ޖިންސީ ގުޅުމުން އަރާ ބަލިތައް ރާއްޖޭގައި އިތުރުވެފައިވާ ކަމަށް ސެންޓަ ފޯ ކޮމިއުނިޓީ ހެލްތު އެންޑް ޑިޒީޒް ކޮންޓްރޯލް (ސީސީއެޗްޑީސީ)ން ބުނެފި އެވެ.

ސީސީއެޗްޑީސީން މިއަދު ނެރުނު ގައިން ގަޔަށްއަރާ ބަލިތަކުގެ މިދިޔަ އަހަރުގެ ރިޕޯޓުގައި ބުނެފައި ވަނީ ޖިންސީ ގުޅުމުން އަރާ އެހެނިހެން ބަލިތައް އިތުރުވެފައިވާއިރު އެފަދަ ބަލިތައް ޖެހުމަށް މަގުފަހިވާ ފަދަ ޢަމަލުތައް ރާއްޖޭގެ ޒުވާނުންގެ މެދުގައި އިތުރުވެފައިވާ ކަމަށެވެ.

އަދި މިދިޔަ އަހަރު އެޗްއައިވީ ހުރިތޯ ބެލުމަށް އަމިއްލައަށް އެދިގެން ޓެސްޓްކޮށްފައިވާ މީހުންގެ ތެރެއިން ދިވެއްސަކާއި 17 ބިދޭސީއަކު އެޗްއައިވީ އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ރިޕޯޓުގައި ވެއެވެ. އަދި ބުނެފައި ވަނީ އެ އަދަދާއެކު މިހާތަނަށް އެޗްއައިވީ އަށް ޕޮޒިޓިވްވި ދިވެހިންގެ އަދަދު 15 އަށް އަރާފައިވާ ކަމަށެވެ.

ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެހެން އަހަރުތަކާ ޚިލާފަށް މިދިޔަ އަހަރަކީ ޑެންގީހުން ޖެހިގެން މީހުން މަރުވި އަދަދު އިތުރުވެފައިވާ އަހަރެކެވެ. މުޅި ރާއްޖެއިން 2909 މީހަކަށް ޑެންގީހުން ޖެހި އޭގެތެރެއިން 12 މީހަކު މަރުވި އެވެ.

މިދިޔައަހަރު ރާއްޖޭގައި އަލަށް 88 މީހަކަށް ޓީބީ ޖެހިފައިވާއިރު، ބޭހައް ނުގުޑާ ޓީބީ ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ ތިން މީހެއްގެ ސާމްޕަލް ނަގައި ރާއްޖޭން ބޭރަށް ފޮނުވާފައިވާ ކަމަށް ވެސް ސީސީއެޗްޑީސީގެ ރިޕޯޓުގައި ބުނެފައި ވެއެވެ.

ރާއްޖެއިން މެލޭރިއާ ނައްތާލާފައިވާތާ 26 އަހަރު މިދިޔަ އަހަރު ވެފައިވާއިރު، 1997 ވަނަ އަހަރުން ފެށިގެން ކޮންޓްރޯލް ކޮށްފައިވާ ލެޕްރެސީ ބަލިޖެހިފައިވާ 13 މީހަކު މިދިޔަ އަހަރު ވަނީ ފެނިފަ އެވެ. އޭގެ ތެރެއިން ދެ މީހުންނަކީ ބިދޭސީންނެވެ. އަދި އަހަރު ނިމިގެން ދިޔައިރު ހަތަރު މީހަކު ވަނީ ލެޕްރެސީގެ ފަރުވާ ފުރިހަމަކޮށްފަ އެވެ.

މީގެއިތުރުން ވެސް މިދިޔަ އަހަރު ރުބެއްލާ ޖެހިފައިވާ މީހަކާއި ޓެޓްނަސްޖެހިފައިވާ ތިން މީހެއްގެ އިތުރުން ކޯ ފުއްޕި ޖެހިގެން 69 މީހަކު ރިޕޯޓުކޮށްފައިވާ ކަމަށް ސީސީއެޗްޑީސީގެ ރިޕޯޓުގައި ވެއެވެ.

ސީސީއެޗްޑީސީން ބުނީ މިދިޔަ އަހަރު ގައިންގަޔަށް އަރާބަލީގެ ތަފާސްހިސާބު އެއްކުރުމުގައި ސިއްހީ ޚިދުމަތްދޭ ގިނަ މަރުކަޒުތަކުގެ އެއްބާރުލުން ލިބުނު ނަމަވެސް އެ ސެންޓަރަށް ރިޕޯޓު ކުރުމުގައި އިތުރަށް ސަމާލުކަންދޭންޖެހޭ ކަންތައްތަކެއް ފާހަގަކުރެވިފައި ހުރި ކަމަށެވެ.