ތެހެރާން (ޖަނަވަރީ 17) : މިދިޔަ ހަފްތާގެ ބުދަ ދުވަހު އަވަހާރަކޮށްލެވުނު އީރާނުގެ ނިއުކްލިޔާ ސައެންޓިސްޓް މުސްތަފާ އަހުމަދީ ރަވްޝަންގެ މަރުގެ ފަހަތުގައިވާ ކަމަށް ތުހުމަތުކުރެވޭ ބައެއް މީހުން ހައްޔަރުކުރެވިއްޖެކަން އީރާނުން ހާމަކޮށްފި އެވެ.

އީރާނުގެ ޕާލަމެންޓްގެ ރައީސް އަލީ ލާރިޖާނީ ވިދާޅުވީ ރަވްޝަން އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވިފައިވާ ހަތަރު ފަރާތެއް ވަނީ އީރާނުގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފަ އެވެ.

މިޓެރަރިސްޓް ހަމަލާގެ ފަހަތުގައި ވަނީ އެމެރިކާ އާއި އިސްރާއީލު ކަމަށް އީރާނުން ވަނީ ތުހުމަތުކޮށްފަ އެވެ.

އީރާނުގައި ޓެރަރިޒަމްގެ އަމަލުތައް ހިންގައި ޓެރިރިސްޓުންނަށް އެހީތެރިވުމުގައި އެމެރިކާ އާއި އިސްރާއީލު ކުރިޔަށްދާނަމަ މިކަމުގެ ފަހަތުގައިވާ އިސްރާއީލާއި އެމެރިކާގެ މަސްއޫލުވެރިން މެރުމަށް އީރާނުން ފަސްނުޖެހޭނެ ކަމަށް ނަން ހާމަކުރަން ނޭދޭ އީރާނުގެ ޖާސޫސީ މަސްއޫލުވެރިއަކު ދާދި ފަހުން ވަނީ އިންޒާރުކުރައްވާފަ އެވެ.

ނަމަވެސް ލާރިޖާނީ ވިދާޅުވީ އެމެރިކާ އާއި އިސްރާއީލުގެ މަސްއޫލުވެރިންނާ ދެކޮޅަށް އީރާނުން ބަދަލުހިފާނީ ޓެރަރިސްޓް ހަމަލާތައް ދިނުން ފަދަ ގޮތަކަށް ނޫންކަމުގަ އެވެ. އޭނާ ވިދާޅުވީ ރަވްޝަން އަވަހާރަކޮށްލުމަށްދިން ޓެރަރިސްޓް ހަމަލާ ރާވައި ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކުރީ އެމެރިކާގެ ޖާސޫސީ އިދާރާ (ސީ.އައި.އޭ.) ކަން މިހާތަނަށް ކުރެވުނު ތަހުގީގުތަކުން ހާމަވެފައިވާ ކަމަށެވެ.

ވޭތުވެދިޔަ 3 އަހަރު ތެރޭގައި އީރާނުގެ 4 ސައެންޓިސްޓަކު އަވަހާރަކޮށްލައި ރޮކެޓް ސިނާއަތާ ބެހޭ މަރުކަޒެއް ގޮއްވާލާފައިވާއިރު މިޓެރަރިސްޓް ހަމަލާތަކުގެ ފަހަތުގައި ވަނީ އެމެރިކާ އާއި އިސްރާއީލުގެ އިތުރުން އިނގިރޭސިވިލާތް ކަމަށް އީރާނުން އެތައް ފަހަރަކު ވަނީ ތުހުމަތުކޮށްފަ އެވެ. މިއީ އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމް ހުއްޓުވުމުގައި ނާކާމިޔާބުވެ ގޮތް ހުސްވެގެން އެގައުމުތަކުން ހިންގާ ޓެރަރިޒަމްގެ އަމަލުތަކެއް ކަމަށް ވެސް އީރާނުން ވަނީ ތުހުމަތުކޮށްފަ އެވެ.

މިތިން ގައުމުގެ ތެރޭން އިނގިރޭސިވިލާތާއި އެމެރިކާ ވަނީ މިކަން ދޮގުކޮށްފަ އެވެ. ނަމަވެސް އިސްރާއީލުގެ މަސްއޫލުވެރިން ވަނީ މިހަމަލާތަކަށް ހިއްވަރުދެއްވައި ވާހަކަ ދައްކަވާފަ އެވެ. (އަލްޖަޒީރާ)