަން މިހާތަނަށް ނޭޓޯއިން އެއްބަސްވެފައެއް ނުވެ އެވެ. (އަލްޖަޒީރާ)