30 Sep 2020, 23:32
އައްޑޫ ޕޮލިސް އެކެޑަމީ ހަދަން އިންޑިއާ 128 މީހަކު އައި ކަމަށާއި، އޭގެ ތެރެއިން 53 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.
ޕޮލިސް އެކެޑެމީގެ މަސައްކަތަށް އިންޑިއާ ބަޔަކު އައްޑޫއަށް ދިޔައީ މި މަހުގެ 13 ވަނަ ދުވަހުގެ ރެޔެއެވެ. އެމީހުން ދަތުރުކުރީ، އިންޑިއާއިން ސީދާ އައްޑޫ އަށެވެ.
މިރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި، އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، އިންޑިއާ އިން އައްޑޫއަށް ދިޔަ 128 މީހުން ވެސް ތިބީ ކަރަންޓީނުގައި ކަމަށެވެ.
އަދި އެމީހުން ކަރަންޓީނު ފުރިހަމަކޮށް، ރިލީޒް ސާމްޕަލް ނެގި އިރު އޭގެ ތެރެއިން 53 މީހަކު ކޮވިޑަށް ޕޮޒިޓިވް ކަމަށެވެ. އެމީހުންގެ ސާމްޕަލް ނެގީ ރޭގެ ވަގުތެއްގައެވެ.
މިއަދި އިރު އޮއްސުމާ ހަމައަށް އޭގެ ތެރެއިން 44 މީހެއްގެ ނަތީޖާ ޕޮޒިޓިވްކަން ދެނެގަނެވުނު އިރު، އިރުއޮއްސި ހައެއްގެ ފަހުން އިތުރު ނުވަ މީހަކު ވެސް ޕޮޒިޓިވްކަން ވަނީ އެނގިފައެވެ.
"އެހެންވީމަ ޖުމްލަ 128 މީހުން ޓެސްޓުކޮށް ނިމުނު އިރު އެމީހުންގެ ތެރެއިން 53 މީހުން ވަނީ ޕޮޒިޓިވްވެފަ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
އެ އެންމެން ވެސް އަދިވެސް ތިބީ ކަރަންޓީނުގައިކަން ފާހަގަކުރައްވައި ޑރ. ނަޒްލާ ވިދާޅުވީ، އެމީހުންގެ ފަރާތުން އެހެން ބަޔަކަށް ނުރައްކަލެއް ކުރިމަތިވުމުގެ ފުރުސަތު ކުޑަ ކަމަށެވެ.
އަދި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށާއި، އެއްވެސް މީހެއްގެ އަލާމާތެއް ވެސް ފެންނަން ނެތް ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ނެގި 1677 ސާމްޕަލުން 97 ސާމްޕަލް ކޮވިޑް19 އަށް ޕޮޒިޓިވްވި އިރު، އޭގެ ތެރޭގައި އިންޑިއާގެ 44 މީހުން ހިމެނެއެވެ.
ޑރ. ނަޒްލާ ވިދާޅުވީ މިއަދު ހައެއްގެ ފަހުން ޕޮޒިޓިވް ނަތީޖާ ލިބުނު ނުވަ މީހުން ހިމަނާނީ މާދަމާގެ ނަންބަރުތަކުގެ ތެރޭގައި ކަމަށެވެ.
އައްޑޫއިން މީގެ ކުރިންވެސް ކޮވިޑްގެ މަދުކޭސްތަކެއް ފެނިފައިވެ އެވެ. އެއީ މުޅިންވެސް ހޯމް ކަރަންޓީނުގައި ތިބި މީހުންނެވެ.