ށ. ޅައިމަގު ކައުންސިލް އިދާރާގެ ޒިންމާދާރުވެރިޔާގެ މުސާރަ ހިފެހެއްޓުމަށްފަހު ވަޒީފާއަށް ނުނުކުމެ ގޭގައި މަޑުކުރަން އެ ކައުންސިލުން މިއަދު ގަރާރެއް ފާސްކޮށްފި އެވެ.

ޅައިމަގު ކައުންސިލްގެ ރައީސް ހުސެއިން ޒާހިރު މިއަދު ވިދާޅުވީ ކައުންސިލުން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ސިވިލް ސާވިސް މުވައްޒަފުން މެދުވެރިކޮށް ދިނުމަށް ހުންނަ ފަރާތަކީ ޒިންމާދާރު ވެރިޔާ ކަމަށްވާއިރު އެ ކައުންސިލްގެ ޒިންމާދާރު ވެރިޔާ އިބްރާހިމް ނައީމް އެކަމަށް ހުރަސް އަޅަމުން ގެންދާ ކަމަށެވެ.

އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކައުންސިލްގެ ރައީސް ވިދާޅުވީ ޒިންމާދާރު ވެރިޔާގެ މައްސަލައިގައި ހައެއްކަ ފަހަރު ސިވިލްސާވިސް ކޮމިޝަނަށް ސިޓީ ފޮނުވާފައިވާ ކަމަށާއި ކައުންސިލުން ޒިންމާދާރުވެރިޔާއާ ހަވާލުކުރާ މަސައްކަތްތައް ޒިންމާދާރުވެރިޔާ ނުނިންމަވާތީ މިއަދުން ފެށިގެން ގޭގައި މަޑުކުރުމަށް އެންގީ ކަމަށެވެ.

"މި ކައުންސިލްގެ ފަރާތުން ވާނީ ހައެއްކަ ސިޓީ ސިވިލްސާވިސް ކޮމިޝަނަށް ފޮނުވާފަ. އެ ސިޓީތަކުގެ ޖަވާބު ވެސް އެބޭފުޅުން ފޮނުއްވާފައިވޭ. ނަމަވެސް އެއީ އަޅުގަނޑުމެން ހިންހަމަޖެހޭ ޖަވާބެއް ނޫން. އަޅުގަނޑުމެން ހިންހަމަޖެހޭ ޖަވާބެއް ކޮމިޝަނުން ފޮނުވަންދެން ޒިންމާދާރުވެރިޔާއަކަށް ވަޒީފާއަކަށް ނުނިކުމެވޭނެ،" ޒާހިރު ވިދާޅުވި އެވެ.

ޅައިމަގު ކައުންސިލްގެ ޒިންމާދާރު ވެރިޔާ ނައީމް ވިދާޅުވީ މިއަދުން ފެށިގެން ވަޒީފާއަށް ނުނިކުތުމަށާއި މުސާރަ ވެސް ހިފަހައްޓާފައިވާ ކަމަށް ބުނެ ކައުންސިލުގެ ގަރާރަކުން އޭނާއަށް އަންގާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ސިވިލްސާވިސް މުވައްޒަފަކު ވަޒީފާއަށް ނުނުކުމެ ގޭގައި މަޑުކުރުމަށް ކައުންސިލަކަށް ނޭންގޭނެ ކަމަށާއި އެފަދަ އެންގުމެއް އެންގޭނީ ސިވިލް ސާވިސް ކޮމިޝަނަށް ކަމަށެވެ. އަދި ވިދާޅުވީ ކައުންސިލުން އޭނާއާ ގުޅޭގޮތުން ދައްކާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށާއި ކަންހިނގައި ދިޔަގޮތުގެ ބަޔާނެއް ސިވިލްސާވިސް ކޮމިޝަނަށް ދީފައިވާނެ ކަމަށެވެ.

"އަޅުގަނޑާއި ބެހޭގޮތުން އެ ދައްކާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް. އެއީ އެބޭފުޅުން އަޅުގަނޑަށް ޖެއްސުން ކުރުމުގެ ގޮތުން ކުރާކަމެއް،" ނައީމް ވިދާޅުވި އެވެ.

އަދި ވިދާޅުވީ އޭނާ އަކީ ކައުންސިލް އިންތިޚާބުގައި ޑީއާރްޕީގެ ޓިކެޓްގައި އެބޭފުޅުންނާއި ވާދަކުރެއްވި ބޭފުޅެއް ކަމަށާއި އެމްޑީޕީ ފަސް މެންބަރުން ކައުންސިލަރުކަށް އިންތިޚާބުވީ ދުވަހު ވެސް އޭނާ އަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމަށް ބުނެފައިވާ ކަމަށެވެ.

މިކަމާބެހޭ ގޮތުން ސިވިލްސާވިސް ކޮމިޝަންގެ ބަހެއް އަދިވަނީ ލިބޭގޮތް ނުވެފަ އެވެ.