ރ. ދުވާފަރުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން ތާރުއެޅުމުގެ މަސައްކަތް ފަށައިފި އެވެ.

މި މަޝްރޫއު ހިންގާ އެމްޓީސީސީން ބުނީ ތާރު އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި މުޅި މަޝްރޫއުގެ 77 ޕަސެންޓު މިހާރު ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ފައިމަގުގައި ހިނގޭ ގޮތަށް 6813 އަކަމީޓަރުގެ ސަރަހައްދެއް ތަރައްގީކޮށް، އުޅަނދުފަހަރަށް ދުއްވޭ ގޮތަށް 25،513 އަކަމީޓަރުގެ ސަރަހައްދެއް ތަރައްގީ ކުރާނެ އެވެ.

ހަމައެއާއެކު މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާންތައް ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެ އެވެ.

މިދިޔަ އަހަރުގެ ޖޫން 12 ވަނަ ދުވަހު ފެށި މި މަސައްކަތުގެ އަގަކީ 47.04 މިލިއަން ރުފިޔާ އެވެ.