04 Jul 2010, 11:23
14:30
ކޮންމެވެސް މީހަކާ އެކު ފައިސާގެ މުއާމަލާތެއް ހިންގައިފައިވާ ކަމަށް ރައްޔިތުންގެ މަޖިލިސްގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމު ވިދާޅުވެ، ޕީއޭގެ ރައީސް އަދި ރައްޔިތުންގެ މަޖިލިސްގެ މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީނާ ދެމެދު، ދެކެވިފައިވާ ކަމަށް ތުހުމަތުކުރެވޭ އޯޑިއޯ ކްލިޕެއް ޓީވީއެމުން ފޮނުވައިފި އެވެ.
މި އޯޑިއާ ލީކޮށްލާފައި ވަނީ ސަރުކާރު ވައްޓާލުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅުއްވިކަމުގެ ތުހުމަތުގައި މި މަހުގެ 15 ވަނަ ދުވަހު ރެ އާ ހަމައަށް ޔާމީނާއި ގާސިމް އިބްރާހިމް ގޭ ބަންދުކުރައްވާފައި ވަނިކޮށެވެ.
ޓީވީއެމުން ބުނީ އެ އޯޑިއޯ ކްލިޕަކީ އެހެން ރޭޑިއޯއަކުން ފޮނުވި ކްލިޕެއް ކަމަށެވެ.
މިކަމާ ގުޅިގެން ސަން އެފްއެމަށް ދެއްވި އިންޓަވިއުއެއްގައި ޔާމީން މިއަދު ވިދާޅުވީ އެ އޯޑިއޯ އޭނާ އަދި އަޑުނާއްސަވާ ކަމަށެވެ. އަދި ޕީއޭގައި މަސައްކަތް ކުރައްވާ ނާޒިމާއި އޭނައާ ދެމެދު ފައިސާގެ މުއާމަލާތެއްގެ ވާހަކަ ފޯނުން ދެކެވިފައި އޮވެދާނެ ކަމަށާއި ޕީއޭ ހިންގުމަށް ފައިސާ ހޯދުމާ ބެހޭ ވާހަކަތައް ގާސިމާ އެކު ވެސް ދެކެވިފައި އޮވެދާނެ ކަމަށެވެ. ނަމަވެސް ސަރުކާރު ވައްޓާލުމަށް ނުވަތަ މަޖިލިސްގެ މެމްބަރުންނަށް ބަޔަކަށް ރިޝްވަތު ދިނުމާ ބެހޭ ވާހަކައެއް ދައްކާފައިނުވާނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
މިއޯޑިއޯ ކްލިޕްގައި ދެކެވިފައިވާ ވާހަކަތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރ އަހުމަދު ނާޒިމް މިއަދު ވިދާޅުވީ ޕީއޭގެ ރައީސް ޔާމީންގެ އިތުރުން އެހެނިހެން ފަރާތްތަކާ އެކުވެސް ފައިސާގެ މުއާމަލާތްތައް ކުރެވިފައި ހުންނާނެ ކަމަށެވެ. އަދި މިއީ މިސަރުކާރުން އެބޭފުޅުންގެ ހައްޤުތަކަށް އަރައިގަނެގެން ކޮށްފައިވާ ވަރަށް ދަށު ދަރަޒައިގެ އަމަލެއް ކަމަށާއި އެމައްސަލަ ބައްލަވާނެ ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ.