ހަ މަހަށް ވުރެ ގިނަ ދުވަސްވަންދެން އިންޑިއާގެ ސިނަމާތައް ބަންދުކޮށްފައި އޮތުމަށް ފަހު އަލުން ސިނަމާތައް ހުޅުވާލަން ނިންމައިފި އެވެ.

މި މަހު އިންޑިއާ ސިނަމާތައް ހުޅުވާއިރު ސިނަމާތައް ހުޅުވައިގެން އަމަލުކުރަމުން ގެންދާނީ ހޯމް މިނިސްޓްރީއިން ނެރުނު "އަންލޮކް 5.0" ގައިޑްލައިންގައިވާ ގޮތަަށެވެ. މި މަހު 15 ވަނަ ދުވަހު ސިނަމާތައް ހުޅުވާލަން ތައްޔާރުވަމުން އަންނައިރު ސިނަމާތަކަށް މީހުން ވަންދަން ފަށާނީ ކުރިން ސިނަމާތަކަށް މީހުން ވައްދާ މިންވަރަށް ވުރެ ދެބައިކުޅަ އެއްބައި މަދުކޮށެވެ. އެއީ ސިނަމާގެ 50 އިންސައްތަ ހުސްކޮށް އޮންނަ ގޮތަށެވެ.

މިދިޔަ މާޗު މަހުގެ 14 ވަނަ ދުވަހު އިންޑިއާގެ ހުރިހާ ސިނަމާތަކެއް ބަންދުކުރިއިރު މިއަހަރު ސިނަމާތަކުގައި ރިލީޒްކުރަން ވަރަށް ގިނަ ފިލްމުތަކެއް ހުއްޓެވެ. ނަމަވެސް ސިނަމާތައް ބަންދުކުރުމާއެކު އެ ފިލްމުތައް އަޅުވާފައެއްނުވެ އެވެ. އެހެން ނަމަވެސް ބައެއް ފިލްމުތައް ވަނީ ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ރިލީޒްކޮށްފަ އެވެ.

އިންޑިއާގެ ސިނަމާތައް ހުޅުވި ނަމަވެސް މަހަރަޝްތުރާ ސަރުކާރުން ވަނީ އެ ސްޓޭޓްގެ ސިނަމާތައް ނުހުޅުވާ ގޮތަށް ނިންމާފަ އެވެ. މަހަރަޝްތުރާ އަކީ މުމްބާއީގެ ސްޓޭޓެކެވެ.