ރަޝީއާގެ އިދިކޮޅުގައި ހިމެނޭ އިސް ބޭފުޅެއް ކަމަށްވާ އެލެކްޒޭއަށް ވިހަ ދިނީ ރަޝިއާގެ ރައީސް ވުލަޑިމިއާ ޕުޓިންގެ އަމަރަށް ކަމަށް އޭނާ ތުހުމަތުކުރައްވައިފި އެެވެ.

"އަޅުގަނޑު ދަންނަވާނީ އެކަމުގެ ފަހަތުގައި ހުންނެވީ ޕުޓިންއޭ. އެ ނޫން މީހަކު އެފަދަ ކަމެއް ކުރާނެކަމަށް ނުބެލެވޭ،" އެލެކްޒޭ ވިދާޅުވި އެވެ.

އެލެކްޒޭ މިވަގުތު ފަރުވާއަށް ވަޑައިގެން ހުންނެވީ ޖަރުމަނުގަ އެވެ.

ޖަރުމަނުން ބުނީ އެލެކްޒޭއަށް ދީފައިވަނީ ނާވް އޭޖެންޓެއް ކަމަށްވާ ނޮވިޗޮކް އެވެ. އެކަން ސްވިޑަން އަދި ފްރާންސްގެ ލެބްތަކުގައި ކުރި ޓެސްޓުތަކުން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.

ނަމަަވެސް ރަޝިއާ އިން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ. ޕުޓިންގެ ތަރުޖަމާނު ވިދާޅުވީ ނާވް އޭޖެންޓެއް އެލެކްޒޭއަށް ދީފައިވާ ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށެވެ.

ފްލައިޓެއްގައި ސައިބީރިއާއަށް ދަނިކޮށް އެލެކްޒޭ ކުއްލިއަކަށް ވެއްޓުނީ މިދިޔަ އޮގަސްޓް މަހުގެ 20 ވަަނަ ދުވަހު އެވެ.

އަދި އޭގެ ފަހުން އޭނާ ވަނީ ފަރުވާއަށް ޖަރުމަނަށް ގެންގޮސްފަ އެވެ.

އެލެކްޒޭ ވިދާޅުވީ އޭނާއަށް ނާވްއޭޖެންޓް ދީގެން ވިހަކޮށްލުމުގެ އަމަރު އައިސްފައި ވަނީ ސީދާ ރަޝީއާގެ އިންޓެލިޖެންސުން ކަމަށެވެ. އަދި ޕުޓިންގެ ހުއްދަ ނެތި އެ އިދާރާއިން އެކަން ނުކުރާނެކަމަށް އޭނާ ވިދާޅުވި އެވެ.

އެލެކްޒޭއަށް ދިން ނާވް އޭޖެންޓްގެ އަސަރު އޭނާ ހުރި ހޮޓަލުގައި ހުރި ފެން ފުޅީގައި ވެސް ހުއްޓެވެ.

ވިހަވުމުގެ ތަޖުރިބާއާ ގުޅޭ ގޮތުން އެލެކްޒޭ ވިދާޅުވީ އޭނާއަށް މާބޮޑު ތަދެއް އިހުސާސް ނުކުރެވޭ ކަމަށެވެ. ނަމަވެސް މަރުވަމުންދާކަމުގެ އިހުސާސް ކުރެވުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.--- ބީބީސީ