ބޮލީވުޑުގައި އެންމެ ގަދައަށް ފިޔަޖަމުން އަންނަ އެއް ބަތަލާ އާލިއާ ބަޓް ލީޑު ރޯލުން ފެނިގެންދާ ވަރުގަދަ ފިލްމު "ގަންގޫބާއި ކަތިއަވާޅީ"ގެ ޝޫޓިން ފަށައިފި އެވެ.

ޚަބަރުތައް ބުނާ ގޮތުގައި ފިލްމުގެ ޝޫޓިން ފެށީ އާލިއާ އާއެކު އޭނާ ފެނިގެންދާ ސޯލޯ މަންޒަރުތަކުންނެވެ. ފިލްމުގެ ކްރޫއިންގެ އަދަދު ވެސް ވަރަށް ބޮޑަށް ލިމިޓްކޮށްގެން ފިލްމުގެ މަސައްކަތް ފެށިއިރު ޝޫޓިން ކުރިއަށް ގެންދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރަށް ބޮޑަށް އަޅައިގެންނެވެ. ކެމެރާ ކުރިމައްޗަށް އަރަން ނޫނީ ހުރިހާ އެންމެން ވެސް ސެޓުގައި ތިބެނީ މާސްކު އަޅައިގެންނެވެ. އެއާއެކު ސެޓު ސެނިޓައިޒްކުރުމުގެ މަސައްކަތްވެސް އަވަސްއަވަހަށް ކުރިއަށް ގެންދާ ކަމަށް ޚަބަރުތައް ބުނެ އެވެ.

މި ފިލްމުގެ ޝޫޓިންގެ އެއްބައި ވަނީ ކޮވިޑުގެ ރާޅު އައުމުގެ ކުރިން ނިންމާލައިފަ އެވެ. ސަންޖޭ ލީލާ ބަންސާލީ ޑައިރެކްޓްކުރާ އެ ފިލްމަކީ އިންޑިއާގެ ކުރީގެ ވަރަށް މަޝްހޫރު އަންހެން ގޭންގްސްޓާރު ގަންގޫބާއީ ކޮތޭވާލީގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އެ ފިލްމު ގެނެސްދޭނީ ލިޔުންތެރިޔާ އެސް ހުސައިން ޒައިދީގެ ފޮތް "މާފިއާ ކްއީންސް އޮފް މުމްބާއީ"ގެ މައްޗަށް ބިނާކޮށެވެ.