02 Oct 2020, 13:38
ސްރީލަންކާގެ މައި އެއާޕޯޓު ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްގީކުރާ އާ ޓާމިނަލްގެ މަސައްކަތް 2023 ވަނަ އަހަރު ނިމުމުގެ ކުރިން ނިންމުމަށް އެގައުމުގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސަ އަންގަވައިފިއެވެ.
ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް 2ގެ މަސައްކަތަކީ 2014 ވަނަ އަހަރު ފަށައި، އަދި 2017 ގެ ނިޔަލަށް ނިންމަން ރާވާފައި އޮތް މަސައްކަތެކެވެ. އެހެން ނަމަވެސް އޭރު މަސައްކަތް ކުރަމުން އައި ޕްލޭނުގައި ހިމެނޭ ބައެއް ކަންކަން ފުރިހަމަކުރަން ހާލަތު ތަން ނުދޭތީ މަސައްކަތް އޮތީ ވަރަށް ބޮޑަށް މަޑުޖެހިފައެވެ.
ކޮވިޑް19 އާ ގުޅިގެން މުއްދަތެއް ނެތް ގޮތަށް ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓުގެ އާންމު ތާވަލު ދަތުރުތައް ހުއްޓަލާފައިވާ އިރު، ރައީސް ގޯޓާބަޔަ ރާޖަޕަކްސަ ވަނީ އެއާޕޯޓުގެ އާންމު އޮޕަރޭޝަންތައް މަޑުޖައްސާލާފައިވާ މި ދަނޑިވަޅުގެ ބޭނުން ހިފައި، އެއާޕޯޓުގެ ދެވަނަ ޓާމިނަލް އިމާރާތްކުރުމުގެ މަސައްކަތް ފަށައި، 24/7 މަސައްކަތް ހިންގުމަށް އަންގަވާފައެވެ. އަދި އެ މަސައްކަތް ކުރިއަށް ގެންގޮސް 2023 ވަނަ އަހަރު ނިމުމުގެ ކުރިން ޓާމިނަލް 2 ހުޅުވޭވަރު ކުރުމަށް ރައީސް ގޯޓާބަޔަ ވަނީ އަންގަވާފައެވެ.
މި ހަފްތާގައި ސިވިލް އޭވިއޭޝަން މިނިސްޓްރީގެ ބައްދަލުވުމެއްގައި އެގައުމުގެ އިގްތިސާދު އިޔާދަކުރުމާ ބެހޭ ޓާސްކްފޯސްގެ ޗެއާމަން އަދި ރައީސް ގޯޓާބަޔަގެ ކޮއްކޯފުޅު ބެސިލް ރާޖަޕަކްސަ ވިދާޅުވީ އާ ޓާމިނަލަކީ 2023 ގެ ޓެކްލޮނޮޖީއަށް ފެތޭނެ ފަދަ ސްމާޓް ޓާމިނަލަކަށް ވާން ޖެހޭނެކަމަށެވެ.
ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ)އިން 564 މިލިއަން ޑޮލަރު ފަންޑުކޮށްގެން ހިންގާ މި މަޝްރޫއުގެ ކޮންޓްރެކްޓަރަކީ ޖަޕާނުގެ ޓައިސޭ ކޯޕަރޭޝަނެވެ.
މިވަގުތު ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަނީ އެންމެ ބައިނަލްއަގުވާމީ ޕެސެންޖާ ޓާމިނަލެކެވެ. އާންމު ކެޕޭސިޓީގައި އެއާޕޯޓު ހިންގި ދުވަސްވަރުގައި ބަންޑާރަނަޔަކަ އެއާޕޯޓަކީ ތޮއްޖެހިފައި އޮންނަ އެއާޕޯޓެކެވެ. ލަންކާގެ އެއާޕޯޓު އެންޑް އޭވިއޭޝަން ސާވިސެސް ލިމިޓެޑްގެ ޗެއާމަން ޖީއޭ ޗަންދްރަސިރީ ވިދާޅުވި ގޮތުގައި އެއާޕޯޓުގެ ކެޕޭސިޓީއަކީ އަހަރަކު 6.9 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދިނުން ނަމަވެސް 2019 ވަނަ އަހަރު އެ އެއާޕޯޓުން 10 މިލިއަން މީހުންނަށް ހިދުމަތް ދިން ކަމަށެވެ.
ދެވަނަ އިންޓަނޭޝަނަލް ޓާމިނަލް ނިންމައި އެތަނުން ހިދުމަތް ދޭން ފެށުމުން ބަންޑާރަނަޔަކަ އެއާޕޯޓަށް އަހަރަކު 15 މިލިއަން މީހުންނަށް ހިދުމަތް ދެވޭނެއެވެ.
ސްރީލަންކާގެ ސަރުކާރުން މިހާރު އަންނަނީ އެ ގައުމުގެ ބައިނަލްއަގުވާމީ އެއާޕޯޓުތަކުގެ ހިންގުން ރީމޮޑެލްކޮށް ރީސްޓްރަކްޗާ ކުރަމުންނެވެ. އެގޮތުން އާންމުކޮށް ބޭނުން ނުކޮށް އޮތް ހަމްބަންތޮޓަގެ މައްތަލަ ރާޖަޕަކްސަ އިންޓަނޭޝަނަލް އެއާޕޯޓުން ސްރީލަންކަން އެއާލައިންސްގެ ހަތްފާތަކު ހަތް ފްލައިޓު އޮޕަރޭޓުކުރަން މިހާރު ވަނީ ހުށަހަޅާފައެވެ.
އަދި ލަންކާގެ ކުރީގެ މައި ބައިނަލްއަގުވާމީ އެއާޕޯޓު އަދި ފަހުން ޑޮމެސްޓިކް އޮޕަރޭޝަންތަކަށް ހާއްސަކުރި ކޮލޮމްބޯގެ ރަތުމަލާނަ އެއާޕޯޓަށް ދެކުނު އޭޝިއާ ސަރަހައްދުގެ ބައެއް ރީޖަނަލް އެއާލައިންތަކުގެ ފްލައިޓުތައް ޖެއްސުމުގެ އިންތިޒާމު ދަނީ ހަމަޖައްސަމުންނެވެ. އޭގެ ތެރެއިން ރާއްޖޭގެ މޯލްޑިވިއަންއާއި ފްލައިމީ، އަދި ދެކުނު އިންޑިއާގެ ބައެއް ސިޓީތަކުން ލަންކާއަށް ދާ ފްލައިޓުތައް ރަތުމަލާނަ އެއާޕޯޓަށް ޖައްސާ ގޮތަށް މިހާރު ވަނީ ހަމަޖައްސާފައެވެ.