މިފަހުން ރާއްޖޭގައި އެންމެ ބޮޑަށް ބަހުސް ކުރެވުނު އަދި ހިޔާލުތަފާތުވުން އުފެދުނު އެއް މައުޟޫއަކަށް ހަމަގައިމުވެސް "މެރިޓަލް ރޭޕް" ނުވަތަ ކައިވެނީގެ ތެރޭގައި ހިނގާ ރޭޕްއާ މެދު އެވެ. ބައެއް ދީނީ އިލްމުވެރިންގެ ރައުޔު ވެސް ތަފާތުވެގެން ދިޔަ މައްސަލައިގައި، އެއް ބަޔަކު ބުނަނީ ކައިވެނި ކޮށްގެން އުޅޭ ދެމީހުންގެ ދެމެދު ރޭޕް ނުހިނގާނެ ކަމަށެވެ. އަނެއް ބަޔަކު ބުނަނީ ކައިވެނި ކޮށްގެން އުޅުނު ނަމަވެސް، ނުރުހުމުގައި ނުވަތަ ގަދަކަމުން ޖިމާއުވެއްޖެނަމަ، އެއީ ރޭޕް ކުރުން ކަމަށެވެ.

އަހަރުތަކަކަށް ދެމިގެން ދިޔަ މި ބަހުސް އިއްޔެ މިވަނީ ނިމުމަކަށް އައިސްފަ އެވެ. އެ ބަހުސް ނިމުމަކަށް ގެނައީ ހައިކޯޓުން ކުރި ހުކުމަކާއެކު އެވެ.

ލިބުނު ޖިންސީ އަނިޔާތަކަށް އައިޖީއެމްއެޗުގައި ފަރުވާ ހޯދަމުން ދަނިކޮށް 28 ޑިސެމްބަރު 2015ގައި ގދ. ތިނަދޫ ތޭންކު، ޒިޔާދާ ނައީމް މަރުވި މައްސަލައިގައި އޭނާގެ ކުރީގެ ފިރިމީހާ އިބްރާހިމް ޝާހުގެ މައްޗަށް ދައުލަތުން އުފުލި ފިރިމީހާ އަނބިމީހާ ރޭޕް ކުރި ދައުވާ ސާބިތުވާކަމަށް ހައިކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

އެ ދައުވާ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލުކޮށް، ހައިކޯޓުން ވަނީ ޝާހުއަށް ތިން އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.

ތާރީހީ، ބޮޑު ހުކުމެކެވެ. ބޮޑު ބަހުސަކަށް ގެނައި މުހިންމު ނިމުމެކެވެ.

ޖިންސީ ކުށް ކަނޑައެޅުމުގެ ގާނޫނުގައި އެއީ ކުށެއް ކަމަށް ކަނޑައަޅާފައި އޮތް ނަމަވެސް، މިއީ ރާއްޖޭގައި ފިރިމީހާ އަނބިމީހާ ރޭޕްކުރުމުގެ ކުށް ސާބިތުވެ، އަދަބެއް ކަނޑައެޅިގެން ދިޔަ ފުރަތަމަ ފަހަރެވެ. އެފަދަ މުހިންމު ހުކުމެއް ހައިކޯޓުން ކުރި އިރު، އެއީ ކުށަކަށް ވާގޮތް ވަރަށް ސާފުކޮށް ވަނީ ބަޔާންކޮށްދީފަ އެވެ. ބައެއް ދީނީ އިލްމުވެރިން ކުރިމަތިކުރުވި ސުވާލުތަކަށް، ގުރްއާނާއި ކީރިތި ރަސޫލާގެ ހަދީޘް ބަސްފުޅުތަކުން ހުކުމުގައި ވަނީ ޖަވާބުދީފަ އެވެ.

ކައިވެނީގެ ތެރޭގައި ކުރާ ރޭޕްގެ މާނަ:

އާންމު މާނައިގައި، "ރޭޕްކުރުން" ބޭނުންކުރަނީ؛

ދެމަފިރިންކަމުގައި ނުވާ ދެމީހުންގެ މެދުގައި، އެ މީހެއްގެ ޖިންސީ ގުނަވަނެއް، އެހެން މީހެއްގެ ޖިންސީ ގުނަވަނަކަށް ނުވަތަ ޖިންސީ ގުނަވަން ނޫން ގުނަވަނަކަށް، ކިތަންމެ ކުޑަ މިންވަރަކަށް ނަމަވެސް، އެމީހެއްގެ ރުހުމާ ނުލާ، ވެއްދުން ކަމަށް ހައިކޯޓްގެ ހުކުމުގައި ބަޔާންކުރި އެވެ.

މީގެ އިތުރަށް އެ ހުކުމުގައި ދެން ބުނީ ތިމާގެ އަމިއްލަ އަނބިމީހާއަކީ، ޖިމާއުވުމުގެ ހުއްދަ އޮންނަ ފަރާތަކަށްވާތީ، އަނބިމީހާއާ މެދު ގަދަކަމުން އެފަދަ އަމަލެއް ހިންގުމަށް "ރޭޕްކުރުން" ބޭނުންކުރެވޭތީ ފަހަރުގައި އޮޅުމެއް އޮތުމަކީ ވެދާނެކަމެއް ކަމަށެވެ.

އެހެންނަމަވެސް އެއީ އާންމު މާނައިގައި އޮންނަ "ރޭޕް" ގެ މާނައިގެ ތެރެއަށް ފެތޭގޮތަށް މާނަކުރަންޖެހޭ ގޮތަށް އޮތް ކުށެއް ނޫންކަން ޖިންސީ ކުށުގެ ގާނޫނުން އެނގޭ ކަމަށާއި އެއީ އާންމު މާނައިގައި އޮންނަ ރޭޕްކުރުމުގެ ކުށުގެ މާނައިން ބޭރުވެ، ވަކި ހާއްސަގޮތަކަށް ކަންވެގެން ދިއުމުން އެފަދަ ކުށަކަށް ކިޔޭ ހާއްސަ ނަމެއްކަން ހައިކޯޓުގެ ހުކުމުގައި ވަނީ ބަޔާންކޮށްފަ އެވެ.

އެހެންކަމުން ފިރިމީހާ އަނބިމީހާ ރޭޕްކުރުމުގެ ކުށް ކަމުގައި ގާނޫނުގައި ބަޔާންކޮށްފައިވަނީ، ވަކި އިސްތިސްނާ ހާލަތު ތަކެއް
އޮއްވާ، އަނބިމީހާގެ ރުހުމާ ނުލައި، އޭނާގެ ފިރިމީހާ އޭނާއާ ޖިމާއުވުމަށެވެ.

މިކަމުގައި ކުށަށް ކިޔާ ނަމަށް ބަލަން ނުޖެހޭ ކަމަށާއި ބަލަންޖެހެނީ ކުރާ އަމަލަށް ކަމަށް ހައިކޯޓުން ވަނީ ވަރަށް ސާފުކޮށް ބަޔާންކޮށްފަ އެވެ.

"ގަދަކަމުން އެއްވެސް މީހަކާމެދު ޖިމާއުވުން އެއީ އެކަން ރައްދުވާ ފަރާތުގެ މައްޗަށް ކުރެވޭ އަނިޔާއެކެވެ. އެއީ ތިމާގެ އަނބިމީހާ ކަމުގައި ވީނަމަވެސް އެވެ." ހައިކޯޓުގެ ހުކުމުގައިވެ އެވެ.

ޖިންސީ ކުށުގެ ގާނޫނުގައި ރޭޕްކުރުމުގެ ކުށަކީ، ދެމަފިރިންގެ ދެމެދުގައި ކުރެވޭނެ ކުށެއް ކަމުގައި އާންމު އުސޫލުން ނުބަލާކަން ހުކުމުގައި ފާހަގަކުރި އެވެ. އެހެން ނަމަވެސް، ފިރިމީހާ އަނބިމީހާ ރޭޕް ކުރި ކަމަށް ބެލެވޭނޭ އިސްތިސްނާ ހާލަތްތަކެއް ރާއްޖޭގެ ގާނޫނުތަކުގައި އޮންނަ ކަމަށް ވެސް ހުކުމުގައިވެ އެވެ. އެ ހާލަތްތަކަކީ؛

  • ދެމީހުންގެ މެދުގައި އޮތް ކައިވެނި، ޝަރީއަތް މެދުވެރިކޮށް ރޫޅާލުމުގެ ނުވަތަ ތަފްރީޤް ކުރުމުގެ މަރުހަލާއެއް ޝަރީއަތުގައި ހިނގަމުންދިޔުމާއި، އެމައްސަލަ އޮތީ ޝަރީއަތުގެ އަޑުއެހުންތައް ނިމި ހުކުމެއް އިއްވުމާ ހަމައިގައި ކަމުގައިވުން

  • އަނބިމީހާ ވަރިކުރުމަށް އެދި ފިރިމީހާ، ނުވަތަ ފިރިމީހާގެ ކިބައިން ވަރިވުމަށް އެދި އަނބިމީހާ ހުށަހަޅާފައިވާ މައްސަލައެއް ޝަރީއަތުގައި ހިނގަމުންދިޔުމާއި، އެމައްސަލަ އޮތީ ޝަރީއަތުގެ އަޑުއެހުންތައް ނިމި ހުކުމެއް އިއްވުމާ ހަމައިގައި ކަމުގައިވުން

  • ގައިންގަޔަށް އަރާ ނުރައްކާތެރި ޖިންސީ ބައްޔެއް ފިރިމީހާ ގައި ހުރިކަން އެނގިހުރެ، އަނބިމީހާއަށް އެ ބަލި ވާސިލުކުރުމުގެ ބޭނުމުގައި، އޭނާއާ ޖިމާއުވުން

  • ދެމަފިރިން ވަރިނުވި ކަމުގައި ވީނަމަވެސް، ދެފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުމެއްގެ ދަށުން، މަސްލަހަތަށްޓަކައި ވަކިން ދިރިއުޅެމުންދާ ދެމީހުން ކަމުގައިވުން

ޖިންސީގުޅުން ހިންގުމުގެ ހައްގު ހަމަހަމަ، ހުދޫދުން ބޭރެއް ނުވެވޭނެ!

ހައިކޯޓުގެ ހުކުމްގައި ދެން އެންމެ ސާފުކޮށް ބަޔާންކޮށްފައި ވަނީ، ކައިވެނީގެ ގޮށުން ދެމަފިރިއަކު ގުޅާލުމަށްފަހު އެ ދެމަފިރިން ހަލާލުގޮތުގައި ޖިންސީ ގުޅުން ހިންގުމަކީ ދެމަފިރިންނަށް ވެސް ހަމަހަކޮށް ލިބިފައި އޮންނަ ހައްގެއް ކަމެވެ.

އިސްލާމީ ޝަރީއަތުގެ އާންމު ގަވާއިދަކީވެސް، އެ މީހަކަށް ކަނޑައެޅިފައިވާ ހައްގުތައް އަދި ވާޖިބުތައް ދިނުމާއި ލިބިގަތުމުގައި އަންހެނުން އަދި ފިރިހެނުންވެސް ހަމަހަމަވުން ކަަމަށް ވާއިރު، އަނބިމީހާގެ ފަރާތުން ޖިންސީ ގުޅުން ހިންގުމަށް ފިރިމީހާއަށް އެދެވޭ ފަދައިން އަނބިމީހާއަށްވެސް އެފަދައިން ފިރިމީހާގެ ގާތުގައި އެދުމުގެ ހައްގު އޮތްކަން ވަނީ ފާހަގަކޮށްފައެވެ،

"މި ހައްގު ބޭނުން ކުރުމުގައި އެކެއްގެ މައްޗަށް އަނެކަކު ވެރިވެގަތުމެއް ނުވަތަ އިސްވުމެއް ނެތެވެ." ހުކުމުގައިވެ އެވެ.

އެކަމަށް ބާރުދޭ ކީރިތި ގުރުއާނުގެ އާޔަތްތަކާއި ރަސޫލާގެ ހަދީޘް
ބަސްފުޅުތައް ހުކުމުގައި ވަނީ ފާހަގަކޮށްފަ އެވެ.

ޝަރުއީ އަދި ގާނޫނީ އާންމު އުސޫލަކީ ހައްގުތަކެއް މީހަކަށް ލިބިގެންވީ ނަމަވެސް އެފަދައިން ލިބިގެންވާ އެއްވެސް ހައްގަކީ އެއްވެސް އިމެއްނެތި ބޭނުންކުރެވޭ ގޮތަކަށް އޮންނަ މުތުލަގު ހައްގަކަށް ނުވުން ކަމަށް ހައިކޯޓުގެ ހުކުމުގައިވެ އެވެ.

މީހަކަށް ލިބި އޮންނަ ހައްގެއް ބޭނުންކުރަނީ ކަމަށް ބުނެ އެ ހައްގު ބޭނުންކޮށްގެން އެހެން މީހަކަށް ގެއްލުމެއް ދޭނަމަ ނުވަތަ އެ ހައްގެއް ބޭނުންކުރުމުން އެހެން މީހަކަށް ގެއްލުމެއް ލިބިދާނެކަމަށް ފެންނަނަމަ އެފަދަ ކަންކަން ހުއްޓުވެން ޖެހޭނެ ކަމަށް ފަނޑިޔާރުން އިއްތިފާގުވެވަޑައިގެންފައިވެ އެވެ.

ހައްގު ބޭނުން ކުރުމުގައި ކަނޑައެޅިފައިވާ އިންތައް ފަހަނައަޅައިދާ ނަމަވެސް އެކަންކަން ހުއްޓުވެންޖެހޭ ކަމަށް ވެސް ބުނެފައިވެ އެވެ.

މި އުސޫލުގެ މައްޗަށް ރިއާޔަތްކުރާއިރު، ދެމަފިރިންގެ ގޮތުގައި ތިބޭއިރު ޖިންސީ ގުޅުން ހިންގުމަކީ ދެމަފިރިންނަށްވެސް ހަމަހަމަ ގޮތެއްގައި ލިބިއޮތް ހައްގެއް ކަމުގައި ކަނޑައެޅިފައިވީ ނަމަވެސް، ބައެއް ހާލަތު ތަކުގައި ޖިންސީ ގުޅުން ހިންގުމަށް އޮންނަ މި ހައްގަށް ދެމަފިރިންކުރެ ކޮންމެ ފަރާތަކަށްމެ އިންކާރު ކުރުމުގެ ފުރުސަތު ލިބިގެން ވާކަން އެނގެން އޮންނަ ކަމަށް ވެސް ހުކުމްގައިވެ އެވެ.

އެގޮތުން ހާއްސަ ހާލަތުތަކެއް ދިމާވުމުން ފިރިމީހާ އެކަމަށް އެދުނު ކަމުގައިވީނަމަވެސް ޖިންސީ ގުޅުން ހިންގުމަށް އަނބިމީހާއަށް އިންކާރު ކުރެވިދާނެކަން ޝަރުއީ ދަލީލު ތަކުންނާއި އިލްމުވެރިންގެ ރައުޔުތަކަށް ބެލުމުން އެނގޭ ކަމަށާއި އަދި އެފަދަ ހާލަތެއް އޮއްވާ ޖިންސީ ގުޅުން ހިންގުމަށް އަނބިމީހާ އިންކާރު ނުކުރުމަކީ ފަހަރުގައި އެކަމުގެ ސަބަބުން އަނބިމީހާ ފާފަވެރި ވެދާނެ ސަބަބެއް ކަމުގައިވެސް ވެގެން ހިނގާދާނެކަމަށް ބުނެވޭ ކަމަށް ވެސް ހުކުމްގައި ފާހަގަކޮށްފައިވެ އެވެ.

އިސްތިސްނާ ހާލަތުތައް:

  • ޙައިޟުގެ ދުވަސްވަރު

  • ނިފާސްގެ މުއްދަތު
  • ރަމަޟާންމަހު ރޯދައަށް ހުންނަ ވަގުތު
  • ޟިހާރުކޮށް (އަނބިމީހާ ތިމާގެ މަންމައާއި އެއްފަދަކުރުން) އެއަށްފަހު ކައްފާރާ އަދާނުކޮށް ހުންނަ މުއްދަތު
  • އަނބިމީހާ މާބަނޑު ހާލުގައި ވަނިކޮށް އޭނާއަށް ނުވަތަ އޭނާގެ ބަނޑުގައިވާ ދަރިފުޅަށް ގެއްލުމެއް ވެދާނެކަމުގެ ބިރު ހީވާ ވަގުތު
  • ތިމާގެ ފިރިމީހާއަށް ޖިންސީ ގުޅުމުން ކުރިމަތިވާ ބައެއް ބަލިތަކުގެ ތެރެއިން ބައްޔެއް، މިސާލަކަށް އެއިޑްސް ކަހަލަ ބައްޔެއް ޖެހިފައިވާކަމަށް ގަބޫލުކުރެވޭ ފަދަ ހެކިތަކެއް ހުރިނަމަ އެފަދަ ހާލަތެއްގައި

"އަނބިމީހާ ނުރުހިގެން ވަނިކޮށް އޭނާއާމެދު ގަދަކަމުން ޖިމާއުވުމަކީ އަނބިމީހާއަށް ދެވޭ ވަރަށް ބޮޑު އަނިޔާއެކެވެ. ޖިސްމާނީ ގޮތުން އެކަންޏެއް ނޫނެވެ. ނަފްސާނީ ގޮތުންވެސް މެއެވެ. އިސްލާމީ ޝަރީޢަތުގެ އާންމު ގަވާއިދެއްގެ ގޮތުން އެއްވެސް މީހަކަށް އެއްވެސް ބާވަތެއްގެ އަނިޔާއެއް ކުރުން ވަނީ ނަހީ ކުރައްވާފައެވެ."

ކީރިތި ޤުރުއާނުގެ އާޔަތްތަކުންނާއި ކީރިތި ރަސޫލާގެ ބަސްފުޅުތަކަށް ބެލުމުން އަންހެނުންނާ މެދު ހެޔޮކޮށް ކަންތައް ކުރުމަށް އިސްލާމްދީން ބާރު އަޅުއްވާފައިވާ މިންވަރާއި، ދެމަފިރިންގެ ދެމެދުގައި އޮންނަ ގުޅުން ބިނާވެގެންވާންޖެހޭނީ ލޯތްބާއި އިހްތިރާމްގެ މައްޗަށްކަން އެނގެޭކަން ހުކުމްގައިވެއެވެ.

އެމަގުން ބޭރުވެ އަންހެނުންނަށް އަދި އަނބިންނަށް އަނިޔާލިބޭ ގޮތަށް ކަންކަން ކުރުމަކީ އަހަރުމެންގެ މައްޗަށް އަމުރުވެވިގެންވާގޮތާއި އަދި ދަސްކޮށްދީފާ ވާގޮތާއި ކަނޑައެޅިގެން ހިލާފުވުން ކަމަށް ހުކުމްގައިވެއެވެ.

އެހެންކަމުން އެފަދަކަމެއް ވިޔަނުދިނުމަށްޓަކައި އަދި އެކަން އެމަގަށް ކުރާ މީހުންނަށް ފިޔަވަޅު އެޅުމުގެ ގޮތުންނާއި އަދަބުވެރިކުރުމުގެ ގޮތުން އެފަދައިން ކަންކުރާ މީހެއްގެ މައްޗަށް ތަޢުޒީރީ އަދަބެއް ކަނޑައެޅިދާނެކަން އެނގޭކަން ހުކުމްގައި ފާހަގަކޮށްފައިވެއެވެ.

މުހިންމު ހުކުމެއް، ޖިންސީ ކުށްތައް ސާބިތުކުރަން އުންމީދެއް!

ފިރިމީހާ އަނބިމީހާ ރޭޕްކުރުމަކީ ކުށެއް ކަމަށް ގާނޫނުގައި ލިޔެވިފައި އޮތް ނަމަވެސް، ސިއްރިއްޔާތުގައި ހިނގާ އެފަދަ ކުށެއް ސާބިތު ކުރެވިދާނެ ކަމާމެދު ގިނަ ބަޔަކު ސުވާލުއުފައްދަ އެވެ. އަދި ކްރިމިނަލް ކޯޓުން ޝާހުގެ މައްސަލަ ސާބިތުނުވާކަމަށް ކަނޑައެޅީވެސް އެކަށީގެންވާ ހެކި ނެތުމުންނެވެ.

ފިރިމީހާ އަނބިމީހާ ރޭޕް ކުރުމުގެ ކުށަކީ، އެކުށް ސާބިތުކުރުމަށް ވަކި ބާވަތެއްގެ ހެކިތަކެއް ހުރުން އަދި ހެކިތަކުގައި ވަކި ނިސާބެއް ހަމަވުން އިސްލާމީ ޝަރީއަތުން ލާޒިމްކޮށްފައިވާ ބާވަތްތަކުގެ ކުށްތަކުގެ ތެރޭގައި ހިމެނޭ ކުށެއް ނޫނެވެ.

އެހެންކަމުން އެކުށް ސާބިތުކުރުމުގައި ޝަރީއަތާއި ގާނޫނު ހުއްދަކުރާ އެންމެހާ ހެއްކާއި ގަރީނާތަކުގެ މައްޗަށް ރިއާޔަތްކުރެވޭނެ ކަމަށް ހައިކޯޓުން ވަނީ ބުނެ ފައެވެ.

ޖިންސީގޮތުން ހިންގޭ މިފަދަ ކުށްތަކަކީ އާންމު ގޮތެއްގައި ސިއްރުން ހިންގޭ ކުށްތަކަށް ވާއިރު، ވަކިން ހާއްސަ ގޮތެއްގައި ދެމަފިރިންގެ ދެމެދުގައި ހިންގާ މިފަދަ ޖިންސީ ކުށްތަކުގެ އަމަލުތައް ހިންގާނީ މީހުންނަށް ފެންނަ ތަންތަނުގައި ކަމަށް ނުވާތީ، ލޮލަށް ފެންނަ ހެކިން މިފަދަ މައްސަލަތަކުގައި ގިނަފަހަރަކު ނުތިބޭނެ އެވެ.

އެ ސަބަބަށްޓަކައި އާންމު އުސޫލުން މައްސަލަތައް ސާބިތުކުރަން އޮންނަ މިންގަނޑަށް ލުއިތަކެއްދީ ޖިންސީ މިފަދަ ކުށްތައް ސާބިތުކުރުމުގެ ހާއްސަ އުސޫލުތަކެއް ގާނޫނުން ގާއިމުކޮށްފައިވެ އެވެ.

ހާދިސާ ހިނގިތަން ސީދާ ލޮލުން ދުށް މީހެއް މިފަދަ މައްސަލައެއްގައި ހެކިބަސްދޭން ލިބިފައި ނުވިނަމަވެސް، އަނިޔާ ލިބުނު ފަރާތާ މެދު ކަންވީގޮތް އޭނާ ކިޔައިދޭ ކިޔައިދިނުން މައިގަނޑު އަސާސަކަށް ބަލައިގެން، އެއީ އާދަޔާ ހިލާފަށް ތެދުކަމަށް ގަބޫލުކުރެވޭނެ ފަދަ އިތުރު ހެކިތަކާއި އަދި އެހެކިތަކާއި ގުޅުވާލަދޭ ފަދަ ގަރީނާތަކެއް ހުރެއްޖެނަމަ މިފަދަ މައްސަލަތައް ސާބިތުކުރެވިދާނެކަން ސުޕްރީމް ކޯޓުގެ ގަޒިއްޔާއަކުން އެނގެން އޮވެ އެވެ.

މި މައްސަލައިގައި ދައުވާކުރި އިރު ޒިޔާދާ ނިޔާވެފައިވާތީ، ހައިކޯޓުން ބަލާފައި ވަނީ، ޒިޔާދާ ނިޔާވުމުގެ ކުރިން އޭނާ އެހެން މީހުންނަށް ކިޔަދީފައިވާ ވާހަކަތަކަށާއި، ފޯން ކޯލު ރެކޯޑިންތަކާއި ފޮނުވާފައިވާ މެސެޖުތަކާއި އަދި ޒިޔާދާ ބެލި ޑޮކްޓަރުންނާއި ނަރުހުންގެ ބަހަށެވެ.

މައްސަލައިގައި ޝާހުގެ ފަރާތުން ދިފާއުގައި ފާހަގަކުރި އެންމެ ބޮޑު އެއް ޕޮއިންޓަކީ، މިމައްސަލައިގައި ހެކިބަސް އަދާކޮށްފައިވާ ފަރާތްތަކުގެ ހެކިބަސްތައް ބިނާވެފައިވަނީ، "ހިޔާސޭ އެވިޑެންސް" ނުވަތަ ބުނި ބުނުމެއްގެ މައްޗަށް ބިނާކުރެވިގެން ކަމަށާއި، އެފަދަ ގޮތަކަށް ހުރި ހެކިބަސްތަކެއް ގަބޫލު ނުކުރެވޭނެކަމަށެވެ.

ބުނި ބުނުމެއްގެ މައްޗަށް ދެވޭ ހެކިބަހަކީ އާންމު މިންގަނޑުގައި އެންމެ ހަރުދަނާ ހެއްކެއް ކަމުގައި ނުބެލެވޭކަން ހައިކޯޓުން ވެސް ވަނީ ފާހަގަކޮށްފައެވެ.

އެހެންނަމަވެސް ދިމާވެފައިވާ ހާއްސަ އިސްތިސްނާ ހާލަތުތަކެއް އޮންނަ ހިނދު، މީހަކަށް ފެނުނުކަމަށް، މީހެއްގެ ގާތުގައި ބުނިކަމެއް ނުވަތަ އަޑުއިވުނުކަމަށް ބުނެ ކިޔައިދިންކަމެއް ނުވަތަ މީހަކާމެދު ކަން ވީ ގޮތްކަމަށް އެ މީހަކު ކިޔައިދިންކަމަށްބުނެ އެހެން މީހަކު ޝަރީއަތުގައި ދޭ ހެކިބަސް ބަލައިގަތުމަކީ އަދުލު އިންސާފު ގާއިމުކުރުމަށް ހުއްދަ ކުރެވޭނެކަމެއް ކަމަށް އިލްމުވެރިން ބުނާކަމަށް ހައިކޯޓުގެ ހުކުމްގައިވެއެވެ.

އަދި މިފަދައިން ހެކިބަސް ބަލައިގަތުމުގައި ބުނެވުނު ފަދަ ބުނި ބުނުމުގެ މައްޗަށް ދެވޭ ހެކިބަހުގެ މައްޗަށް އެކަނި ގޮތެއް ނިންމުމުގެ ބަދަލުގައި އެ ހެކިބަހާއި ގުޅުވައިދޭ ހަރުދަނާ އެހެނިހެން ހެކި އަދި ގަރީނާތައް ހުރިތޯ ކަށަވަރުކުރަންޖެހޭނެއެވެ.

މި މައްސަލައިގައި ހަވާލާދޭ ހާދިސާގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، މައްސަލައިގެ އަސްލު ބިނާވެގެންވަނީ ޒިޔާދާގެ ފަރާތުން އޭނާއާމެދު ކަންވީ ގޮތް އެހެން ފަރާތްތަކަކަށް ކިޔައިދޭ ކިޔައިދިނުމަށެވެ. އަދި އެ ބުނި ބުނުންތަކާއި ގުޅުވާލަދޭ ހަރުދަނާ ހެކި ގަރީނާ ފެންނަން ހުރި ކަމަށް ހުކުމްގައިވެއެވެ.

ގެވެށި އަނިޔާ އާއި ޖިންސީ އަނިޔާއާ ދެކޮޅަށް ބޮޑު ފިޔަވަޅެއް!

އިއްޔެ ހައިކޯޓުން ކުރި ހުކުމާއެކު، ގިނަ ބަޔަކު އަންނަނީ އެއީ ޖިނާއީ އަދުލުގެ ނިޒާމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ސިފަކޮށްފައެވެ. އެ ހުކުމާއެކު އެންމެ ފުރަތަމަ ހިތްހަމަޖެހުން ފާޅުކުރެއްވީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމެވެ.

އެ ހުކުމާ ގުޅިގެން ޖެންޑާ މިނިސްޓްރީއިން ބުނީ އެ ހުކުމަކީ އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށް އެޅިގެން ދިޔަ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި އެޓާނީ ޖެނެރަލްގެ އޮފީހުން ވެސް ވަނީ އެއީ ވަރަށް ބޮޑު ކާމިޔާބެއްގެ ގޮތުގައި ސިފަކޮށްފައެވެ.

މީގެ އިތުރުން ގިނަ އަދަދެއްގެ އާންމު ރައްޔިތުން ވެސް އަންނަނީ އެ ހުކުމާ ގުޅިގެން، ގެވެށި އަނިޔާ އާއި ޖިންސީ އަނިޔާއާ ދެކޮޅަށް ކުރާ މަސައްކަތުގައި ކޮންމެސް ވަރެއްގެ ކުރިއެރުންތަކެއް ލިބިފައިވާކަން ހާމަވެގެން ގޮސްފައިވާ ކަމަށް ބުނަމުންނެވެ.

ނަމަވެސް ޝާހުއަށް އައި ތިން އަހަރުގެ ހުކުމް ކުޑަ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެެ.

ޖިންސީ ކުށުގެ ގާނޫނަށް ބަލާއިރު، އެ މާއްދާގައި ބަޔާންކޮށްފައިވާ ކުށެއް ކުރިކަން ސާބިތުވާން އޮންނަ ހާލަތުގައި، އެ ކުށް ކުރީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެންކަމަށްވާނަމަ، އެ ކުށް ކުރި މީހެއްގެ އަދަބަކީ ތިން އަހަރާއި ފަސް އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. އަދި އެ ކުށްކުރީ އެނޫން ގޮތެއްގައި ކަމަށްވާނަމަ އެއް އަހަރާއި ތިން އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

މި މައްސަލައިގައި ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިތަކުން ޝާހު ޒިޔާދާ އާމެދު ޖިންސީ ގުޅުމެއް ހިންގީ ނުރައްކާތެރި ހަތިޔާރެއް
ބޭނުންކޮށްގެންކަން އެނގޭކަށްނެތެވެ.

ޒިޔާދާ އަށް ލިބުނު އަނިޔާއަށް އިންސާފު ލިބިދާނެ ކަމުގެ ކޮޅުމަތި ފެނިފައިވާކަމަށް އޭނާގެ ދޮށީ ދަރިފުޅުވެސް ވަނީ އިއްޔެ ބުނެފައެވެ. ތިން އަހަރު ކުޑަ ނަމަވެސް، ޝާހުގެ މައްޗަށް ދެން އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖެ ނަމަ އޭނާއަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ޕީޖީ ވަނީ ވިދާޅުވެފައެވެ.

ޒިޔާދާއަށް އިންސާފު ލިބުމަށް އެދިއެދި އެތައް ބަޔަކު ތިބިއިރު، މި މައްސަލައިގެ ސަބަބުން މިފަދަ އަނިޔާތައް ތަހަމައްލު ކުރަމުންދާ އެތައް ބަޔަކަށް އިންސާފު ލިބިދާނެ ކަމުގެ އުންމީދު މިވަނީ ލިބިފައެވެ. ޒިޔާދާ ވަކިވެދިޔައީ އެތައް ބައެއްގެ ދިރިއުޅުމުގައި އުންމީދުގެ ހުޅުކޮޅު ރޯކޮށްދީފައި ކަމަށް އެއް ބަޔަކު ގަބޫލުކުރެއެވެ.