01 Oct 2020, 13:46
އާއިލާއާއި މުޖްތަމައުގެ ފަރާތުން ދޮށީ އުމުރުގެ މީހުންނަށްދޭ ލޯތްބާއި އަޅާލުން އިތުރުކޮށް، އެފަރާތްތަކަށް ދިމާވާ ދަތިތައް ހައްލުކުމަށް މަސައްކަތްކުރުމަށް ހިޔމަން ރައިޓް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން އިލްތިމާސް ކޮށްފި އެވެ.
މިއަދު ފާހަގަ ކުރާ ބައިނަލްއަގުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހާ ގުޅުވައިގެން އެ ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނީ ކޮވިޑް19 ގެ ނުރައްކާ އެންމެ ބޮޑު އެއް ބަޔަކީ އުމުރުން ދުވަސްވީ މީހުން ކަމަށާއި އެފަރާތްތަކުގެ ރައްކާތެރިކަމަށް ހާއްސަ އަހައްމިޔަތުކަންދީ، ކަމާ ގުޅުންހުރި އިދާރާތަކުން ދޭ އިރުޝާދުތަކަށް އަމަލު ކުރުމަށް ނަސޭހަތްތެރިވާ ކަމަށެވެ.
އުމުރުން ދުވަސްވީ މީހުންގެ ދުވަހެއްބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރަނީ، އެމީހުންނަށް ރައްކާތެރި މުޖުތަމައެއް ބިނާކޮށް، ގައުމުގެ އިޖްތިމާއީ އަދި އިގްތިސޯދީ ތަރައްގީއަށް ދޮށީ އުމުރުގެ މީހުން ކޮށްފައިވާ އަގުހުރި ހިދުމަތްތަކުގެ އަގުވަޒަންކޮށް، އެ ފަރާތްތަކުގެ ބައިވެރިވުން ތަފާތު ދާއިރާތަކުގައި އިތުރުކުރުމަށް ބާރުއެޅުމުގެ ގޮތުންނެވެ.
މުޖުތަމައުގެ އެކިކަންކަމުގައި ދޮށީއުމުރުގެ މީހުންގެ ބައިވެރިވުން އިތުރުކޮށް، އެފަރާތްތަކުގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ސަމާލުކަންދީ ސިޔާސަތުތައް ބައްޓަންކުރަން ޖެހޭ ކަމަށްވެސް އެ ކޮމިޝަނުން ބުންޏެވެ. އެޗްއާރުސީއެމް އިން ބުނީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި އުމުރުން ދުވަސްވީ މީހުންނަށް ފޯރުކޮށްދޭ ހިދުމަތްތައް މިހާރަށްވުރެ ހަރުދަނާކޮށް، އެމަރުކަޒުގެ ވަސީލަތްތައް ފުޅާކުރުމަށް އެ ކޮމިޝަނުން ސަރުކާރަށް ހުށަހަޅާފައިވާ ހުށަހެޅުންތައް ތަންފީޒުކުރުމަށް ދަންނަވާ ކަމަށެވެ.
"ދޮށީ އުމުރުގެ މީހުން ގައުމަށް ކޮށްދެއްވާފައިވާ ހިދުމަތްތަކުގެ އަގުވަޒަންކޮށް، އެފަރާތްތަކަށް ލިބިދޭންޖެހޭ ހައްގުތަކާ އަދި ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި މެދު މުޖުތަމައު ހޭލުންތެރިކުރުމަށް މަދަނީ ޖަމުއިއްޔާތަކާއި މީޑިއާތަކުން ކުރަމުންދާ މަސައްކަތްވެސް މިހާރަށް ވުރެ އިތުރުކުރުމަށް މިފުރުސަތުގައި އިލްތިމާސްކުރަމެވެ" އެޗްއާރުސީއެމްގެ ބަޔާނުގައި ބުންޏެވެ.
އެޗްއާރުސީއެމް އިން އިތުރަށް ބުނީ އެކަނިވެރިކަމާއި، އެހެން މީހުންގެ ފަރާތުން ލިބޭ އަޅާލުމާއި އެކުގައި ހޭދަކުރެވޭ ވަގުތު މަޑުމަޑުން މަދުވަމުން، ހިނދެމުން ނެތިގެންދާކަމުގެ ފިކުރާއި އިޙްސާސްތައް ކުރެވޭ މިންވަރު، މިފަދަ ބަލިމަޑުކަމެއްގެ ހާލަތުގައި، ދޮށީ އުމުރުގެ ފަރާތްތަކަށް އެތައް ގުނައެއް އިތުރުވެގެން ދާނެ ކަމަށާއި އެއީކޮންމެ މީހަކުވެސް ވިސްނަން ޖެހޭ ކަމެއް ކަމަށެވެ.
ދޮށީއުމުރުގެ މީހުންގެ ހައްގުތަކާ ގުޅޭގޮތުން އެ ކޮމިޝަނަށް ފާހަގަކުރެވޭ މައްސަލަތަކާ ގުޅޭގޮތުން ބަޔާނުގައި ބުނީ އާއިލާގެ ފަރާތުން ލިބެންޖެހޭ އަޅާލުމާއި އޯގާތެރިކަން ނުލިބުމާއި، ދޮށީ އުމުރުގެ މީހުންނާ މެދު އިހުމާލުވުމާއި، މުޖުތަމައުގައި ދޮށީއުމުރުގެ މީހުންނަށް އިހުތިރާމާއި ރައްކާތެރިކަން ނުލިބުމުގެ މައްސަލަތައް ހިމެނޭ ކަމަށެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ދޮށީ އުމުރުގެ މީހުން ތިބޭ މަރުކަޒުގެ ހާލަތާއި ވަސީލަތުގެ ގިނަ ދަތިތަކެއް އެބަހުރި ކަމަށާއި އެ މަރުކަޒުގައި ބަލިމީހުނަށް ހިދުމަތްދޭން ތިބި ކެއާ ވޯކަރުން މަދުވުމުގެ ސަބަބުން އެ މަރުކަޒުގައި ތިބި ދޮށީ އުމުރުގެ މީހުންނަށް ބޭނުންވާ ހާއްސަ އެހީތެރިކަން ފޯރުކޮށްދިނުމުގައި ގިނަ ގޮންޖެހުންތަކެއް ހުރިކަން ފާހަގަ ކުރެވޭ ކަމަށް އެޗްއާރުސީއެމް އިން ބުންޏެވެ. މިކަންކަން ވީއެންމެ އަވަސް މުއްދަތެއްގައި ހައްލުކޮށްދިނުމަށް ކަމާގުޅުންހުރި ސަރުކާރުގެ އިދާރާތަކަށް ހުށަހަޅާފައިވީނަމަވެސް މި ހުށަހެޅުންތައް ތަންފީޒުވެފައި ނުވާކަމަށާއި އެކަމާމެދު ކަންބޮޑުވާ ކަމަށް އެޗްއާރުސީއެމް އިން ބުންޏެވެ.
މި އަހަރުގެ ދޮށީއުމުރުގެ މީހުންގެ ދުވަހުގެ ޝިޢާރަކީ، "ޕެންޑަމިކްސް: (އާލަމީ ވަބާ) ގެ ސަބަބުން އުމުރުން ދުވަސް ވުމާއި، ދޮށީ އުމުރުގެ މީހުންނާއި މެދު އަމަލު ކުރެވޭގޮތް ބަދަލުވޭތަ؟" މިއެވެ.
މި ޝިއާރުގެ މައިގަނޑު މަގުސަދަކީ މިހާރު ދުނިޔެއަށް ދިމާވެފައިވާ ކޮވިޑް19 ގެ ބަލި މަޑުކަމުގައި ދޮށީއުމުރުގެ މީހުންނަށް ކުރިމަތިވެފައިވާ ސިއްހީ ނުރައްކާތެރިކަމާއި، ތަހައްމަލު ކުރަންޖެހިފައިވާ ތަފާތު ދަތިތަކަށް ހޭލުންތެރިކުރުވައި، ދޮށީ އުމުރުގެ މީހުންނަށް ރައްކާތެރި މާހައުލެއް ހޯދައި ދިނުމާއި އަދި ކުރިއަށް އޮތްތާގައި ވެސް ކުރިމަތިވެދާނެ މިފަދަ ސިއްހީ ކާރިސާތަކުގެ ސަބަބުން ދޮށީއުމުރުގެ މީހުންނަށް ދިމާވެދާނެ ގޮންޖެހުންތަކުން ރައްކާތެރިކުރުމަށްޓަކައި ތައްޔާރުވެ ތިބުމަށް ބާރުއެޅުމެވެ.
މުޅި ދުނިޔޭގައިވެސް ދޮށީ އުމުރުގެ މީހުންގެ އާބާދީ އަންނަނީ އެއް ދުވަހުން އަނެއްދުވަހަށް އިތުރުވަމުންދ މިާއިރުހާރު ދިވެހިރާއްޖޭގެ އާބާދީގެ ފަސ އިންސައްތަ ހިއްސާކުރަނީ ދޮށީ އުމުރުގެ މީހުންނެވެ. 2014 ވަނަ އަހަރުގެ ބޯހިމެނުމުގެ ތަފާސްހިސާބަށް ބަލާއިރު، 2040 ވަނަ އަހަރު ދިވެހިރާއްޖޭގެ އާބާދީގެ 10 ޕަސެންޓް ހިއްސާކުރާނީ ދޮށީއުމުރުގެ މީހުންކަމަށް ލަފާކޮށްފައިވެ އެވެ.